އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީން ކުޅުނު މެޗުގައި ވުލްވްސް ކައިރިން 4-0 އިން މޮޅުވި ނަމަވެސް، އެ ނަތީޖާއަށް ބިނާކޮށް، ސިޓީ އެންމެ ރަނގަޅު ފޯމަށް އެނބުރި އައީ ކަމަށް ނުބެލެވޭނެ ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ސިޓީން ރޭ ވުލްވްސް ދަނޑުގައި 4-0 އިން މޮޅުވި އިރު، އެޓީމުގެ ފޯވަޑް އާލިން ހާލަންޑް ވަނީ ދެ ގޯލު ޖަހައިފައެވެ. އަދި އަލަށް ގެންދިޔަ ޓިޖާނީ ރެއިންޑާސްއާއި ރަޔަން ޗެރްކީ މެޗުގައި ގޯލު ޖެހި އިރު، ދަނޑުގައި ތިބި ސިޓީ ސަޕޯޓަރުން ވަނީ "ސިޓީ އާ ބެކް" ކަމަށް ބުނެ، ޗޭންޓް ކޮށްފައެވެ.

"އެއީ ރަނގަޅު ފެށުމެއް. އެހެންވިޔަސް މިއީ އަދި މުޅި ސީޒަނުގެ ފޯމު ކަނޑައެޅޭނެ ނަތީޖާއެއް ނޫން. މިދިޔަ ސީޒަންވެސް ފެށީ 2-0 އިން ޗެލްސީ ބަލިކޮށްގެން. އެކަމަކު ދެން ވީ ގޮތް ބަލާ!. ކުރަން ޖެހޭ މަސައްކަތް އަދި އޮތީ ކުރިޔަށް. އެތައް ޕޮއިންޓަކަށް ބުރަކޮށް މަސައްކަތް ކުރަން ޖެހޭ،" ސިޓީ ސަޕޯޓަރުންގެ ޗޭންޓް ކުރުމަށް ޖަވާބު ދެމުން ގާޑިއޯލާ ބުންޏެވެ.

ސިޓީން މިދިޔަ ސީޒަނުގެ ކުރިން ޖެހިޖެހިގެން ހަތަރު ފަހަރަށް ލީގު ނަގާފައިވާ އިރު، މިދިޔަ ސީޒަން ނިންމާލީ ހުސް އަތާއެވެ. ޕްރިމިއާ ލީގުގެ ތިންވަނައަށް އެޓީމު ވެއްޓިފައިވާ އިރު، މިއީ ގާޑިއޯލާއަށްވެސް މުޅިން އާ ފެށުމެކެވެ.

މިދިޔަ ސީޒަނުގެ ބޮޑު ބައެއްގައި އަނިޔާގައި ހުރި ރޮޑްރީ ކްލަބު ވޯލްޑް ކަޕަށްފަހު އަނެއްކާ އަނިޔާގައި ހުރި އިރު، ސީޒަނަށް ސިޓީ ނުކުތީ ކެވިން ޑި ބްރޭނާއާއި ޖެކް ގްރީލިޝް ފަދަ ކުޅުންތެރިން ވިއްކާލުމަށްފަހުއެވެ. އޭގެ އިތުރުން ގޯލްކީޕަރު އެޑަސަންވެސް ކްލަބު ދޫކޮށް، ތުރުކީއަށް ދިޔުމާ ގާތް ކަމަށް ނޫސްތައް ބުނެއެވެ.

އެޑަސަން ރޭގެ މެޗުގައި ކުޅެފައެއްވެސް ނުވެއެވެ.

"އަހަރެމެންނާ އަލަށް ގުޅުނު ކުޅުންތެރިންނާއެކު ސްކޮޑު ވަރުގަދަ ވެއްޖެ. އެހެންވީމަ ދެން ޖެހޭނީ ވާ ގޮތެއް ބަލަން. ސްކޮޑު ބޮޑުވީމަ، މުޅި ސްކޮޑު ބޭނުންކުރަންވެސް ޖެހޭ. އެހެންވީމަ އެ ޗެލެންޖްތައް ވެސް ހުންނާނެ،" ގާޑިއޯލާ ބުންޏެވެ.