އޭއެފްސީ ޗެލެންޖް ލީގުގައި އިއްޔެ ކުޅުނު މެޗުގައި ކުވައިތުގެ އަލް އަރާބީއާއި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ހުރި ފަރަގަކީ ބަޖެޓާއި، ތައްޔާރީތަކުގެ ފަރަގު ކަމަށް މާޒިޔާ ކޯޗު، ލުއިސްމާ ހެނާންޑޭޒް ބުނެފިއެވެ.
މިދިޔަ ސީޒަނުގައި ކުވައިތު ލީގުގެ ދެވަނަ ހޯދި އަރާބީއާއި ރާއްޖޭގެ އެންމެފަހުގެ ޗެމްޕިއަން މާޒިޔާއިން، ގައުމީ ދަނޑުގައި އިއްޔެ ކުޅުނު އޭއެފްސީ ޗެލެންޖް ލީގު ގްރޫޕް ސްޓޭޖުގެ ކޮލިފިކޭޝަން މެޗުގައި، މާޒިޔާ ބަލިވީ 4-0 ގެ ނަތީޖާއަކުންނެވެ.
އިއްޔެ މެޗުގެ ތިންވަނަ މިނެޓުގައި އަރާބީން މާޒިޔާ ކޮޅަށް ގޯލު ޖަހާފައިވާ އިރު، އޭގެ ފަހުން މެޗު އެއްކޮށް ކަހަލަ ގޮތަކަށް ކޮންޓްރޯލްކޮށްގެން ކުޅުނީ އަރާބީ އެވެ.
"ދެޓީމުގެ އެންމެ ބޮޑު ފަރަގަކީ ބަޖެޓް. ފައިސާގެ ބާރުވެރިކަމުގެ ތަފާތު. ދެން ތައްޔާރީތައް. އަހަރެމެންނަށް އެކަށީގެންވާ ވަގުތެއް އަނެއްހެން ނުލިބޭ. ހާއްސަކޮށް މެޗުތައް ނުކުޅެވުމަކީ އެއީ އެ ބޭނުންވާ ޓައިމް ނުލިބުން. އެމީހުން ވަރަށް ރަނގަޅަށް ތައްޔާރުވެގެން މެޗުތަކެއް ކުޅެފައި އައިސް އަހަރެމެން ކައިރީގައި ކޮންޓްރޯލް ކޮށްގެން، ޕްލޭނަކަށް މަސައްކަތްކޮށް ރަނގަޅު މޮޅެއް އެހޯދީ. އަހަރެމެންނަށް ދިމާވީ ހަމަ ނުކުޅެ ތިބެފައި، އަރައި ވަރުގަދަ ޓީމަކާ ކުޅެން ޖެހުމުގެ މައްސަލަ،" ކޯޗު ހެނާންޑޭޒް އިއްޔެގެ މެޗަށްފަހު ބުންޏެވެ.
މާޒިޔާއިން މިފަހަރުގެ މެޗަށްވެސް ނުކުތީ އެފްއޭއެމް ލީގު ކަޕަށްފަހު ވާދަވެރި މެޗެއް ނުކުޅެ ތިބުމަށްފަހު އެވެ. އޭގެފަހުން އޭއެފްސީ ޗެލެންޖް ލީގުގެ ކޮލިފިކޭޝަނަށް ތައްޔާރުވާން ރާއްޖެއިން ބޭރަށް ގޮސް، މެޗުތަކެއް ކުޅެން މަސައްކަތް ކުރި ނަމަވެސް، އެކަން ކާމިޔާބެއް ނުވެއެވެ. އޭގެ ބަދަލުގައި އަލް އަރާބީން ރާއްޖެ އައީ ދުބާއީގައި ކޭމްޕްކޮށް، މެޗުތަކެއްވެސް ކުޅުމަށްފަހުއެވެ.
މާޒިޔާ ކޯޗު އިތުރަށް ބުނީ މާޒިޔާ ކުޅުންތެރިންގެ ފަރާތުން އިއްޔެއަށްވުރެ ރަނގަޅު ކުޅުމެއް، ކުރީން ހުރިހާ މެޗެއްގައި ފެނުނު ކަމަށާއި، ޓީމުގެ ފަރަގު ބޮޑީ ކުރިން ބުނި ކަންތައްތަކުގެ ސަބަބުން ކަމަށެވެ. "އެ ލެވެލަށް ދާން ޕަވާ ބޭނުންވާނެ. އެއީ ބަޖެޓާއި ތައްޔާރީތަކުން ހޯދޭނެ ކަންތައް،" ކަމަށް ހެނާންޑޭޒް ބުންޏެވެ.
އިއްޔެގެ މެޗަށްފަހު އަރާބީގެ ކޯޗު ޕޯޗުގަލްގެ މާކޯ އަލްވޭސް ބުނީ ހީކުރި ވަރަށްވުރެ މެޗު ފަސޭހަވި ކަމަށާއި، އެކަން އެގޮތަށް ވީ އަވަސް ގޯލެއް ޖެހުމުން ކަމަށެވެ.
"އަހަރެން ހީކުރީ މެޗު މިއަށްވުރެ އުނދަގޫވާނެ ކަމަށް. އެކަމަކު އަވަސް ގޯލަކާއެކު މެޗު ކޮންޓްރޯލް ކުރެވެން ފެށުނު. ގޯލެއް ނުޖެހި ދިގުލައިގެން ދިޔަނަމަ، ހީކުރި ވަރަށްވުރެ ބޮޑަށް އަހަރެމެންނަށް ޕްރެޝަރުވީސް. އެހެންވީމަ އެއީ ރަނގަޅަކަށް ދިމާވި ކަމެއް. އަސްލު އަހަރެމެންގެ ޕްލޭން ކާމިޔާބުވި،" އަލްވޭސް ބުންޏެވެ.
ރާއްޖޭގެ ޓީމު، މާޒިޔާގެ ކެޕްޓަން ސަމޫހު އަލީ (ސަމުއްޓެ) ބުނީ މެޗަށް ނުކުތްއިރުވެސް އަރާބީގެ ފެންވަރު އެނގޭ ކަމަށާއި، ކޯޗު ފާހަގަކުރި ގޮތަށް އެޓީމުގެ ވިންގް މާ ބޮޑަށްވެސް ތަފާތު ކަމަށެވެ. އަދި ފާހަގަކުރި ކަންކަން ނުހުއްޓުވި، އަވަސް ގޯލަކާއެކު މެޗުގެ ކޮންޓްރޯލް ގެއްލުނު ކަމަށް އޭނާ ބުންޏެވެ.
މީގެ ކުރިން މާޒިޔާއިން އޭއެފްސީ ކޮލިފިކޭޝަންގައި ވާދަކޮށްފައި ވަނީ 2014 އާއި 2020 ވަނަ އަހަރުއެވެ. އެ ދެފަހަރުވެސް މާޒިޔާއިން ވަނީ ގްރޫޕް ސްޓޭޖުން ޖާގަ ހޯދައިފައެވެ. އަދި 2020 ވަނަ އަހަރު އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖުން އެޓީމުން ޖާގަ ހޯދީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާއި އިންޑިއާގެ ބެންގަލޫރު އެފްސީވެސް ކަޓުވާލުމަށްފަހުއެވެ.
މުޙައްމަދު ޝަމްޢޫން
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު