ލިވަޕޫލަށް ކުޅެމުންދާ މިސްރުގެ ފޯވަޑް މުހައްމަދު ސަލާހް، ތިންވަނަ ފަހަރަށް ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަން (ޕީއެފްއޭ)ގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފިއެވެ.

ސަލާހް، މިހާތަނަށް ތިން ފަހަރަށް ޕީއެފްއޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ އިރު، އޭނާއަކީ އެ އެވޯޑު ތިންފަހަރު ހޯދި ހަމައެކަނި ކުޅުންތެރިޔާއެވެ. ސަލާހް ވަނީ ލިވަޕޫލަށް ކުޅުނު ފުރަތަމަ ސީޒަނުގައި 2018 ވަނަ އަހަރުގެ ޕީއެފްއޭ އެވޯޑު ހޯދައިފައެވެ. އޭގެ އިތުުރުން 2022 ވަނަ އަހަރުވެސް ސަލާހް އެ އެވޯޑު ހޯދިއެވެ.

ސަލާހާއެކު ލިވަޕޫލުން މިދިޔަ ސީޒަނުގެ ލީގު ކާމިޔާބުކޮށްފައިވާ އިރު، އޭނާއަކީ މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުން ހޮވި އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން ރަން ބޫޓުވެސް ހޯދި ކުޅުންތެރިޔާއެެ. އަދި އޭގެ އިތުރުން އެންމެ ގިނަ އެސިސްޓާއެކު އެންމެ މޮޅު ޕްލޭ މޭކަރަކީވެސް ސަލާހެވެ. އެހެންކަމުން ސަލާހަކީ ޕްރިމިއާ ލީގުގެ އެ ތިން އެވޯޑުވެސް އެއް ސީޒަނެއްގައި ހޯދި ފުރަތަމަ ކުޅުންތެރިޔާއެވެ.

ސަލާހް، 2017 ވަނަ އަހަރު ލިވަޕޫލާ ގުޅިފައިވާ އިރު، މިދިޔަ ސީޒަނަކީވެސް ފާހަގަކޮށްލެވޭ ކާމިޔާބު ސީޒަނެކެވެ. އެގޮތުން އޭނާ ވަނީ 29 ގޯލު ލީގުގައި ކާމިޔާބުކޮށް، 18 އެސިސްޓް ފުރިހަމަކޮށްފައެވެ.