ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަލަށް އެކުލަވާލި ރާއްޖޭގެ ފުޓުބޯޅަ ލީގުގެ އޮނިގަނޑުގެ ދަށުން ރާއްޖޭގެ ތިން ރީޖަނެއްގައި މިއަހަރު ފަށާ، އެޓޯލް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.
އެފްއޭއެމްއިން މިރޭ ކުރި އިއުލާނުގައި ވާގޮތުން، އާ ފުޓުބޯޅަ އޮނިގަނޑުގައިވާ ހަތަރު ރީޖަންގެ ތެރެއިން އަތޮޅު ތެރެއަށް ނިސްބަތްވާ ތިން ރީޖަނެއްގައި މިއަހަރު މުބާރާތް ކުރިއަށްދާނެއެވެ. އެގޮތުން އެ ރީޖަންތަކުގެ ތިންވަނަ ޑިވިޝަން މުބާރާތް ކަމަށްވާ އެޓޯލް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހު އެކެއްގެ ކުރިން، މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމު، އެފްއޭއެމްއަށް އީމެއިލް ކުރުމަށްވެސް އެދިފައިވެއެވެ.
ރީޖަނަލް މުބާރާތްތަކުގެ ތާރީހުތައް
- ނޯތު ރީޖަން - 1 އޮކްޓޯބަރު 2025 އިން 30 ނޮވެމްބަރު 2025 އަށް
- ސެންޓްރަލް ރީޖަން - 15 ނޮވެމްބަރު 2025 އިން 30 ޑިސެމްބަރު 2025 އަށް
- ސައުތު ރީޖަން - 1 ޑިސެމްބަރު 2025 އިން 15 ފެބްރުއަރީ 2026 އަށް
އެފްއޭމްއިން ތިން ރީޖަނަލް ލީގުގެ ތާރީހުތައް އިއުލާނު ކޮށްފައިވާ އިރު، ދެން ކުޅޭނީ މާލޭ ރީޖަންގެ މުބާރާތެވެ. އެއީ ދެވަނަ ޑިވިޝަނުގެ މުބާރާތެކެވެ. އަތޮޅު ތެރޭގައި އެޓޯލް ޗެމްޕިއަންޝިޕަކީ ތިންވަނަ ޑިވިޝަނުގެ ގޮތުގައި ފުޓުބޯޅަ ޕިރަމިޑުން ކަނޑައަޅާފައިވާ އިރު، ރީޖަނަލް ލީގަށް ދާނީ ޒޯން ބުރަށްފަހުއެވެ. ރީޖަނަލް ލީގަކީ ދެވަނަ ޑިވިޝަނެވެ.
ކޮންމެ ރީޖަނަކުންވެސް ޓީމެއް އަންނަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަން ކުޅޭ އިރު، އެ ކޮލިފިކޭޝަނުގައި ދިވެހި ޕްރިމިއާ ލީގުގެ ހަތްވަނަ އަދި އަށްވަނަ ޓީމު ކުޅޭނެއެވެ. މިހާރު އޮތް ގޮތުން އަންނަ މަހު ފަށައި، ދިވެހި ޕްރިމިއާ ލީގުގެ ފުލަށް ދާ ދެޓީމު ރެލިގޭޓް ވާނެއެވެ.
އެފްއޭމްއިން ރީޖަންތައް ބަހާފައިވާ ގޮތަށް ބަލާ އިރު، ނޯތު ރީޖަންގައި ހިމެނޭނީ ހއ، ހދ، ރ، ނ، ށ، ބގެ އިތުރުން ޅަ އަތޮޅުގެ ޓީމުތަކެވެ. ސެންޓްރަލް ރީޖަންގައި ކ، އއ، އދ، ވ، މ، ފ، ދ އަތޮޅުގެ ޓީމުތައް ހިމެނޭ އިރު، ސައުތު ރީޖަންގައި ހިމެނޭނީ ތ، ލ، ގއ، ގދ، ޏ އަދި ސ އަތޮޅުގެ ޓީމުތަކެވެ.
އެޓޯލް ޗެމްޕިއަންޝިޕް، ޓީމުތައް ބައިވެރިވާ ނިސްބަތަށް ބަލައި، ސެންޓްރަލައިޒްކޮށް ހޯސްޓް ކުރުމަށް އެފްއޭއެމްއިން ނިންމާފައިވާ އިރު، ކޮންމެ ރީޖަނެއްގެވެސް ކޮލިފިކޭޝަން ބެހިގެންދަނީ ދެ ޒޯނަކަށެވެ. ކޮންމެ އަތޮޅެއްގެ އަތޮޅު ޗެމްޕިއަނާއި ރަނާސް އަޕް ޒޯން މުބާރާތަށް ދާ އިރު، ރީޖަނަލް ލީގަށް ދާނީ ޒޯން މުބާރާތުންނެވެ.
އެޓޯލް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ފުރަން ޖެހޭ ފޯމުގައި ރަށުގެ ކައުންސިލުގެ އިގުރާރެއް ހިމަނާފައިވެއެވެ. އެގޮތުން ބައިވެރިވާ ކްލަބެއް، ރަށެއް އަވަށެއް ތަމްސީލުކުރުމަށް ކައުންސިލުގެ އިއުތިރާޒެއް ނެތް ކަމަށް ބަޔާންކުރަން ޖެހޭނެއެވެ.
އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕް
އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕް
އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕް
އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕް