އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓާ ސިޓީ، ފައިނޭންޝަލް އުސޫލުތަކުން ބޭރުގައި ހިންގާފައިވާ ކަމަށް ބުނާ 115 މައްސަލައިގައި ގޮތެއް ނިންމަން މާގިނަ ވަގުތު ނަގަމުންދާ ކަމަށް ބުނާތީ، ލީގުގެ ޗީފް އެގްޒެކެޓިވް ރިޗާޑް މާސްޓާސް ރައްދު ދެއްވައިފިއެވެ.

މިއަހަރުގެ ޕްރިމިއާ ލީގު ރަސްމީކޮށް އިއުލާނުކުރުމަށް ލިވަޕޫލްގައި ބޭއްވި ހަފުލާގައި މާސްޓާސް ވިދާޅުވީ، ޕްރިމިއާ ލީގުގެ މައްސަލަ ބަލައި ގަވާއިދުތަކާއި ސިސްޓަމް ގޯސް ނޫން ކަމަށާއި، މައްސަލަތަކުގައި ވަގުތު ނަގަނީ މިނިވަން ކޮމިޝަންތަކުން އެކަން ކުރާތީ ކަމަށެވެ.

މާސްޓާސް ވިދާޅުވީ ސިޓީގެ މައްސަލަތައްވެސް ފުރަތަމަ ހުށަހެޅުމާއެކު، އެ މައްސަލަތައް ބަލަނީ މިނިވަން ކޮމިޝަނަކުން ކަމަށާއި، އެ ކޮމިޝަނުގެ ހުރިހާ ކަމެއް ހިނގަމުންދާނީ ލީގުގެ އިދާރާތަކުގެ ބޭރުން ކަމަށެވެ.

"އަހަރެން ގަބޫލުކުރާ ގޮތުގައި އެކަހަލަ މައްސަލަ ބެލޭނީ މިނިވަން ކޮމިޝަނަކަށް އެކަނި. އެ ކޮމިޝަނާ ހަމައަށް މައްސަލަ ދިޔުމާއެކު އެ މައްސަލަ ކުރިއަށް ގެންދާނެ ތާވަލެއް ހަދައި، ވަގުތުވެސް ކަނޑައަޅާނެ. އެކަމަކު އަހަރެމެން އަދި މާޔޫސްވާހާ ބޮޑަށް ލަސްވެގެން ނުދޭ. އެކަހަލަ ކަންކަމުގައި ކެތްކުރަން ޖެހޭނެ،" މާސްޓާސް ފާހަގަކުރިއެވެ.

ސިޓީން މިދިޔަ ސީޒަން ހުސް އަތާ ނިންމާލި ނަމަވެސް، އޭގެ ކުރިން ހަތް ސީޒަނުގެ ތެރެއިން ހަ ސީޒަނުގެ ލީގު ނެގިއެވެ. އަދި 2022-23 ވަނަ އަހަރު ސިޓީން ޗެމްޕިއަންސް ލީގުވެސް ހޯދާފައިވާ އިރު، އެ ކްލަބުން ފައިނޭންޝަލް އުސޫލުތަކާ ހިލާފުވި މައްސަލަތައް އޮތުމުން، އެކަމަށް ފިޔަވަޅު ނޭޅި ކާމިޔާބީތައް ހޯދާތީ ފާޑުކިޔުން އަމާޒުވެފައިވެއެވެ.

ސިޓީގެ 115 މައްސަލައެއް މިނިވަން ކޮމިޝަނުން ބަލަން ފެށީ 2023 ވަނަ އަހަރު ފެބްރުއަރީ މަހުގައެވެ. އެ މައްސަލަތަކަކީ 2009 އިން 2018 ވަނަ އަހަރާ ދެމެދު ހިންގާފައިވާ ކަންކަމުގެ މައްސަލަތަކެކެވެ.