މަތީ ތައުލީމު ފުރިހަމަކުރުމަށް ޒަކާތު ފަންޑުން އިތުރަށް މީހަކަށް ޖަމާކޮށްދިން 33،694 ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ހުކުމްކޮށްފައިވަނީ ގއ. ވިލިނގިލި، ޝާދީވިލާ، ފާތިމަތު މައީޝަތު މުހައްމަދުގެ މައްޗަށެވެ.
މިއީ އިސްލާމިކް މިނިސްޓްރީން 2020 އޮކްޓޫބާ 14 ގައި އިއުލާންކޮށްފައިވާ "މަތީ ތައުލީމު ފުރިހަމަކުރުމަށް ޒަކާތު ފަންޑުން ހާއްސަ އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު" ގެ ދަށުން ކޮވިޑް -19 އާ ގުޅިގެން ކިޔެވުން މެދު ކެނޑިފައިވާ ކުދީންނަށް މާލީ އެހީ ފޯރުކޮށްދިނުމަށް ހުޅުވާލި ފުރުސަތުގެ ދަށުން މައީޝަތު ހުށަހެޅި ހުށަހެޅުމަށް އިތުރަށް ޖަމާކޮށްދެވުނު 33،694 ރުފިޔާގެ މައްސަލައެވެ.
އިތުރަށް ޖަމާކުރެވުނު އެ ފައިސާ ދެއްކުމަށް މައީޝަތުއަށް އެކިފަހަރު މަތިން އެންގި ނަމަވެސް އޭނާ އެ ފައިސާ ދައްކައިފައިނުވާތީ އިސްލާމިކް މިނިސްޓްރީން (ދައުލަތް) ވަނީ އެ ފައިސާ ހޯދުމަށް އެދި އޭނާގެ މައްޗަށް ދައުވާކޮށްފައެވެ.
އެ ދައުވާއާ ގުޅިގެން މައީޝަތުގެ ފަރާތުން ބުނެފައިވަނީ އެ މައްސަލަ ސިވިލް ކޯޓުގައި ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. މައީޝަތުގެ ފަރާތުން ބުނެފައިވަނީ "މަތީ ތައުލީމު ފުރިހަމަކުރުމަށް ޒަކާތު ފަންޑުން ހާއްސަ އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު" ގެ ދަށުން އެންމެ ގިނައިން ފައިސާ ދެވޭނެ އަދަދަކީ 100،000 ރުފިޔާ ކަމަށްވާއިރު، އެ މިންވަރަށްވުރެ އިތުރަށް އޭނާއަށް ފައިސާ ދޫކޮށްފައި ނުވާ ކަމަށެވެ. އެހެންވެ ދައުލަތުން، އޭނާގެ މައްޗަށްކުރާ ދައުވާގައި އެއްވެސް އަސާސެއް ނެތްކަމަށް ބުނެފައިވެއެވެ.
ނަމަވެސް ދައުލަތުގެ ފަރާތުން ބުނެފައިވަނީ މައީޝަތުއަށް 100،000 ރުފިޔާ ޖަމާކޮށްދީފައިވާނެ ކަމަށެވެ. އަދި އެ ފައިސާ ޖަމާކުރުމަށްފަހުގައި، އެހެން ދަރިވަރަކު ފާހަގަކުރި ކަމަކާ ގުޅިގެން، ފައިސާ ދިނުމަށް ނިންމާފައިވާ ޝީޓް އިސްލާމިކް މިނިސްޓްރީން ޗެކްކުރިއިރު، މައީޝަތުއަށް އިތުރަށް 33،694 ރުފިޔާ ޖަމާކުރެވިފައިވާކަން ފާހަގަކުރެވުނުކަމަށް ދައުލަތުން ބުންޏެވެ.
އެ ފައިސާ އަނބުރާ ދެއްކުމަށް އެދި މައީޝަތުއަށް ނުވަ ސިޓީއެއް ފޮނުވި ނަމަވެސް އޭނާ އެ ފައިސާ އަނބުރާ ދައްކައިފައި ނުވާކަމަށް ދައުލަތުން ބުންޏެވެ. ދައުލަތުގެ ފަރާތުން ހުށަހެޅި މި މައްސަލަ ސިވިލް ކޯޓަށް ނުބެލޭނެ ކަމަށް މައީޝަތުގެ ފަރާތުން ފާހަގަކުރި ނަމަވެސް ކޯޓަށް މައްސަލަ ނުބެލޭނެ ފަަދަ ހާލަތެއް އޮތްކަމަށް މައީޝަތުގެ ފަރާތުން ބުނެފައި ނުވާކަމަށް ދައުލަތުން ބުންޏެވެ.
ސިވިލް ކޯޓުންވެސް ނިންމާފައިވަނީ މި މައްސަލަ ބެލުމުގެ އިހުތިސޯސް އެ ކޯޓަށް ލިބިގެންވާ ކަމަށެވެ. އެެހެންވެ މިއަހަރުގެ އެޕްރީލް މަހުގެ 17 ވަނަ އިން ފެށިގެން 14 ދުވަސް ތެރޭގައި ދައުވާފޯމާ ހަވާލުވިކަމުގެ ލިޔުން ހުށަހަޅައި، ދައުވާއަށް ޖަވާބުދާރީ ވުމަށް މައީޝަތުއަށް ސިވިލް ކޯޓުން އެންގިއެވެ. ނަމަވެސް އެ މުއްދަތުގައި އޭނާ ދައުވާއަށް ޖަވާބުދާރީވެފައެއް ނުވެއެވެ.
އެހެންވެ ދައުލަތުން ވަނީ މައީޝަތުގެ އައިރު ހާޒިރުގައި މައްސަލަ ހުކުމްކޮށްދިނުމަށް އެދިފައެވެ.
ސިވިލް ކޯޓުން މި މައްސަލައިގައި ކުރި ހުކުމުގައި ބުނެފައިވަނީ ޒަކާތު ފަންޑުން މައީޝަތުއަށް އިތުރަށް ޖަމާވި 33،694 ރުފިޔާއަކީ އިސްލާމިކް މިނިސްޓްރީއަށް ދައްކަން ޖެހޭ ފައިސާއެއްކަމަށް ކަނޑައަޅައި، އެ ފައިސާ އިއްޔެއިން ފަށައިގެން ހަތް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކައި ހަލާސްކުރުމަށް މައީޝަތުއަށް އަންގައި، ގައިރު ހާޒިރުގައި ހުކުމްކުރާ ކަމަށެވެ.
މި މައްސަލަ ބެއްލެވީ ގާޒީ ރިޒްމީނާ އިދްރީސްއެވެ.
މުހައްމަދު އިޝާން
ސިވިލް ކޯޓް
ސިވިލް ކޯޓް
ސިވިލް ކޯޓް