ކްރިސްޓަލް ޕެލެސް، ޔޫއެފާ ޔޫރޮޕާ ލީގުން ބޭރުކޮށް، ޔޫއެފާ ކޮންފަރެންސް ލީގަށް ޑީމޯޓް ކުރަން ޔޫއެފާއިން ނިންމި ނިންމުން އަލުން މުރާޖާކޮށް، މައްސަލަ ބަލައިދިނުމަށް އެދި އެ ކްލަބުން ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް)އަށް ހުށަހެޅި މައްސަލަ، ޕެލެސްއާ ދެކޮޅަށް ނިންމައިފިއެވެ.

ޕެލެސްއިން މިދިޔަ ސީޒަނުގެ އެފްއޭ ކަޕް ކާމިޔާބުކޮށް، ޔޫއެފާ ޔޫރޮޕާ ލީގުގެ ގްރޫޕް ސްޓޭޖުން ޖާގަ ހޯދި ނަމަވެސް، ޔޫއެފާއިން ވަނީ އެ ކްލަބު، ތިންވަނަ ފަންތީގެ މުބާރާތް ކޮންފަރެންސް ލީގަށް ޑީމޯޓް ކޮށްފައެވެ.

އެ ނިންމުމަކީ ޔޫއެފާގެ ކްލަބު ފައިނޭންޝަލް ކޮންޓްރޯލް ބޮޑީ (ސީއެފްސީބީ) އިން ނިންމި ނިންމުމެކެވެ. ޔޫއެފާއިން އެ ނިންމުން ނިންމީ މަލްޓި ކްލަބު އޯނާޝިޕް އުސޫލުތަކުގެ ބޭރުން ޕެލެސް ޔޫރޮޕާ ލީގުގައި ކުޅެން މަސައްކަތް ކުރާ ކަމަށް ބުނެއެވެ.

ޔޫއެފާގެ އުސޫލުތައް ބުނާ ގޮތުން، އެއް އޯނާޝިޕެއްގެ ދަށުގައި އޮތް ދެ ކްލަބަކަށް ޔޫރަޕްގެ އެއް މުބާރާތެއްގައި ނުކުޅެވޭނެ އެވެ. ޕެލެސް ކޮނަފްރެންސް ލީގަށް ވައްޓާލަން ޔޫއެފާއިން ނިންމީ، ޕެލެސްގެ މައި ކުންފުނި، އީގަލްސް ފުޓްބޯލް ގްރޫޕްގެ ދަށުން ހިންގާ، އޮލިމްޕުކް ލިއޮނޭސް، ލިއޯން ޔޫރޮޕާ ލީގުގައި ކުޅެން ތައްޔާރުވެފައިވާތީއެވެ.

ދެ ކްލަބުގެވެސް މޭޖާ ޝެއާ ހޯލްޑަރަކީ އީގަލްސް ފުޓްބޯލް ގްރޫޕެވެ. އެ ގްރޫޕުގެ ރައީސަކީ ޖޯން ޓެކްސްޓާ އެވެ. އެ ހާލަތަށް ދިޔުމާއެކު ޔޫއެފާއިން ނިންމީ ފްރާންސްގެ ލިޔޯންއަށް ޔޫރޮޕާގައި ކުޅުމަށް ފުރުސަތު ދޭށެވެ. އަދި ޕެލެސް ކޮންފަރެންސް ލީގަށް ވައްޓާލުމަށެވެ.

ޕެލެސްއިން ހުށަހެޅި މައްސަލައިގައި ބުނީ، އެ ކްލަބު ކޮންފަރެންސް ލީގަށް ވައްޓާލީ ނާއިންސާފުން ކަމަށެވެ. އެގޮތުން، ޕެލެސްގެ ހިއްސާ އޮންނަ އީގަލްސް ފުޓްބޯލް ހޯލްޑިންސްގެ މައިގަނޑު ހިއްސާއެއް މިދިޔަ މަސް ތެރޭގައި ނިއު ޔޯކް ޖެޓްސްގެ ވެރިޔާ ރޮބާޓް ވުޑް ޖޯންސަން ގަނެފައިވާ ކަމަށް ޕެލެސްއިން ބުނެއެވެ.

އެ ކްލަބުން ބުނީ އޯނާޝިޕް ބަދަލުނުވެ އޮތީ، އެ ޑީލަށް ޕްރިމިއާ ލީގުން ފެހި ސިގްނަލް ނުދީ އޮތުމުން ކަމަށެވެ.

ޕެލެސްއަށް އެ މައްސަލައިގައި ހެކި ހުށަހަޅަން ކާސްއިން ދިން މުއްދަތަކީ މިދިޔަ މާޗު މަހުގެ އެއްވަނަ ދުވަހެވެ. ކާސްގެ ނިންމުމުގައި ބުނީ އެ މުއްދަތުގައި ހެކި ހުށަހެޅިފައި ނުވާ ކަމަށާއި، ޓެކްސްޓާ އަދިވެސް ދެ ކްލަބަށް ވަރުގަދައަށް ނުފޫޒު ފޯރުވާ ކަމަށެވެ.

ޕެލެސްއިން ކޮންފަރެންސް ލީގު ޕްލޭ އޮފްގައި ކުޅެން ޖެހޭ އިރު، އެ ޓީމުގެ ބަދަލުގައި އެ ފުރުސަތު ލިބުނީ ނޮޓިންހަމް ފޮރެސްޓަށެވެ.

ޕެލެސްއިން ހުށަހެޅި މައްސަލައިގައި ލިޔޯންއާއި ފޮރެސްޓަށް ލިބުނު ފައިދާގެ ސަބަބުން އެ ކްލަބަށް ތަފާތުކުރެވިފައިވާ ކަމަށް ދެކޭ ކަމަށްވެސް ބުނެފައިވެއެވެ. ކާސްއިން ވަނީ އެކަން އެގޮތަށް ހިނގާފައި ނުވާކަމަށް މައްސަލައިން އެނގޭ ކަމަށް މައްސަލައިގެ ނިންމުމުގައި ބުނެފައެވެ.