މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް މީގެ ކުރިން އޭއެފްސީ ޗެލެންޖް ލީގުގައި އުނދަގޫވީ މެޗުތަކުން ނަތީޖާ ނެރެން ކަމަށާއި، އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވެވިފައިވާ ކަމަށް ކެޕްޓަން ސަމޫހު އަލީ (ސަމުއްޓެ) ބުނެފިއެވެ.
މާޒިޔާއިން މިދިޔަ އަހަރުގެ ޗެލެންޖް ލީގުގައި ވާދަކޮށްފައިވާ އިރު، ގްރޫޕް ސްޓޭޖުން ކެޓީ ވާދަވެރި ކުޅުމެއް ކުޅުނު ނަމަވެސް، މޮޅެއް ނުހޯދިއެވެ. މާޒިޔާއިން ތުރުކެމެނިސްތާނުގެ އެފްސީ އާކަޑާގާ ދެކޮޅަށް ކުޅެ، 2-1 އިން ބަލިވީ ލީޑު ނަގައިގެން ކުޅެމުން ދަނިކޮށެވެ. އަދި އަލް އަރަބީ ކައިރިން ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ.
އެ ދެމެޗާ ގުޅިގެން އަރަބީގެ ކޯޗު، މާކޯ އަލްވޭސް ބުނީ މާޒިޔާއަށް މަދުވީ ނަތީޖާ ކަމަށާއި، ދެމެޗުގައިވެސް ތަފާތު މޮޅަށް ކުޅުނު ކަމަށެވެ. އެ ބުނި ބުނުމަށް ވާހަކަ ދައްކަމުން ކެޕްޓަން ސަމުއްޓެ، ޕްރި މެޗު ޕްރެސްގައި ބުނީ، އެކަމަށް ވިސްނައި، ނަތީޖާ ނެރެން ވަރަށް ތައްޔާރުވެފައި އޮތް ކަމަށެވެ.
"އަރަބީގެ ކޯޗުވެސް ފާހަގަކުރިހެން، މާޒިޔާއަށް ނުނެރެވުނީ ނަތީޖާ. އެކަމަށް ވިސްނައިގެން މިހާރު އާ ކޯޗާއެކު އެޓޭކިން ރަނގަޅު ކުރުމަށްވެސް ތަފާތު ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ،" ސަމުއްޓެ ޕްރެސްގައި ބުންޏެވެ.
މާޒިޔާ މިފަހަރުވެސް ޗެލެންޖް ލީގަށް ނުކުންނަނީ ލީގު ނުކުޅެ އޮވެގެންނެވެ. މާޒިޔާއަށް ވާދަވެރި މެޗުތަކެއް ނުލިބި އޮތުން އެއީ ފައިދާއެއް ގޮތުގައި އަރަބީ ކޯޗު ސިފަކޮށްފައިވާ އިރު، ޕްރެސްގައި ސަމުއްޓެ ވަނީ އެކަމަށްވެސް ޖަވާބު ދީފައެވެ.
"ވާދަވެރި މެޗުތަކެއް ނުލިބުން އެއީ ދިމާވާނެ ގޮންޖެހުންތަކެއް. އެހެންވިޔަސް، ގިނަ ދުވަސްތަކެއް ލިބިއްޖެ މެޗަށް ތައްޔާރުވާން. އެހެންވީމަ، ޓީމު މިއޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެގެން،" ގަލޮޅު ދަނޑުގައި ބޭއްވި ޕްރެސްގައި ސަމުއްޓެ އިތުރަށް ބުންޏެވެ.
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު