ފުލުހުންގެ ދުވަހުން ދުވަހަށް ކުރިއަށް ގެންދާ އާންމު ޕެޓްރޯލިންއާއި ފުލުހުންގެ ތަފާސް ހިސާބު ތަކުން ދައްކާ ގޮތުން، ކުށް ހިންގާ ކަމަށް ފާހަގަކުރެވޭ ބައެއް ސަރަހައްދުތަކުގައި އުމުރުން 18 އަހަރު ނުފުރޭ ފިރިހެން ކުދީންގެ ގްރޫޕްތައް އެއްވެ ތިބޭ މިންވަރު އިތުރުވެފައިވާކަން ފާހަގަކުރެވިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ކުށުގެ މާހައުލުތަކަށް ކުޑަކުދިން ހުށަހެޅުމަކީ އެ ހިދުމަތުން ކަންބޮޑުވާކަމެއް ކަމަށެވެ.

"މިކަމުގެ ސަބަބުން ކުޑަކުދީން ގުރޫމިންގެ ޝިކާރައަކަށް ވެ، ރައްކާތެރިނޫން ހާލަތްތަކާ ކުރިމަތިލާން ޖެހުމުގެ ފުރުސަތު އިތުރުވެ، ގާނޫނާ ހިލާފަށް އެއްގަމު އުޅަނދު ދުއްވުމަށް ހިތްވަރު ލިބި، މައިންބަފައިންނާ ނުރުހުން ވެ ފިލައިގެން ގެއިން ނުކުމެ، މަސްތުވާތަކެތީގެ ވަބާއަށް ހުށަހެޅި، އަދި ގާނޫނާ ހިލާފު އެހެނިހެން އަމަލުތަކުގައި ބައިވެރިވުމުގެ ފުރުސަތު އިތުރުވެގެންދޭ" ފުލުހުން ބުންޏެވެ.

އެހެންވެ އެފަދަ ކަންކަމުގައި މައިންބަފައިންނާއި ބެލެނިވެރިން އިތުރަށް ސަމާލުވެ، ކުދީން ހަރަކާތްތެރިވާ ތަންތަން ބެލުމަށާއި، އަދި ރައްކާތެރިކަމާއި ޒިންމާދާރު އުޅުމާ ބެހޭގޮތުން އެ ކުދިންނާއެކު ވާހަކަދައްކައި މަޝްވަރާތައް ކުރުމަށް އިލްތިމާސްކުރާކަމަށް ފުލުހުން ބުންޏެވެ.

ކުށުގެ އަމަލުތައް ހިންގާ ސަރަހައްދުތަކަށް އަމާޒުކޮށް ސްޕޮޓް ޗެކް ކުރުމާއި، ދުވަހުން ދުވަހަށް ކުރާ ޕެޓްރޯލިންގެ ތެރެއިން ގާތުން މޮނިޓާކޮށް ބަލަހައްޓަމުން ދިޔުން ނުހުއްޓި ކުރިއަށް ގެންދާނެކަމަށް ފުލުހުން ބުންޏެވެ. ކުޑަކުދީންގެ ރައްކާތެރިކަމާއި ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި މައިންބަފައިންނާއި، އެޑިއުކޭޝަން މިނިސްޓްރީއާއި ދައުލަތާއި މުޖުތަމައުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.

ކުޑަކުދީން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކޮށް، އެ ކުދީންނަކީ ޒިންމާދާރު، ހެޔޮލަފާ، ހުލްގުހެޔޮ ބައެއްގެ ގޮތުގައި މުޖުތަމައަށް ނެރެދިނުމަށްޓަކައި، މައިންބަފައިންނާއި ބެލެނިވެރިންގެ އިތުރުން، ކަމާގުޅުންހުރި ދައުލަތުގެ އެންމެހައި މުއައްސަސާތަކުން ވެސް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކުރުމަށް ގޮވައިލާކަމަށް ފުލުހުން ބުންޏެވެ.

އެފަދަ ކަމަކާ ގުޅިގެން އެއްވެސް އެހީތެރިކަމެއް ބޭނުންވާ ނަމަ، ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ނަންބަރު 9790163، ނުވަތަ ވިކްޓިމް ސަޕޯޓް ޔުނިޓްގެ ނަންބަރު 9770640 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެ ކަމަށާއި ކުއްލި ހާލަތެއްގައި 911 ގުޅުމަށް އިލްތިމާސްކުރާކަމަށް ފުލުހުން ބުންޏެވެ.