އަމިއްލަ ކަމެއް ދިމާވެގެން ކަމަށް ބުނެ، އޮޑި ސްޕޯޓްސް ކްލަބަށް ގެނައި ކޯޗު، ޕޯޗުގަލްގެ ރުއީ ގްރެގޯރިއޯ އެނބުރި ގައުމަށް ދާން ޖެހިއްޖެއެވެ.

އޮޑިން މުޅިން އަލަށް މިދިޔަ ސީޒަނުގެ ފުރަތަމަ ޑިވިޝަނުގައި ވާދަކޮށް، ލީގުގެ ދެވަނަ ހޯދައި ޕްރެޒިޑެންޓްސް ކަޕްވެސް ކާމިޔާބުކުރިއެވެ. އެއީ ކޯޗު އަންދްރެސް ގާސިއާގެ އިރުޝާދުގެ ދަށުންނެވެ. އަންދްރެސް މިދިޔަ ސީޒަނަށްފަހު ކްލަބު ދޫކޮށްލާފައިވާ އިރު، ގްރެގޯރިއޯއަކީ މި ސީޒަނަށް ގެނައި ކޯޗެކެވެ. އެޓީމުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ކުޅުނު ލީގުގެ ފުރަތަމަ މެޗުގައިވެސް ކޯޗަކަށް ހުރީ އޭނާއެވެ.

އެހެން ނަމަވެސް، އޮޑިން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދި އިރު، އެޓީމަށް އިއްޔެ އިރުޝާދު ދިނީ އެސިސްޓެންޓް ކޯޗު އަހުމަދު ފައްރާހް (ފައްރަ) އެވެ.

އޮޑި ސްޕޯޓްސްގެ ޖެނެރަލް ސެކްރެޓަރީ އަލީ ޝިފާޒް "ވަން ސްޕޯޓްސް"އަށް ވިދާޅުވީ ކޯޗުގެ އާއިލީ ކަމެއް ދިމާވެގެން އެއްބަސްވުން ބާތިލުކޮށްދޭން އެދުމުން އެކަމަށް އިހުތިރާމުކޮށް ކްލަބުން އެއްބަސްވުން ބާތިލުކުރަން ނިންމާފައިވާ ކަމަށެވެ. އެއްބަސްވުން އުވާލީ ދެފަރާތް އެކަމަށް އެއްބަސްވެގެން ކަމަށާއި، ކޯޗު ވަރަށް އަވަހަށް އާއިލާ ގާތަށް ދާން ފުރާނެ ކަމަށްވެސް ޝިފާޒް ވިދާޅުވިއެވެ.

އޭގެ އިތުރުން އަލީ ޝިފާޒް ވިދާޅުވީ އޮޑިން އާ ކޯޗެއް ހޯދަމުން އަންނަ ކަމަށެވެ.

އޮޑިން މިހަފުތާ ލީގުގައި ކުޅުނު މެޗުގައި އިއްޔެ ބުރު ސްޕޯޓްސް ކްލަބު ކައިރިން ވަނީ މޮޅުވެފައެވެ.