އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެފަހުގެ ޗެމްޕިއަން ލިވަޕޫލުން، އާ ސީޒަން މޮޅަކާއެކު ފަށައިފިއެވެ.
ޕްރިމިއާ ލީގުގެ މި ސީޒަން ފެށުމުގެ ގޮތުން ރޭ އެންފީލްޑްގައި ބޯންމައުތާ ދެކޮޅަށް ލިވަޕޫލުން ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 4-2 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗަކީ ލިވަޕޫލްގެ ފޯވަޑް ޑިއޭގޯ ޖޮޓާ، ކާރު އެކްސިޑެންޓެއްގައި ކުއްލި ގޮތަކަށް މަރުވި ފަހުން އެޓީމުން ކުޅުނު ފުރަތަމަ ރަސްމީ މެޗެވެ.
މެޗުގެ ކުރިން ޖޮޓާއަށް ހާއްސަ ވަގުތު ކޮޅެއް ދީފައިވާ އިރު، 20 ވަނަ މިނެޓުގައި ސަޕޯޓަރުން ވަނީ ޖޮޓާއަށް އަތްތިލަބަޑިވެސް ޖަހައިފައެވެ. ލިވަޕޫލުން ޖެހި ގޯލުތަކަށްފަހު ހުރިހާ ކުޅުންތެރިންވެސް ޖޮޓާއަށް ގޯލު ހާއްސަ ކޮށްފައިވާ އިރު، މެޗު ނިމުނު ވަގުތު ޖޮޓާއަށް ހާއްސަ ޗޭންޓާއެކު މުހައްމަދު ސަލާހާއި އެހެން ބައެއް ކުޅުންތެރީންވެސް ތިބީ ފެންކަޅިވެފައެވެ.
އޭގެ އިތުރުން މެޗަށްފަހު ކޯޗު އާނޭ ސްލޮޓް ބުނީ، 2-2 އިން އެއްވަރުވެފައި އޮތް ވަގުތު އޭނާއަށް ބެންޗާ ދިމާއަށް ބަލާލައި ހޯދުނީ ޖޮޓާ ކަމަށާއި، އޭނާ ނެތްކަމުގެ އިހުސާސް ކުރެވުމުން ވަރަށް ބޮޑަށް ހިތްދަތިވި ކަމަށެވެ.
އެ ހަނދާންތަކާއެކު ޕްރިމިއާ ލީގު ފެށި މެޗުގައި ފެނުނީ ފޯރިގަދަ ކުޅުމެކެވެ. ބޮޑަށް ލިވަޕޫލުން މެޗު ޑޮމިނޭޓް ކޮށްގެން ކުޅެފައިވާ އިރު، އަލަށް ގެންދިޔަ ފޯވަޑް ހޫގޯ އެކިޓީކޭއަށް މެޗުގެ ފެށުން ރަނގަޅެވެ. ކުރީކޮޅުގައި އޭނާގެ ނުރައްކާ ފެނުނު އިރު، ފުރަތަމަ ހަމަލާ ދިޔައީ ގޯލާ އަމާޒު ނުވެއެވެ. އޭގެ އިތުރުން ސަލާހްގެ ނުރައްކާތެރި ހަމަލާއެއް ބޯންމައުތުގެ ކީޕަރު ޖޯޖޭ ޕެޓްރޮވިޗް މަތަކުރިއެވެ.
އެ ހަމަލާތަކަށް މާގިނައިރެއް ނުވެ، އެކިޓީކޭގެ ގޯލަކުން ލިވަޕޫލުން ލީޑު ނަގައި ހާފު ނިންމާލީ ހިތްހަމަޖެހިލައިގެންނެވެ.
ދެވަނަ ހާފު ފެށިގެން މާގިނައިރެއް ނުވެ، އޭރިއާ ތެރެއިން އެކިޓީކޭ ޖައްސާލި ބޯޅައިގައި ދެ ކުޅުންތެރިން ބީޓްކޮށްލައި، ކޯޑީ ގަކްޕޯ ވަނީ ދެވަނަ ގޯލުވެސް ޖަހައިދީފައެވެ. އެއީ 49 ވަނަ މިނެޓުގައެވެ. ދެވަނަ ގޯލަކާއެކު ލިވަޕޫލުން ތިން ޕޮއިންޓް ޔަގީންކުރީ ކަމަށް ހީވި ނަމަވެސް، ދެން ފެނުނީ ފުލުފުލުގައި އެންޓޮއިން ސެމެންޔޯ ޖެހި ދެ ގޯލާއެކު ބޯންމައުތު އެއްވަރުކުރި ތަނެވެ.
ޗެމްޕިއަނުންނަށް ލިބުނު އެ ހާސްކަން ފިލުވައިލެވުނީ ފަހުވަގުތު ޖެހި ދެ ގޯލާއެކުގައެވެ. ބަދަލަކަށް ނުކުތް ފެޑެރީކޯ ޗިއޭސާ، ޕްރިމިއާ ލީގުގައި ޖެހި ފުރަތަމަ ގޯލާއެކު 88 ވަނަ މިނެޓުގައި އަލުން ލީޑު ހޯދައިދިން އިރު، ފަހު ގޯލު ޖެހީ ސަލާހެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލް ސަޕޯޓަރެއްގެ ފަރާތުން ސެމެންޔޯއާ ނަސްލީ ގޮތުން ދިމާކުރިކަން އެނގުމާއެކު ރެފްރީ އެންތަނީ ޓެއިލާ ވަނީ ވަގުތުކޮޅަކަށް މެޗު ހުއްޓާލައި، ސެމެންޔޯއާ ވާހަކަ ދައްކައިފައެވެ. އޭނާ މެޗު އަލުން ފެށީ ސެމެންޔޯ އެކަމަށް އާނބަސް ބުނުމުންނެވެ.
މެޗަށްފަހު ލިވަޕޫލުން ވަނީ އެ އަމަލު ކުށްވެރިކޮށް، އެ މައްސަލައިގައި ޒިންމާވާ ސަޕޯޓަރު ހޯދަން ފުލުހުންގެ އެހީ ހޯދަމުން އަންނަކަމަށް ބުނެފައެވެ.
މުޙައްމަދު ޝަމްޢޫން
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު