ކްރިސްޓަލް ޕެލެސްއަށް ކުޅެމުންދާ ފޯވަޑް އެބެރެޗީ އެޒޭ އާސެނަލާ ގުޅުމަށް އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ނޫސްތައް ބުނެފިއެވެ.

އެޒޭ، 60 މިލިއަން ޕައުންޑްގެ ޓްރާންސްފާއެއްގައި އާސެނަލަށް ދާން އެއްބަސްވެފައިވާ ކަމަށް ނޫސްތައް ޔަގީންކޮށްދީފައިވާ އިރު، އޭނާ ހޯދަން ޓޮޓެންހަމްއިން ދިޔައީ މާ ކުރިންވެސް މަސައްކަތް ކުރަމުންނެވެ. މީގެ ދެ ހަފުތާ ދުވަސްކުރި ޓޮޓެންހަމްއިން ކުރި ބިޑަކަށް ޕެލެސްއިން އާނއެކޭ ބުނި ކަމަށްވެސް ނޫސްތަކުން ޔަގީން ކޮށްދެއެވެ.

އެ އެއްބަސްވުމާއެކު ޓޮޓެންހަމްއިން އެޒޭއާއެކު މުސާރައަށް މަޝްވަރާކޮށް ޓްރާންސްފާ ފައިނަލް ކުރުމުގެ މަރުހަލާއަށް ގޮސްފައިވާ އޮއްވާ، އާސެނަލުން ޓްރާންސްފާގެ ތެރެއަށް ވަނީ ރޭގައެވެ. އެހިސާބުން އާސެނަލުން ވަރުގަދަ ބިޑަކާއެކު އެޒޭ ގެންދިޔުމުގެ ހުރިހާ ކަމެއް ނިންމާފައިވާ ކަމަށް ނޫސްތައް ބުނެއެވެ.

ހަބަރުތައް ބުނެފައި ވަނީ އާސެނަލުން އެޑް އޮންސްގެ ގޮތުގައި އަށް މިލިއަން ޕައުންޑްވެސް ދައްކަން އެއްބަސްވެފައިވާ ކަމަށެވެ.

އެޒޭ ހޯދަން އާސެނަލުން މަސައްކަތް ފެށީ ކައި ހަވާޓްސްއަށް ލިބުނު އަނިޔާގެ ސަބަބުންނެވެ. ހަވާޓްސްގެ ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކަކަށް ކުޅުމާ ދުރަށް ދާން ޖެހިދާނެ ކަމަށް ނޫސްތައް ބުނެފައިވާ އިރު، އެޒޭއަކީ އޭނާ ނެތްތައް ފޫބައްދަން ގެންދާ ކުޅުންތެރިޔާ ކަމަށްވެސް ހަބަރުތައް ބުނެއެވެ.

މިރޭ ޔޫއެފާ ކޮންފަރެންސް ލީގު ކޮލިފިކޭޝަންގައި ޕެލެސްއިން ފްރެޑިކްސްޓަޑާ ދެކޮޅަށް ކުޅޭ މެޗަށް އެޒޭ ނުކުންނާނެ ކަމަށް ކޯޗު އޮލިވިއޭ ގްލަސްނާ ބުނެފައިވެއެވެ. އެ މެޗުގައި އެޒޭ ކުޅުނު ނަމަވެސް، ޓްރާންސްފާ ސީޒަން ނިމުމުގެ ކުރިން އޭނާ އާސެނަލަށް ބަދަލުވާނެ ކަމަށް އިތުބާރު ނޫސްތަކުން ޔަގީންކޮށްދެއެވެ.

ޕެލެސްއިން މިދިޔަ ސީޒަނުގެ އެފްއޭ ކަޕްވެސް ކާމިޔާބުކޮށްފައިވާ އިރު، އެޒޭ ވަނީ ސީޒަނުގައި 14 ގޯލު ޖަހައިފައެވެ. އަދި އެފްއޭ ކަޕްގެ ފައިނަލުގައި މެންޗެސްޓާ ސިޓީ ކޮޅަށްވެސް ގޯލު ޖެހީ އެޒޭއެވެ.