ސަރުކާރުގެ އިދާރާތަކުން ދޭ ހިދުމަތްތައް ފަސޭހަކަމާއެކު، ޑިޖިޓަލްކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ހެދި ޕްލެޓްފޯމް، "ވަންގަވް" އާ ގުޅިގެން އިލެކްޓްރޯނިކް ހިދުމަތްތަކާ ބެހޭގޮތުން ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތަކުގެ ޑްރާފްޓް ވާނީ ކަމާބެހޭ މިނިސްޓްރީތަކަށް ފޮނުވާފައި ކަަމަށް ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ސައީދާ އުމަރު ވިދާޅުވެއްޖެއެވެ.

"ވަންގަވް" އާ ބެހޭގޮތުން އެ ކުންފުނިން ކުރަމުންގެންދާ މަސައްކަތްތައް އޮޅުންފިލުވުމަށް އެ ކުންފުނީގެ އިސް ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީއަށް ހާޒިރުކޮށް މެންބަރުން ކުރެއްވި ސުވާލުތަކުގެ ތެރެއިން، ޓެކްނިކަލް މަސައްކަތްތަކެއް ކުރަމުންދާ އިރު، ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އާއި ޓްރޭޑްނެޓާ ދެމެދު ކޮންފްލިކްޓެއް އުފެދިފައިވޭތޯ ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ސައީދާ ވިދާޅުވީ، އެފަދަ ކަމެއް ނެތް ނަމަވެސް، ގާނޫނަކުން ސާފުވާންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

"ކޮންފްލިކްޓެއް އޮތް ކަމަކަށް ނުދެކެން، ނަމަވެސް މިކަންކަން ބޮޑަށް ސާފުވެފައި އޮތުމަށް ގާނޫނީ އޮނިގަނޑު ފުރިހަމަވެފައި އޮތުން މުހިންމު. ރެގިއުލޭޓަރެއްގެ ދައުރާއި، ސިޔާސަތު ކަނޑައަޅާ ފަރާތެއްގެ ދައުރާއި އިމްޕްލިމެންޓްކުރާ ފަރާތެއްގެ ދައުރު، އަޅުގަނޑުމެންގެ ދައުރަކީ ފަންނީ ގޮތުން ސިޔާސަތު އެކުލަވާލާއިރު ރެގިއުލޭޓްރީ ފްރޭމްވޯކުތައް އެކުލަވާލާއިރު އެއަށް ބޭނުންވާ މައުލޫމާތުތައް، ޓެކްނިކަލް ކުންފުންޏެއްގެ ހައިސިއްޔަތުން ފޯރުކޮށްދިނުން،" އޭނާ ވިދާޅުވިއެވެ.

"ވަން ގަވް" ޕްރޮޖެކްޓަށް މިހާތަނަށް 11 މިލިއަން ރުފިޔާ ހަރަދުވެފައިވާތީ ބައެއް މެންބަރުން ކުރެއްވި ސުވާލުތަކާ ގުޅިގެން ސައީދާ ވިދާޅުވީ، މިއީ ދިވެހިންނަށްޓަކައި ދިވެހިން ކޮށްދިން އިންވެސްޓްމެންޓެއް ކަމަށެވެ.

"ވަން ގަވް މަސައްކަތް ފެށީ 2021 ގައި، ޖުލައި 2023 ގައި ރައްޔިތުންނަށް ހިދުމަތް ލައިވް ކުރީ، ލޯކަލް ޓީމަކުން މުޅިން އަލަށް އުފެއްދި ޕްރޮޑަކްޓެއް އެއީ. އެހެންކަމުން ފުރަތަމަ ދެ އަހަރު އެ އުފައްދާ ޑިޒައިން ކުރުމުގައި ދިޔައީ، އެހެންކަމުން ހަރަދުވެގެންދިޔަ 11 މިލަޔަނަކީ ހަމައެކަނި ޑިޖިޓަލް މަސައްކަތެއް ކުރަން އެކަނި ހަރަދުވި ފައިސާއެއް ނޫން،" އޭނާ ވިދާޅުވިއެވެ.

ސައީދާ ވިދާޅުވީ އެއީ ދިވެހި އުފެއްދުމެއް އުފައްދަން ކުރި ހޭދައެއް، ދިވެހި ދަރިންތަކެއް އައިޓީ ޓެކްނޮލޮޖީއަށް ބިނާކުރަން އަދި ދެމެހެއްޓިނިވިގޮތެއްގައި ޑިޖިޓަލް ހިދުމަތް ރައްޔިތުންނާ ހަމައަށް ފޯރުކޮށް ދިނުމަށް ކުރި ހޭދައެއް ކަމަށާއި އެއީ ރައްޔިތުން ކުރި ބޮޑު އިންވެސްޓްމެންޓެއް ކަމަށެވެ. އަދި އެއީ ދިވެހިންނަށްޓަކައި ދިވެހިން ކޮށްފައި އޮތް އިންވެސްޓްމެންޓެއް ކަމުން، ދެެހެއްޓެނިވި ގޮތެއްގައި ދަަމަހައްޓަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.