އއ. މަތިވެރީގައި އެއާޕޯޓް ހެދުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

މަތިވެރި އެއާޕޯޓަށް ބިން ހިއްކުމުގެ މަސައްކަތް ފައްޓަވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މަތިވެރީގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސެއިން އިމްރާން އަބްދުލްމުހައިމިނާއި މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދާއި މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރާއި އެ ރަށު ކައުންސިލް ރައީސް އަހުމަދު އަސްލަމެވެ.

މަތިވެރީގެ ބިން ހިއްކުމާއި އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ.

މި މަސައްކަތް އެމްްއޭސީއެލްއާ ހަވާލުކޮށްފައިވަނީ ރައީސް މުއިއްޒު، މަތިވެރީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ.

އެކަމުގެ އެއްބަސްވުމުގައި ފިނޭންސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރު ހުސައިން އިމްރާނެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދެވެ.

20 އޮގަސްޓު 2025، އއ. މަތިވެރި އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، ބައިވެރިވެވަޑައިގަންނަވަނީ ----- ފޮޓޯ: ރައީސް އޮފީސް

މަތިވެރި އެއާޕޯޓު ތަރައްގީކުރާނެ ބަޔަކު ހޯދަން އިއުލާނުކުރީ މިދިޔަ މެއި މަހުގެ ތެރޭގައެވެ. އެ އެއާޕޯޓު ތަރައްގީކުރަން އިއުލާނުކުރީ "ކްރޮސް ސަބްސިޑީ" އުސޫލުންނެވެ.

އެ މަޝްރޫއުގައި ހިމެނެނީ 1500 މީޓަރުގެ ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ތަރައްގީކުރުމާއި ޓެކްސީވޭއާއި އޭޕްރަންގެ އިތުރުން ފަސިންޖާ ޓާމިނަލާއި ފަޔާ ސްޓޭޝަންގެ އިތުރުން އެއާޕޯޓުގެ މަގުތައް ތަރައްގީކުރުމެވެ.

މަތިވެރީ ފަޅުން ހިއްކުމަށް ހަމަޖައްސާފައިވަނީ 26.5 ހެކްޓަރުގެ ބިމެވެ.

މަތިވެރީގައި ރޭ ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ބިން ހިއްކުމާއި އެއަޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ދެ އަހަރާއި ހަ މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.