ރާއްޖޭގެ ފުޓުބޯޅައަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިއަހަރު ކުރިއަށްދާ އަލިމަސް ޔޫބީލް ހަރަކާތްތަކުގައި ބޭނުންކުރުމަށް ލޯގޯ އާއި ބްރޭންޑިންގެ ތައްޔާރު ކުރުމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހުޅުވާލައިފިއެވެ.

އެފްއޭއެމްއިން މިއަދު ކުރި އިއުލާނުގައި ބުނީ ލޯގޯއާއެކު ކަލާ ޕެެލެޓެއްގެ އިތުރުން ޓައިޕޯގްރަފީއާއި އެ ތަކެތީގެ ބޭނުންކުރާނެ ގޮތުގެ ގައިޑްލައިނެއް ތައްޔާރުކޮށްދޭނެ ފަރާތްތަކަށް ފުރުސަތު ހުޅުވާލާ ކަމަށެވެ.

އެފްއޭއެމްގެ އިއުލާނުގައި ބުނީ ބްރޭންޑިންއާއި ލޯގޯ ތައްޔާރުކުރަންވާނީ ރަތް، ނޫ، ރީނދޫ، އަދި ފެހި ކުލަ ހިމަނައިގެން ކަމަށެވެ. ފަރުމާކުރެވޭ ލޯގޯއަކީ ދިވެހި ފުޓްބޯޅައިގެ މާޒީ ރަމްޒުކޮށްދޭފަދަ އަމިއްލަވަންތަ ލޯގޯއަކަށް ވާންވާނެ ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.

އެއްވަނަ ބްރޭންޑިންނާއި ލޯގޯއަކަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، ވަނަ ދިނުމުގައި ބަލާނީ އަމިއްލަ ވަންތަކަމަށާއި ފަރުމާގެ ފުރިހަމަކަމަށް އަދި ދިވެހި ފުޓުބޯޅައިގެ މާޒީ ދައްކުވައިދީފައިވާ މިންވަރަށެވެ.

ބްރޭންޑިންއާއި ލޯގޯ ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީހަކީ 27 އޯގަސްޓް 2025 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިންނެވެ.

ރޭ ޑައިމަންޑް ޖުބިލީ ކޮމިޓީން ބޭއްވި ޕްރެސްގައި ވާހަކަ ދައްކަވަމުން އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ޗެއާމަން އަހުމަދު މުބީން ވިދާޅުވީ ބްރޭންޑިން ތައްޔާރުކުރަން ވިސްނަނީ މުޅި އަހަރު ހުރިހާ އިވެންޓްތަކެއްވެސް އެ ބްރޭންޑިންގައި ކުރިއަށް ގެންދަން ކަމަށާއި، މި އަހަރު ކުރިއަށް ގެންދާ ހުރިހާ އިވެންޓްތަކެއްގައިވެސް 75 އަހަރު ފުރުން ފާހަގަކުރެވޭނެ ކަމަށެވެ.

މުބީން ރޭގެ ޕްރެސްގައި ވާހަކަ ދައްކަވަނީ --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

މުބީން ވިދާޅުވީ އަލިމަސް ޔޫބީލްގެ ބްރޭންޑިން މަސައްކަތްތަކުގެ އިތުރުން ލަވައެއް ހެދުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ކުރެވޭނެ ކަމަށެވެ.