ދިގު މުއްދަތަކަށް ބޭނުން ނުކޮށް، މާލޭ ސިޓީގެ މަގުތަކަށް ދޫކޮށްލާފައިވާ އުޅަނދުތައް ނަގަން ފަށައިފިއެވެ.
ފުލުހުން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ އެ މަސައްކަތަކީ މާލޭގެ މަގުތަކަކީ އެންމެންނަށް ރައްކާތެރި، ހިތްފަސޭހަ ތަނަކަށް ހެދުމަށްޓަކައި ކުރެވޭ މަސައްކަތެއް ކަމަށެވެ.
"މާލެ ސިޓީގެ މަގުތަކުގައި، އާންމުންނަށް ދަތިވާގޮތަށް، ދިގު މުއްދަތަކަށް ބޭނުން ނުކޮށް ދޫކޮށްލާފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް، ދިވެހި ފުލުހުންގެ ހިދުމަތާއި، މާލެ ސިޓީ ކައުންސިލާއި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާބެހޭ ވުޒާރާ ގުޅިގެން ދަނީ ކުރަމުން،" ފުލުހުން ބުންޏެވެ.
ފުލުހުން ދާދި ފަހުން ވަނީ މާލޭގެ ބޮޑެތި މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކުރާ ގިނަ އަދަދެއްގެ އުޅަނދުތަކެއް ވެސް ޓޯކޮށްފައެވެ. އެގޮތުން މާލޭގެ ބައެއް މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކުރާ ނަމަ، ޓޯކުރާނެކަމުގެ އިންޒާރުދިނުމަށްފަހު، މިދިޔަ ޖޫން މަހު ފުލުހުން ވަނީ މަޖީދީމަގާއި ބޮޑުތަކުރުފާނުމަގުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްގެން 420 އުޅަނދު ޓޯކޮށްފައެވެ.
މިދިޔަ މަހު ފުލުހުން ވަނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ގަވައިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ވެސް ފަށައިފައެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް