މާލޭ އާއި މާލެ ކައިރި ސަރަހައްދުތަކެއްގައި ޓެރަރިޒަމްގެ ނުރައްކާތެރި އަމަލުތަކެއް ހިންގަން އުޅުނު ތިން މީހަކަށް ދައުވާކޮށްފިއެވެ.
އެނގިފައިވާ ގޮތުގައި މި މައްސަލައަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާއަތަށް ތާއިދުކުރާ ބަޔަކު ދޭން އުޅުނު ހަމަލާއެއްގެ މައްސަލައެކެވެ. ނަމަވެސް އެ ހަމަލާގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށާއި އެމްއެންޑީއެފްގެ އިންޓެލިޖެންސަށް ލިބުމާ ގުޅިގެން، ފުލުހުންނާއި ސިފައިން ގުޅިގެން މިއަހަރުގެ މާޗު މަހުގެ ތެރޭގައި ހިންގި އޮޕަރޭޝަނެއްގައި އެތިން މީހުން ވަނީ ހައްޔަރުކޮށްފައެވެ.
އެ ތިން މީހުންގެ މައްޗަށް ދައުވާކުރަން ކުރިމިނަލް ކޯޓަށް ފޮނުވާފައިވަނީ މިއަހަރުގެ ޖުލައި މަހުގެ ދެވަނަ ދުވަހުގައެވެ.
ދައުވާކުރަން ނިންމި ތިން މީހުން:
- އަބްދުﷲ ހުވަރައިސް ބިން މުހައްމަދު، މ. އެޗީވް / ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ - 17 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން / ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހާވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާ - އެއް އަހަރާއި ތިން އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން / ހަނގުރާމައަށް މީހުން ފޮނުވުމަށް މަސައްކަތް ކުރުމުގެ ކުށުގެ ދައުވާ - 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން
- ސައުސަން ރަޝީދު، ގދ. ނަޑެއްލާ، ހިތަށްފިނިވާގެ / ހަނގުރާމައަށް ދާން އުޅުމުގެ ކުށުގެ ދައުވާ - ފަސް އަހަރާއި ހަތް އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން / ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހާވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާ - އެއް އަހަރާއި ތިން އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން
- އިބްރާހިމް ވިސާމް، ސ. މަރަދޫ، ފިނިފެންމާގެ / ހަނގުރާމައަށް ދާން އުޅުމުގެ ކުށުގެ ދައުވާ - ފަސް އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން
ފުލުހުން އެ ތިން މީހުން ހައްޔަރުކުރުމަށް ހިންގި އޮޕަރޭޝަނެއްގައި ވަނީ މާލޭގެ ބައެއް ގެތަކާއި އިއްޒުއްދީން ފާލަން ކައިރިން ޕިކަޕެއް ހުއްޓުވައި ބަލައިފާސްކޮށް، ހެކީގެ ގޮތުގައި ބައެއް ތަކެތި އަތުލައިގެންފައެވެ.
މުހައްމަދު އިޝާން
ޓެރަރިޒަމް
ޓެރަރިޒަމް
ޓެރަރިޒަމް