ޒަކާތުގެ ގާނޫނު އެކުލަވާލެވިގެންދިއުމުން، ރާއްޖޭގެ ޒަކާތުގެ ނިޒާމަކީ އިސްލާމީ ދުނިޔޭގައި ވެސް ފާހަގަކޮށްލެވޭ ނިޒާމަކަށް ވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޒަކާތު ފަންޑުން އިސްލާމީ ދާއިރާތަކުން މަތީ ތައުލީމު ހާސިލުކުރުމަށްދޭ ސްކޮލާޝިޕް އަދި ހާއްސަ ސްކޮލާޝިޕްގެ ލިޔުން ހަވާލުކުރުމަށް މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް ސިޔާސީގޮތުން ބަދަލުތަކެއް އައިކަމުގައިވިޔަސް، ރާއްޖޭގެ ތާރީހުގައި ރޯޅިއެއް ނައިސް، އެންމެ ރަނގަޅަށް ހިނގަމުން އައި ނިޒާމަކީ ޒަކާތުގެ ނިޒާމު ކަމަށެވެ.

ޝަހީމް ވަނީ ދާދިފަހުން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޒަކާތާ ބެހޭ ބިލާ ގުޅޭގޮތުން ވެސް ވާހަކަދައްކަވައިފައެވެ. މިއީ ރާއްޖޭގެ ތާރީހުގައި ޒަކާތާ ބެހޭ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ.

"ޒަކާތު ހައުސް އުފެދި، އިސްލާމީ ޝަރީއަތާއި ފިގުހުގެ އަލީގައި ޒަކާތުގެ ނިޒާމު ހަރުދަނާކުރެވިގެންދާ އިރުގައި، އަދި ޒަކާތަށް ހާއްސަ ގާނޫނެއް ދިވެހިރާއްޖޭގައި ﷲ އިރާދަކުރެއްވިއްޔާ އުފެދިގެން ތަސްދީގުކުރެވިގެން ދިއުމަށްފަހުގައި، އަޅުގަނޑު އުންމީދުކުރަނީ ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމަކީ މިއީ އިސްލާމީ ދުނިޔޭގައި ވެސް ފާހަގަކޮށްލެވޭ ނިޒާމަކަށް ވެގެންދާނެއޭ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ ރާއްޖޭގައި ޒަކާތުގެ ކަންކަން ތަތުބީގުކުރަމުން، ތަންފީޒުކުރަމުންދަނީ އިސްލާމީ ޝަރީއަތުގެ ފިގުހުގެ މައްޗަށް، ޒަމާނީ ފިގުހުގެ މައްޗަށް، ހާޖަތާއި ހާލަތަށް ބަލައި ޝަރުއުގެ މަގާސަދުތަކުގެ މައްޗަށް އަލިއަޅުވައިގެން ކަމަށެވެ. އަދި މިއަދު ބައެއް ކަންކަން ފަހިކޮށްދިނުމަށް ނިޒާމެއް ގާއިމުކުރަން ބޭނުންވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑުމެންނަށް ބޭނުންވޭ ފަގީރުންގެ ދަފްތަރުގައި ރަޖިސްޓާކުރެވިފައި ތިބޭ ފަގީރުންނަށް، އޭގެ ތެރެއިން ބޯހިޔާވަހިކަން ނެތް މީހުންނަށް ހިލޭ ބޯހިޔާވަހިކަން ވެސް ދޭން. ހަތަރު މިލިއަން، ތިން މިލިއަން ރުފިޔާ ދީފައި ފަގީރަކަށް އެޕާޓްމަންޓެއް ގަނެދިނުން، މިއީ އެއްވެސް ކަމެއް ނޫން. މިއީ ހަމަ ކުރެވިދާނެ ކަމެއް. އެކަމަކު އެ ނިޒާމު ގާއިމުކުރަން މި ޖެހެނީ. ގާނޫނީގޮތުން ވަކި ކަހަލަ އުސޫލުތަކެއްގެ މައްޗަށް، ދެފުށް ފެންނަ ނިޒާމެއްގެ މައްޗަށް މިކަން ތަރުތީބުކޮށް، އެ މަސައްކަތް ފަށަންވީ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޝަހީމް އިތުރަށް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރަކީ ޒަމާނާ އެއްވަރުގެ ޒަކާތުގެ ނިޒާމެއް ރާއްޖޭގައި ގާއިމުކުރުން ކަމަށާއި އޭރުން ފަގީރުންގެ ދަފްތަރުގައި ރަޖިސްޓާ ކުރެވިފައި ތިބޭ ފަގީރުންނަށް އެކަނިވެސް ގިނަ ހިދުމަތްތަކެއް ޒަކާތު ފަންޑުން ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި ޒަކާތާ ބެހޭ ބިލު އެކުލަވާލެވިފައި އޮތް ގޮތުން، އިންވެސްޓުކުރެވޭނެ ގޮތްތައް ވެސް ކަނޑައެޅިފައި އެބަހުރި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.