ރާއްޖޭގެ ފުޓުބޯޅައަށް އަލިމަސް ޔޫބީލް (75 އަހަރު ފުރުން) ކުލަގަދަކޮށް ފާހަގަކުރުމަށް ހިންގާ ހަރަކާތްތަކުގެ ތެރެއިން ގައުމީ ޓީމަށް އެކިއެކި މުއްދަތުތަކުގައި ކުޅުނު ހުރިހާ ކުޅުންތެރިންގެ އަގުވަޒަން ކުރުމަށް ރާވާފައިވާ ކަމަށާއި، އޭގެ ތެރެއިން އެއްވެސް ކުޅުންތެރިޔަކު އުފާފާޅުކުރުމުގެ ތެރެެއިން ބާކީ ނުވާނެ ކަމަށް "ޑައިމަންޑް ޖުބިލީ ކޮމިޓީ" ގެ ޗެއާމަން އަލީ ސުޒޭން ވިދާޅުވެއްޖެއެވެ.
ފުޓުބޯޅައިގެ އަލިމަސް ޔޫބީލް ފާހަގަކުރުމަށް އެފްއޭއެމްއިން ހާއްސަ ކޮމިޓީއެއް ނަގައިގެން މަސައްކަތް ކުރަމުންދާ އިރު، އެ ކޮމިޓީން ރޭ ވަނީ ނޫސްވެރިންނާ ބައްދަލުކޮށްފައެވެ.
ކޮމިޓީގެ ޗެއާމަން ސުޒޭން ރޭ ވިދާޅުވީ މިފަހަރު އިވެންޓްތައް ބާއްވަނީ ގަލޮޅު ދަނޑުގައި އެކަނި ނޫން ކަމަށާއި، މުޅި ރާއްޖެއަށް ހަރަކާތްތައް ފުޅާކުރާނެ ކަމަށެވެ.
"ރާއްޖޭގައި 75 ކަމެއް ކުރަން މިހާރުވެސް ވަނީ ނިންމާފައި. މާލޭގެ ގަލޮޅު ދަނޑުގައި އެކަނި ކުރެވޭނެ ކަމެއް ނޫން ކުރަން މި އުޅެނީ. މުޅި ރާއްޖޭގައި މި ހަރަކާތްތައް ކުރިއަށް ގެންދަން މި މަސައްކަތް މި ރާވަނީ. އަތޮޅު ތެރެއިން ރަށްރަށުގެ ކައުންސިލުތަކުން މިކަމަށް އެއްބާރުލުން ދީގެން މިކަން ކުރަން ބޭނުންވަނީ ވަރަށް ބޮޑުކޮށް. އެއީ ފުޓުބޯޅައަށް 75 އަހަރުވެގެން ދާއިރު، މި ކުޅިވަރުގެ އެތައް ސްޓޭކްހޯލްޑަރުންނެއް އެބަތިބި ތުރާކުނުން ފެށިގެން އައްޑު އަތޮޅާ ހަމައަށް،" ސުޒޭން ވިިދާޅުވިއެވެ.
ސުޒޭން ފާހަގަކުރީ 2000 ވަނަ އަހަރު ފުޓުބޯޅައަށް 50 އަހަރުވެގެން ގޯލްޑަން ޖުބިލީ މުބާރާތެއް ބާއްވައި ކަންތައްތަކެއް ކުރި ނަމަވެސް، ހަގީގީ ސްޓޭކްހޯލްޑަރުންގެ އަގަ ވަޒަންކުރެވުނު ކަމާމެދު ސުވާލުތަކެއް ހުރި ކަމަށެވެ.
އެހެންނަމަވެސް، މިފަހަރުގެ ވިސްނުން ހުރީ ފުޓުބޯޅައަށް ކޮންމެ ހިދުމަތެއް ކުރި މީހެއް ނަމަވެސް، އެކަމުގެ އަގުވަޒަން ކުރުމަށް ކަމަށާއި، ރާއްޖޭގެ ގައުމީ ޓީމަށް މިދިޔަ ދުވަސްތަކުގައި ކުޅުނު ކޮންމެ ކުޅުންތެރިއެއްގެ އަގުވެސް ވަޒަން ކުރަން ރާވާފައިވާ ކަމަށެވެ.
"މިވަރުގެ ބޮޑު ކަމަކަށް، އުފާފާޅުކުރުމަކަށް ދާއިރު، މި ހިސާބަށް މިކަން ގެނައި މީހުންގެ އަގުވަޒަން ކުރުމަކީ ޔަގީނުންވެސް ކުރަން ޖެހޭނެ ކަމެއް. ދެން މިދިޔަ 75 އަހަރު ތެރެއިން ރާއްޖޭގެ ފުޓުބޯޅަ ބައިނަލްއަގުވާމީ ވިތާ މިވަނީ 46 އަހަރުވެފައި. 46 އަހަރު ވެގެން ދިޔަ އިރު، ގައުމީ ޓީމަށް ކުރީއްސުރެ މިއަދާ ހަމައަށް ކުޅެފައި ހުރި ކޮންމެ މީހަކަށް މި 75 އަހަރުގެ ހަނދާން އެފްއޭއެމްއިން ދޭނެ. ގައުމީ ޓީމުގައި ހިމެނުނު ކުޅުންތެރިޔަކު ނުހުންނާނެ މިކަމުގައި ބާކީވެފައެއް. މިކަމުގެ ތެރެއިން އެ ކުޅުންތެރިންނަށް ހަނދާނީ ލިޔުމާއި މެޑަލްވެސް ދޭން. އޭގެ އިތުރުން ގައުމީ ކެޕްޓަނުން ފާހަގަކޮށް، ކެޕްޓަނުންނަށްވެސް ހާއްސަ ހަނދާނެއް ދޭނެ،" ސުޒޭން ރޭ އިތުރަށް ވިދާޅުވިއެވެ.
ފުޓުބޯޅައިގެ އަލިމަސް ޔޫބީލަކީ އެފްއޭއެމްގެ އާ އެކްސްކޯއިން މުހިންމު ކަމެއް ދެމުންދާ މަސައްކަތެކެވެ. މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) އެފްއޭއެމްއާ ހަވާލުވެވަޑައިގެންނެވި ފަހުން ފުޓުބޯޅައިގެ އޮނިގަނޑަށްވެސް ބަދަލު ގެންނަވާފައިވާ އިރު، އަލިމަސް ޔޫބީލްގެ މަސައްކަތްވެސް ފެންނަނީ އަވަސްކޮށް ކުރިއަށްދާތެނެވެ.
ޑައިމަންޑް ޖުބިލީ - ފުޓުބޯޅަ
ޑައިމަންޑް ޖުބިލީ - ފުޓުބޯޅަ
ޑައިމަންޑް ޖުބިލީ - ފުޓުބޯޅަ
ޑައިމަންޑް ޖުބިލީ - ފުޓުބޯޅަ