މިދިޔަ މަހުގެ 12 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު، އއ. މާޅޮސް، އޯކިޑްމާގެ އަބްދުއްރަހުމާން އާދަމް، މަރުވިކަން އެއްވެސް ބަޔަކަށް ނޭނގެނީސް އެ ވާހަކަ، އަބްދުއްރަހުމާންގެ އާއިލާ މީހެއްގެ ކައިރީގައި ބުނަން، މި މަރުގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި އެކަކު ގުޅިކަން އެނގިއްޖެއެވެ.
އަބްދުއްރަހުމާންގެ މަރުގެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ ރޭގެ ވަގުތެއްގައި ތިން މީހަކު ހައްޔަރުކޮށްފައެވެ. އެމީހުން ހައްޔަރު ކުރީ ފުލުހުންގެ ޓީމެއް އެރަަށަށް ގޮހެވެ. އަނެކަކު ހައްޔަރުކުރީ މާލެއިން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ދެ އޮޕަރޭޝަންވެސް ހިންގާފައިވަނީ އެއް ވަގުތެއްގައި ތިން މީހަކު ހައްޔަރު ކުރުމަށެވެ.
މި އެންމެންނަކީވެސް އަބްދުރަހުމާން މަރާލި އިރު ރަށުގައި ތިބި މީހުން ކަމަށްވެސް އެނގިފައިވެއެވެ.
ހައްޔަރުކުރި މީހުން:
އަހުމަދު ފާރިޝް
އަހުމަދު އާޝިދު
މުހައްމަދު ވިޝާމް
"ވަން" އެނގިފައިވާ ގޮތުގައި އޭގެ ތެރެއިން އަހުމަދު ފާރިސް، ވަނީ އެ ރޭ އަބްދުއްރަހްމާންގެ ދަރިއަކަށް ގުޅައިފައެވެ. އެ ދަރިފުޅު އެ ވަގުތު ހުރީ މާލޭގައެވެ. ފާރިސް ގުޅި ނަމަވެސް އެ ފޯނަށް ޖަވާބު ދެވިފައިނުވެއެވެ. ފަހުން ދަރިފުޅު ގުޅުމުން، އެ ފަހަރު ގުޅީ އަބްދުއްރަހުމާން ދިރިއުޅޭގެ ކައިރިއަށް މީހުން އެއްވެގެން އުޅޭތީކަމަށް ފާރިސް ބުނި ކަމަށެވެ.
ނަމަވެސް ފާރިސް ފުރަތަމަ ގުޅި އިރު، އަބްދުއްރަހުމާން މަރުވެގެން އުޅޭކަން އެއްވެސް މީހަކަށް ނޭނގޭ ކަމަށްވެއެވެ.
"ވަން" ގެ ޓީމުން ރަށު ކައުންސިލް އަދި އެހެން ބައެއް ފަރާތްތަކާ ވާހަދައްކައިގެން ހޯދި މައުލޫމާތުން އެނގޭ ގޮތުގައި އަބްދުއްރަހުމާނަށް ހަމަލާދީފައިވަނީ ދަ މެންދަމު އެކެއްގެ ފަހުންނެވެ. އަބްދުއްރަހުމާން ރޯ އަޑަށް ހޭލެވިގެން އޭނާގެ އަންހެނުން ދިޔައިރު އަބްދުއްރަހުމާން އޮތީ ލެއިން ތަތްތެޅިފައެވެ. ހޭނެތިފައި ފާޑަކަށް އޮތްނަމަވެސް، އުނދަގޫ ގޮތަކަށް ނޭވާލަމުން ދިޔަ އަޑު އިވެމުން ދިޔައެވެ.
ހާދިސާ ހިނގިތާ މާ ގިނައިރުތަކެއް ނުވަނީސް އަބްދުއްރަހުމާން މި ރަށު ސިއްހީ މަރުކަޒަށް ގެންދެވުނެވެ. ނަމަވެސް އޭގެ މާގިނަ އިރުތަކެއް ނުވެ، ފަރުވާ ދެމުން އަންނަނިކޮށް އޭނާ މަރުވިއެވެ. އެހެންކަމުން ފާރިސް، އަބްދުއްރަހުމާންގެ ދަރިފުޅަށް ގުޅައިފައިވަނީ މެންދަމު 1:00 ޖެހިތާ އެހާ ގިނައިރު ނުވަނީކަމަށް ބެލެވެއެވެ.
އަބްދުއްރަހުމާންގެ މަރުގެ މައްސަލަ ތަހުގީގުކުރާ ފުލުހުންގެ ޓީމުގެ ސަމާލުކަމަށްވެސް އެ ފޯން ކޯލްވަނީ އައިސްފައެވެ. އެކަމާ ގުޅިގެން ފުލުހުންވަނީ ފާރިސްއާ ސުވާލުކޮށްފައިކަން އެނގިފައިވެއެވެ.
އެފަހުން ފުލުހުން ވަނީ އަބްދުއްރަހުމާންގެ މަރުގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ތިން މީހުން ދިރިއުޅޭގެ ބަލައި ފާސްކޮށް، އަންނައުނާއި އެހެނިހެން ބައެއް ތަކެތި ގެންގޮސްފައެވެ. އެކަން މީގެ ކުރިން ފުލުހުންވެސް ވަނީ "ވަން" އަށް ކަށަވަރުކޮށްދީފައެވެ. އެއީ ކޯޓު އަމުރެއްގެ ދަށުން ފުލުހުން ކުރިއަށް ގެންދިޔަ ބަލައިފާސްކުރުމުގެ އޮޕަރޭޝަނަކެވެ.
ފުލުހުން އެ ތިން މީހުން ދިރިއުޅޭގެ ބަލައިފާސްކޮށްފައިވަނީ މިމަހުގެ ނުވަ ވަނަ ދުވަހުއެވެ. އެ ދުވަހު އެ ރަށުން "ވަން" އަށް މައުލޫމާތު ދިން މީހަކު ބުނެފައިވަނީ މީހަކު ބުނީ އަބްދުއްރަހުމާންގެ މަރުގެ މައްސަލައިގެ ތުހުމަތުގައި ފުލުހުން ވަނީ ބައެއް މީހުންނާ ސުވާލުކޮށް، ބަލައި ފާސްކުރުންތަކެއް ކުރިއަށް ގެންގޮސްފައެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި، ބަލައިފާސްކުރި ތަންނަތަނާއި، ހިފެހެއްޓި އިލެކްޓްރޯނިކް ސާމާނާ ހައްޔަރު ކުރި މީހުންނާ ގުޅުން އެބަހުއްޓެވެ.
އަބްދުއްރަހުމާން ޒަހަމްތަކަކާއެކު ފެނުނު މީހަކު "ވަން" އަށް ބުނެފައިވަނީ ބޮލަށް އަނިޔާކޮށްފައި ހުރުމުގެ އިތުރުން އޭނާގެ ލޮލަށްވެސް ވަރަށް ބޮޑަށް އަނިޔާކޮށްފައިވާ ކަމަށެވެ. ލޯމަތި ހުރީ ނޫފައިގެންފައިކަމަށް އޭނާ ބުންޏެވެ. އަބްދުއްރަހުމާންގެ ނިތްކުރި މަތީންނާއި ބޮލުގެ އަރިމަތީން ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައިވާ ކަމަށާއި ފުއްކިބައިންވެސް ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައިވާކަމަށް "ވަން"އަށް މައުލޫމާތު ދިން ފަރާތުން ބުނެފައިވެއެވެ.
ހައްޔަރުކުރި މީހުންނާ ގުޅޭ ގޮތުން ފުލުހުންގެ ރަސްމީ ބަހެއް އަދި ނެތެވެ.
މުހައްމަދު އިޝާން
މަރުގެ މައްސަލަތައް
މަރުގެ މައްސަލަތައް