ލިވަޕޫލާއި ބޯންމައުތު ކުޅުނު ޕްރިމިއާ ލީގު މި ސީޒަނުގެ ފުރަތަމަ މެޗުގައި، ބޯންމައުތުގެ ފޯވަޑް އެންޓޮއިން ސެމެންޔޯއަށް ނަސްލީ ގޮތުން ދިމާކުރި ލިވަޕޫލްގެ ސަޕޯޓަރު ހައްޔަރުކޮށްފައިވާ ކަމަށް އިނގިރޭސިވިލާތުގެ ފުލުހުން ބުނެފިއެވެ.
ސެމެންޔޯއަށް ނަސްލީ ގޮތުން ދިމާކޮށްފައި ވަނީ މެޗުގެ ފުރަތަމަ ހާފުގައެވެ. ސަޕޯޓަރެއްގެ ފަރާތުން އެފަދަ ބަހަކުން ސެމެންޔޯއަށް ނިސްބަތްކޮށް ވާހަކަ ދެއްކުމުން، ދަނޑުގެ ޓެކްނިކަލް އޮފިޝަލުން ވަނީ ރެފްރީގެ ސަމާލުކަމަށް އެކަން ގެނެސްފައެވެ.
ރެފްރީ އެންތަނީ ޓެއިލާ ވަގުތުން މެޗު ހުއްޓުމަކަށް ގެނެސް، ދެޓީމުގެ ކޯޗުންނަށް އެކަން ސާފު ކޮށްދީފައިވާ އިރު، ދަނޑުގެ ސިސްޓަމުން އެކަން އިއުލާނުވެސް ކޮށްފައިވެއެވެ. އެ މައްސަލަ ހައްލުކޮށް އަލުން ކުޅުން ފެށީ ސެމެންޔޯއާ ވާހަކަ ދައްކާ، އޭނާގެ ފަރާތުން ހުއްދަ ހޯދައިގެންނެވެ.
ސެމެންޔޯއާ ނަސްލީ ގޮތުން ދިމާކުރި އުމުރުން 47 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށް މާސީ ސައިޑް ފުލުހުން ބުނެފައިވާ އިރު، އެ މައްސަލައިގައި އަމަލުކުރި ގޮތަށް ސެމެންޔޯ ވަނީ ޝުކުރު އަދާކޮށްފައެވެ.
ސެމެންޔޯ ބުނީ ލިވަޕޫލްގެ އެންފީލްޑުން އޭނާއަށް ދިން ލޯތްބާއި އިހުތިރާމުގެ އިތުރުން ނަސްލީ ގޮތުން ދިމާކުރުމުން ރެފްރީއާއި މެޗު އޮފިޝަލުން ކަންތައްތައް ކުރި ގޮތަށްވެސް ޝުކުރު އަދާކުރާ ކަމަށެވެ.
އޭގެ އިތުރުން ސެމެންޔޯ ބުނީ ބޯންމައުތުގެ ކުޅުންތެރިންނާއި ސަޕޯޓަރުން އޭނާއަށް ދިން ހިތްވަރަށްވެސް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު