ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީީ)އިން ބިޒް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށް، ފައިސާ ދެއްކުމުގެ ގޮތުން، ދައްކަން ޖެހޭ އަދަދަށްވުރެ ގިނައިން ދެއްކި ފައިސާގެ އަދަދު، ސިވިލް ކޯޓުން، އާރްޑީސީއާ އަނބުރާ ހަވާލުކޮށްފިއެވެ.

ސިވިލް ކޯޓުން ވަނީ 648،000 ރުފިޔާ، ބިޒް ސޮލިއުޝަނަށް ދެއްކުމަށް މިއަހަރުގެ ފެބްރުއަރީ މަހުގެ ދެވަނަ ދުވަހު ހުކުމްކޮށްފައެވެ. ހުކުމާ އެއްގޮތަށް އާރްޑީސީން ފައިދާ ނުދައްކާކަމަށް ބުނެ ސިވިލް ކޯޓުގެ އެ ހުކުމް ތަންފީޒުކޮށްދިނުމަށް އެދި ބިޒް ސޮލިއުޝަންގެ ފަރާތުން ވަނީ ސިވިލް ކޯޓަށް އިތުރު މައްސަލައެއް ހުށަހަޅައިފައެވެ.

އެ މައްސަލައާ ގުޅިގެން ސިވިލް ކޯޓުން އިއްޔެކުރި ހުކުމުގެ ރައުޔުގައި މައްސަލަ ބެއްލެވި ގާޒީ އާއިޝަތު އަޒުފާ އަބްދުއްޣަފޫރު ވިދާޅުވީ ސިވިލް ކޯޓުން ހުކުމްކޮށްފައި ވަނީ 15 ދުވަހުގެ ތެރޭގައި 648،000 ރުފިޔާ، ބިޒް ސޮލިއުޝަނަށް ދެއްކުމަށް ކަމަށެވެ.

ނަމަވެސް އާރްޑީސީން އެ ފައިސާ ނުދައްކާތީ ބިޒް ސޮލިއުޝަންގެ ފަރާތުން މައްސަލަ ހުށަހަޅައި، ޝަރީއަތް ކުރިއަށް ދަނިކޮށް އާރްޑީސީން ވަނީ 400،000 ރުފިޔާ ދައްކާފައިކަން، ކޯޓަށް މައްސަލައަށް ހުށަހެޅުނު ރަސީދުތަކުން އެނގޭކަމަށް ގާޒަީ ވިދާޅުވިއެވެ.

އާރްޑީސީން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހުޅުވާފައިވާ އެކައުންޓަކުން 284.93 ޑޮލަރާއި ހަމަ އެ ބޭންކުގައި ހުޅުވާފައިވާ އިތުރު އެކައުންޓަކުން 135،659.31 ރުފިޔާ އަދި މޯލްޑިވްސް އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ޑޮލަރު އެކައުންޓަކުން 500 ޑޮލަރާއި އެ ބޭންކުގެ ރުފިޔާ އެކައުންޓަކުން 128،402.58 ރުފިޔާ ހިފަހައްޓައި، އެ ފައިސާ ސިވިލް ކޯޓަށް ފޮނުވުމަށް އެންގުމުން، އެ ފައިސާ ޖަމާކޮށްފައިވާކަން ލިޔެކިޔުންތަކުން އެނގޭކަމަށް ގާޒީ ވިދާޅުވިއެވެ.

އެގޮތަށް އާރްޑީސީން، ކޯޓަށް ފައިސާ ޖަމާކުރިއިރު އިތުރަށް ޖަމާކޮށްފައިވާ ފައިސާތައް، އަނބުރާ އާރްޑީސީގެ އެކައުންޓުތަކަށް ޖަމާކޮށްދީފައިވާކަމަށް ގާޒީ ވިދާޅުވިއެވެ. އަދި ދަރަނި ހަލާސްކުރުމުގެ ގޮތުން ކޯޓަށް ގެނެސްފައިވާ ފައިސާއިން، ދަރަނީގެ ބާކީގެ ގޮތުގައިވާ 248،000 ރުފިޔާ ބިޒް ސޮލިއުޝަނަށް ދޫކުރުމުގެ ގޮތުން ފިނޭންސް މިނިސްޓްރީއަށް ވައުޗާ ފޮނުވާފައިވާކަމަށް ގާޒީ ވިދާޅުވިއެވެ.

ބިޒް ސޮލިއުޝަންގެ ފަރާތުން 20،000 ރުފިިޔާ ޝަރީއަތުގެ ހަރަދުގެ ގޮތުގައި ނަގައިދިނުމަށް އެދުނު ނަމަވެސް "ތަންފީޒުކުރުމަށް އެދި ހުށަހަޅާ ފޯމް" ޝަރީއަތަށް ހުށަހެޅިއިރު ޝަރީއަތުގެ ހަރަދު ނަގައިދިނުމަށް އެދިފައި ނުވާތީ އެ ހަރަދު ނަގައި ނުދެވޭނެކަމަށް ގާޒީ ވިދާޅުވިއެވެ.

ގާޒީ ވިދާޅުވީ އާރްޑީސީން ދައްކަން ޖެހޭ ދަރަނި ދައްކައިފައި ވުމުން މި މައްސަަލަ އިތުރަށް ކުރިއަށް ގެންދާނެ ތަނެއް ނެތް ކަމަށެވެ.

އެހެންވެ ގާޒީ ހުކުމްކުރެއްވީ އާރްޑީސީން، ބިޒް ސޮލިއުޝަނަށް ދައްކަން ޖެހޭ ފައިސާ ހުކުމާ އެއްގޮތަށް ދައްކާފައިވާތީ، ހުކުމް ތަންފީޒުވެފައިވާކަމަށް ކަނޑައަޅައި، ޝަރީއަތުގެ ހަރަދު ނަގައިދެވެން ނެތްކަމަށް ކަނޑައަޅައި މައްސަލަ ނިންމާ ކަމަށެވެ.