މެންޗެސްޓާ ސިޓީއަށް ކުޅެމުންދާ އިންގްލެންޑްގެ ވިންގް، ޖެކް ގްރީލިޝް މި ސީޒަނުގެ ނިޔަލަށް ލޯނު އެއްބަސްވުމެއްގައި އެވަޓަންއަށް ބަދަލުވާން ނިންމައިފިއެވެ.
އިތުބާރު ނޫސްތަކުން ބުނީ ގްރީލިޝްގެ ލޯނު އެއްބަސްވުމަށް ދެ ކްލަބުންވެސް އެއްބަސްވުމަކަށް އައިސްފައިވާ ކަމަށާއި އެއްބަސްވި މުއްދަތަކީ ސީޒަން ނިމެންދެން ކަމަށެވެ. އަދި ސީޒަން ނިމުމުން އެވަޓަންއިން ބޭނުންވާނަމަ، 50 މިލިއަން ޕައުންޑްގެ އަގަކަށް ގްރީލިޝް ގަނަވޭނެ ގޮތަކަށް އެއްބަސްވުމުގައި ހިމަނާފައިވާ ކަމަށްވެސް ނޫސްތައް ބުނެއެވެ.
ގްރީލިޝް، 2021 ވަނަ އަހަރު އޮގަސްޓް މަހު ސިޓީއަށް ދިޔައީ އެސްޓަން ވިލާއިންނެވެ. އެއީ އިނގިރޭސި ރެކޯޑު އަގެއް ކަމަށްވާ 100 މިލިއަން ޕައުންޑަށެވެ. ގްރީލިޝް ސިޓީއަށް 150 މެޗު ކުޅެ، ތިން ލީގު ތަށްޓާއި، ޗެމްޕިއަންސް ލީގު އަދި އެފްއޭ ކަޕް ހޯދައިފައިވެއެވެ.
ގްރީލިޝްއަކީ ކުރިން ސިޓީއަށް މުހިއްމު ކުޅުންތެރިއެއް ނަމަވެސް، މިދިޔަ ސީޒަނުގެ ލީގުގައި، ފުރަތަމަ 11 ގައި ހިމެނިގެން ނުކުތީ އެންމެ ހަތް މެޗަށެވެ. ސިޓީން ހުސް އަތާ ސީޒަން ނިންމާލި އިރު، އެފްއޭ ކަޕް ފައިނަލުގައިވެސް ގްރީލިޝް އިނީ ބެންޗުގައެވެ.
ކޯޗު ޕެޕް ގާޑިއޯލާ އެމެޗުގައި ގްރީލިޝްގެ ބަދަލުގައި ކުޅެން ނެރުނީ އާޖެންޓީނާގެ ޒުވާން ތަރި ކްލައުޑިއޯ އެޗެވެރީއެވެ.
އެހިސާބުން ސިޓީއާ ދޭތެރޭ ނުތަނަވަސްވެ، ގްރީލިޝް ވަނީ ދާއިމީ ޓްރާންސްފާއަކަށް މަސައްކަތް ކޮށްފައެވެ. ރިޕޯޓުތައް ބުނީ ފުރަތަމަ އޭނާ ބޭނުންވީ ޗެމްޕިއަންސް ލީގު ފުޓުބޯޅަ ކުޅޭ ޓީމަކަށް ދާން ނަމަވެސް، ރަނގަޅު އޮފާއެއް ނުލިބުނު ކަމަށެވެ.
ގްރީލިޝް ލޯނުގައި އެވަޓަންއަށް ގޮސްފައިވާ އިރު، އޭނާގެ މުސާރައަށް ހަދާނެ ގޮތެއް އަދި އިއުލާނު ކޮށްފައެއް ނުވެއެވެ. ގްރީލިޝްއަށް ސިޓީން، ހަފުތާއެއްގެ މައްޗަށް ތިން ލައްކަ ޕައުންޑް ދޭ ކަމަށް ނޫސްތައް ބުނެއެވެ.
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ