ސްޕެނިޝް ލަ ލީގާގެ އެންމެފަހުގެ ޗެމްޕިއަން ބާސެލޯނާއިން ސީޒަން ފަށަން ކުޅުނު މެޗުގައި ރޭ ރަށުން ބޭރުގައި މަޔޯކާ ބަލިކޮށްފިއެވެ.
ރޭގެ މެޗު ވެގެންދިޔައީ ޑްރާމާ ބޮޑު މެޗަކަށެވެ. މާޔޯކާއަށް މެޗުގެ ފުރަތަމަ ހާފުގައި ދެ ރަތް ކާޑު ދައްކާފައިވާ އިރު، އެޓީމުން މެޗު ނިންމާލީ ނުވަ ކުޅުންތެރިންނާ އެކުގައެވެ. 3-0 ގެ ނަތީޖާއަކުން ބާސާއިން މެޗު ކާމިޔާބުކުރީ ފަސޭހަކަމާއެކުގައެވެ.
ރޭގެ މެޗު ތެރެއިން ބާސާއާ އަލަށް ގުޅުނު މާކަސް ރަޝްފޯޑު ކުޅެން ނެރެފައިވާ އިރު، އޭނާއަށް މެޗަށް ނުކުމެވޭނެކަމާ މެދު ސުވާލުތަކެއް އޮތެވެ. ފައިސާގެ މައްސަލަތަކުގެ ސަބަބުން ރަޝްފޯޑުގެ ރަޖިސްޓްރޭޝަން ފުރިހަމަ ނުވެގެން އެކަމާ ކޯޗު ހާންސީ ފްލިކް ހިތްހަމަ ނުޖެހުންވެސް ފާޅުކޮށްފައިވެއެވެ.
އެ ހާލަތުގައި އޮއްވާ، އިއްޔެ މެޗުގެ ކުރިން ނެރުނު ސްކޮޑުގައި ރަޝްފޯޑު ހިމަނައި، ރަޖިސްޓްރީ ކޮށްފައިވާ އިރު، އޭނާ ފެނުނީ ދެވަނަ ހާފުގައެވެ. އެއީ 1989 ވަނަ އަހަރު ގެރީ ލިނެކާއަށްފަހު، ބާސާއަށް ކުޅުނު ފުރަތަމަ އިނގިރޭސި ކުޅުންތެރިޔާއެވެ.
މެޗުގެ ހަތްވަނަ މިނެޓުގައި ބާސާއިން ވަނީ ލީޑު ނަގައިފައެވެ. އަރިމަތިން ލެމީން ޔަމާލް ނަގައިދިން ހުރަސް، ބޮލުން ގޯލަށް ވައްދާލީ ރަފީނިއާއެވެ.
ދެން މެޗުގައި ފެނުނީ ޑްރާމާ ބޮޑު މަންޒަރުތަކެކެވެ. 23 ވަނަ މިނެޓުގައި ފެރާން ޓޮރެސް ބާސާއަށް ދެވަނަ ގޯލެއް ޖެހި ވަގުތު، މަޔޯކާގެ ކެޕްޓަން އެންޓޯނިއޯ ރައިލޯ އޮތީ ބޮލަށް ލިބުނު އަނިޔާއެއްގެ ސަބަބުން ވެއްޓިފައެވެ. އެއީ އޭގެ ކުރިން ޔަމާލް ޖެހި ބޯޅަ ބްލޮކް ކުރުމުގެ ތެރެއިންނެވެ.
އެކަމާ ޝަކުވާކުރުމުން މަނޫ މޯލާންސްއަށް ރީނދޫ ކާޑު ދައްކާފައިވާ އިރު، އޭގެ އިރުކޮޅެއްފަހުން އޭނާ ކުރި ފައުލަކަށް ދެވަނަ ރީނދޫ ކާޑާއެކު ރަތެއް ދެއްކިއެވެ.
އެ ރަތް ކާޑަށް 10 މިނެޓުވެސް ނުވަނީސް، މަޔޯކާގެ ވެދާތު މުރިގީއަށްވެސް ރަތް ކާޑު ދެއްކިއެވެ. އެއީ ބާސާ ކީޕަރު ޖޮއާން ގާސިއާއަށް ނުރައްކާތެރި ފައުލެއް ކޮށްގެންނެވެ. އެ ރަތް ކާޑަކީ ވީއޭއާރް ބަލައި ރެފްރީ ދެއްކި ރަތް ކާޑެކެވެ.
މަޔޯކާއިން 10 ކުޅުންތެރިންނާއެކު ހާފު ނިންމާލި އިރު، އޭގެފަހުން ބާސާ މެޗު ޑޮމިނޭޓް ކުރިއެވެ. އެޓީމުން ތިންވަނަ ގޯލަކާއެކު މެޗު ނިންމާލި އިރު، އެ ގޯލު ޖެހީ ޔަމާލެވެ.
މުޙައްމަދު ޝަމްޢޫން
ބާސެލޯނާ
ބާސެލޯނާ
ބާސެލޯނާ
ބާސެލޯނާ