އޭއެފްސީ ޗެލެންޖް ލީގުގެ ގްރޫޕް ސްޓޭޖުގެ ޖާގައެއް ހޯދަން ކުޅޭ ޕްލޭއޮފް މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކުވެއިތުގެ އަލް އަރާބީ ކައިރިން މޮޅެއް ހޯދުމަކީ، ދިވެހި ފުޓުބޯޅަށް އަދާކޮށްދޭން ބޭނުންވާ ޒިންމާއެއް ކަމަށް ކޯޗު ލުއިސްމާ ހެނާންޑޭޒް ބުނެފިއެވެ.
މާޒިޔާ އާއި އަރާބީގެ ކޮލިފިކޭޝަން މެޗުގެ ފުރަތަމަ ލެގު، މާދަމާ ގައުމީ ފުޓުބޯޅަ ދަނޑުގައި އޮންނަ އިރު، ދަނޑުގައި މިއަދު ބޭއްވި ޕްރެސްގައި ކޯޗު ހެނާންޑޭޒް ބުނީ، ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށެވެ.
"އަހަރެމެން މިދަނީ މެޗަށް ބުރަކޮށް މަސައްކަތް ކުރަމުން. އަހަރެމެން މިތިބީ މޮޅުވާން ތައްޔާރަށް. ވާދަކުރަންވެސް ތައްޔާރަށް. މިދިޔަ ހަފުތާއެއް ތެރޭގައި އަހަރެމެން ވަރަށް ބުރަކޮށް މަސައްކަތް ކޮށްފިން. އަހަރެމެންނަށް ވީވަރަކުން މަސައްކަތް ކުރާނަން މޮޅުވާން،" ކުރިން އޭޝިއާގެ އިތުރުން ގަލްފް ބައެއް ގައުމުތަކުގައިވެސް މަސައްކަތް ކުރި ހެނާންޑޭޒް ބުންޏެވެ.
ކޯޗު ހެނާންޑޭޒްއަކީ ކުރިން ކުވައިތުގައި މަސައްކަތް ކޮށްފައިވާ ކޯޗެކެވެ. އޭނާ ބުނީ ކުވައިތުގެ ސްޓައިލް އެނގޭ ކަމަށާއި، އަރަބީގެ ގޮތްތައްވެސް ވަރަށް ބޮޑަށް އެނގޭ ކަމަށެވެ.
އޭގެ އިތުރުން، ހެނާންޑޭޒް ބުނީ ރާއްޖޭގެ ފުޓުބޯޅައަށްވެސް މެޗު މުހިއްމު ކަމަށާއި، އެކަމަށްޓަކައި މޮޅެއް ހޯދައިދޭން ބޭނުންވާ ކަމަށެވެ.
"މިއީ އަހަރެމެން ކްލަބުގެ އިތުރުން ރާއްޖޭގެ ފުޓުބޯޅައަށްވެސް މުހިއްމު މެޗެއް. ހާއްސަކޮށް އާ ފެޑަރޭޝަނެއް (އާ ހިންގާ ކޮމިޓީއެއް) އައުމާވެސް އެކު، އެކުގައި މަސައްކަތްކޮށް، ރާއްޖޭގެ ފުޓުބޯޅައަށް މޮޅެއް ހޯދަން މަސައްކަތް ކުރަނީ. މާޒިޔާގައި 14 ވަރަކަށް ގައުމީ ޓީމުގެ ކުޅުންތެރިން އެބަތިބި، އެހެންވީމަ، އެއީ ޒިންމާއެއް ކަމަށް ބަލައިގެން މި ނުކުންނަނީ،" ހެނާންޑޭޒް ފާހަގަކުރިއެވެ.
މާޒިޔާގެ ކޯޗު، ހެނާންޑޭޒް ބުނީ މެންދުރުފަހު 3:00 ގައި މެޗު ކުޅެން ޖެހުމަކީ ދެޓީމަށްވެސް އުނދަގޫތަކެއް ކުރިމަތިވާނެ ކަމެއް ކަމަށާއި، ދެޓީމުންކުރެ އެއްވެސް ޓީމަކަށް މާދަމާގެ މެޗު ފަސޭހަ ނުވާނެ ކަމަށެވެ.
"އަހަންނަށް ހީވަނީ މިމެޗަކީ ދެޓީމަށްވެސް އުނދަގޫވާނެ މެޗެއްހެން. އެއީ އަހަރެމެން މި މެޗަށް ނުކުންނަނީ ނުކުޅެ، މެދުކެނޑުމަކަށްފަހު. އެހެންވިޔަސް، މިދިޔަ މޭ މަހުން ފެށިގެން އަހަރެމެން މި މަސައްކަތް ކުރީ އެއްކޮށް. އަނެއްކޮޅުން އަރަބީ އާ ކޯޗަކާއެކު، އާ ކުޅުންތެރިންނާވެސް އެކު މި މަސައްކަތް ކުރަނީ. އެހެންވީމަ މި މެޗަކީ ދެޓީމަށްވެސް އުނދަގޫވާނެ މެޗެއް. އަހަންނަށް ފެންނަ ގޮތުގައި މި މެޗުން މޮޅުވެވޭނީ ބޮޑަށް ފޯކަސް ކުރެވޭ ޓީމަކަށް،" ހެނާންޑޭޒް އިތުރަށް ބުންޏެވެ.
ހެނާންޑޭޒް ބުނީ ޓީމަށް ވަރަށް ބޮޑަށް އިތުބާރު އެބައޮތް ކަމަށާއި، މާޒިޔާއަށް ރަނގަޅަށް ޑިފެންސް ކުރެވިއްޖެ ކަމަށްވާނަމަ، ސްކޯ ކުރުމުގެ ފެންވަރު މާޒިޔާގައި އެބަހުރި ކަމަށެވެ.
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު