ނިއުކުލިއަރ ހަތިޔާރުގެ ވާހަކައިން އެއްބަޔަކު އަނެއް ބަޔަކަށް ބިރުދައްކައި އިންޒާރު ދިނުމުގައި އެމެރިކާޔާއި ރަޝިޔާއިން ދެހަފުތާއެއްހައި ދުވަސް ހޭދަކުރުމަށްފަހު އައުޒާތެއްގެ ލަވައެއް މިހަފުތާގައި ކިޔާން ފަށައިފިއެވެ. މަޝްވަރާތައް ފަށަނީޔޯލައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ރަޝިޔާގެ ރައީސް ލަޑީމިއަރ ޕުޓިން ދާދި އަވަހަށް ބައްދަލުކުރައްވަނީ ޔޯލައެވެ. ކޮންމެއަކަސް މިހާރު އިވޭން މިފެށީ ބިރުވެރިކަމާއި ނުތަނަވަސްކަން އެއްފަރާތްކޮށް އުންމީދާއި އުފާވެރިކަމަށް މަގުފަހިވެގެންދާ ކަހަލަ ވާހަކަތަކެކެވެ. ޔުކްރޭނުގެ ހަނގުރާމައަށް ނިމުމެއް ގެނައުމަށް އެމެރިކާއިން ހުށައަޅާފައިވާ ހުށައެޅުންތަކަށް އެއްބަސްވާން ރައީސް ޓްރަމްޕު ރަޝިޔާއަށް ދެއްވި މުހުލަތު ހުކުރުދުވަހު ހަމަވާނެއެވެ. ނުވަތަ ވެއްޖެއެވެ. އޭގެކުރިން ރަޝިޔާއިން މިކަމަށް އެއްބަސް ނުވެއްޖެނަމަ އަދަބު ދިނުމަށްޓަކައި ގިނަގުނަ ފިޔަވަޅުތަކެއް އަޅުއްވާނޭ ކަމަށް ޓްރަމްޕު ވަނީ ވިދާޅުވެފައެވެ.
މިދެންނެވި މުހުލަތު ހަމަވާން ކުޑަތަން ވެފައިވަނިކޮށް އެމެރިކާގެ ފަރާތުން ވަރަށް ސީނިއަރ މަންދޫބަކު ރަޝިޔާއަށް ވަޑައިގެން ރައީސް ޕުޓިންއާ ބައްދަލު ކުރައްވައި ޚާއްސަ މަޝްވަރާތަކެއް ބުދަދުވަހު ވަނީ ބާއްވަވައިފައެވެ. އެމެރިކާގެ މަންދޫބު ސްޓީވް ވިޓްކޯފް މީގެ ކުރިންވެސް ހަތަރު ފަހަރެއްގެ މަތިން ރަޝިޔާއަށް ވަޑައިގެން މަޝްވަރާތަކެއް ކުރައްވައިފިއެވެ. ރައީސް ޕުޓިންއާވެސް ބައްދަލު ކުރައްވައިފިއެވެ. އެކަމަކު ނަތީޖާއެއް ނުފެނެއެވެ. މިފަހަރު ޕުޓިންއާއެކު ކުރެވުނު މަޝްވަރާތައް މުޅިން ތަފާތުހެން ހީވެއެވެ. ކޮންމެވެސް ކަމެއް ހިނގާން އުޅޭކަމަށް ފެނެއެވެ. އެހެން ހީވާ ސަބަބަކީ ވިޓްކޯފާއި ޕުޓިންގެ މަޝްވަރާތަކަށްފަހު ރަޝިޔާގެ ރިޔާސީ ކިއްލާއިން އިއުލާންކުރި އިއުލާން ކުރުމެކެވެ. އެފަރާތުން ބުންޏެވެ. ރައީސް ޓްރަމްޕާއި ރައީސް ޕުޓިން ވަރަށް އަވަހަށް ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ. ދެ ގައުމުންވެސް މިކަމަށް އެއްބަސްވެއްޖެއެވެ. ރަޝިޔާއިން ބުނާގޮތުގައި މި ބައްދަލު ކުރެއްވުން އޮންނާނީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އަބޫދާބީގައެވެ.
މިބައްދަލު ކުރެއްވުން އަންނަ ހަފުތާގެ ތެރޭގައިވެސް ބޭއްވިދާނެއެވެ. އެހައިވެސް އަވަސް ކަމެކެވެ. ޓްރަމްޕާއި ޕުޓިންގެ ސަމިޓެއްގެ ވާހަކަ ރަޝިޔާއިން ބުނުމުގެ ކުރިން ރައީސް ޓްރަމްޕުވެސް ވަނީ މިވާހަކަ އޭނާގެ މީސްމީޑިއާ އެކައުންޓް މެދުވެރި ކުރައްވައި އިއުލާން ކުރައްވައިފައެވެ. ޕުޓިންއާ ބައްދަލު ކުރައްވާއިރު ޔުކްރޭނުގެ ރައީސް ލޮޑޮމީރް ޒެލެންސްކީވެސް ގެނެސްގެން ތިން ލީޑަރުންގެ ސަމިޓަކަށް ހެދޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް ޓްރަމްޕު ވަނީ ވިދާޅުވެފައެވެ. ޒެލެންސްކީ އާއި ޕުޓިން އެއް މަޖިލީހަކަށް ގެނެސް މަޝްވަރާތަކެއް ކުރެވިއްޖެނަމަ އެއީ ވަރަށްވެސް ތާރީޚީ ކަމަކަށް ވާނެއެވެ. އައު ކަމަކަށް ވާނެއެވެ. ޕުޓިންއާއި ޒެލެންސްކީގެ ސީދާ ބައްދަލު ވުމެއް ބޭއްވުމަކީ ޔުކްރޭނުން ތަކުރާރުކޮށް އެދެމުން އައިސްފައިވާ ކަމެކެވެ. އެކަމަށް މިހާތަނަށް އެއްްބަސް ވެފައިނުވަނީ ރަޝިޔާއިންނެވެ.
ޒެލެންސްކީއާއި ޓްރަމްޕާއި ޕުޓިންގެ ސަމިޓެއް ބޭއްވުމާމެދު ޓްރަމްޕު ދެއްކެވި ވާހަކަފުޅާމެދު ރަޝިޔާއިން ބުނެފައިވަނީ ޒެލެންސްކީ އާއި ޕުޓިން ބައްދަލު ކުރެއްވުމަކީ މުޅިން މުސްތަހީލު ކަމެއް ނޫންކަމަށާއި އެކަމަކު މިވަގުތު އެއީ ވުމަށްވުރެ ނުވުން ގާތްކަމެއް ކަމުގައެވެ. އެމެރިކާގެ ރިޔާސަތަށް ޑޮނަލްޑް ޓްރަމްޕު ވަޑައިގެންނެވީ ޔުކްރޭނާއި ރަޝިޔާގެ ހަނގުރާމައަށް އަވަސް ނިމުމެއް ގެންނަވާނެ ކަމުގެ ވައުދުތަކާއެކުގައެވެ. ވެެރިކަމުގެ ހުވާ ކުރެއްވިތާ ހަތްމަސް ފުރެން ގާތްވިއިރު ހަނގުރާމައަށް ނިމުމެއް ނުގެނެވުނެވެ. އެކަމަކު ޓްރަމްޕުގެ ބާރުއެޅުއްވުމުގެ މަތިން ޔުކްރޭނާއި ރަޝިޔާގެ މެދުގައި މިހާތަނަށް ތިން ބުރެއްގެ މަޝްވަރާތަކެއް ވަނީ ބޭއްވިފައެވެ. ހަނގުރާމަ ހުއްޓައިލުމާ ބެހޭގޮތުންނެވެ. އެކަމަކު ނެރެވުނު ނަތީޖާއެއް ނެތެވެ. ހަނގުރާމަ ނިމުމުގެ ކޮޅުމަތި ފެންނަވަރެއް ނުވެއެވެ. ހަނގުރާމަޔަށްވެސް ތިން އަހަރުބައިވީއެވެ. މަޝްވަރާތަކުން ނަތީޖާއެއް ނުފެނުމުގެ ސަބަބެއް ކަމަށް ބެލެވެނީ ރަޝިޔާގެ ޝަރުތުތަކެކެވެ.
މިދެންނެވި ޝަރުތުތަކަކީ ޔުކްރޭނާއި ޔުކްރޭނަށް ވާގިވެރިވާ ހުޅަގުގެ ގައުމުތަކަށް އެއްބަސްވެވޭ ކަހަލަ ޝަރުތުތަކަކަށް ނުވަނީއެވެ. އެއީ އަސްކަރީ ޝަރުތުތަކަކާއި ސިޔާސީ ޝަރުތު ތަކެކެވެ. ޔުކްރޭނަކީ ސިޔާސީގޮތުން ވަކިއަތަކަށް ނުޖެހޭ ދައުލަތަކަށްވާން ޖެހެއެވެ. މާނަޔަކީ ރަޝިޔާ ކޮޅަށް ދީލާލައިގެން އޮންނަ ދައުލަތެއް ނޫނެވެ. އަދި އެމެރިކާޔާއި ހުޅަގަށް ތަބާވާ ދައުލަތެއްވެސް ނޫނެވެ. ޔުކްރޭނުގެ ސިފައިންގެ އަދަދު މަދުކޮށް އަސްކަރީ ބާރުވެސް ބޮޑުތަނުން ހަނިކުރާން ޖެހެއެވެ. ހުޅަގުގެ އަސްކަރީ ޖަމިއްޔާ ކަމަށްވާ ނޭޓޯގައި ބައިވެރިވުމުގެ ޚިޔާލު މުޅިން ދޫކޮށްލަން ޖެހެއެވެ. ޔުކްރޭނުގެ އިރުމަތީ ބިތުން ރަޝިޔާ ސިފައިން މިހާރު ހިފާފައިވާ ހަތަރު ސަރަހައްދެއްގައި ޔުކްރޭނުގެ އެއްވެސް ލަޝްކަރެއް ނެތުމާއި މި ދެންނެވި ހަތަރު ސަރަހައްދުގެ ތެރެއިން ޔުކްރޭނުގެ ކޮންޓްރޯލް ދަށުގައިވާ އޭރިއާތަކުން ފޭބުމަކީވެސް ރަޝިޔާގެ ޝަރުތެކެވެ.
ޔުކްރޭނުގެ ސަރަހައްދުތަކުގެ ތެރެއިން ކްރައިމިއާ، ޑޮނެސްކް، ލުހާންސްކް، ޚާރސަން އަދި ޒަޕޮރީޒިއާގެ މައްޗަށް އޮތީ ރަޝިޔާގެ ހުކޫމަތު ކަމަށް ޔުކްރޭނާއި ބައިނަލްއަގުވާމީ މުޖުތަމައުން ގަބޫލުކުރުމަކީވެސް ޝަރުތެކެވެ. ޔުކްރޭނުގެ ރަސްމީ ބަސްބަހުގެ ތެރޭގައި ރަޝިޔާ ބަސް ހިމެނުމާއި ވަކި އަދަދަކަށްވުރެ ސިފައިންގެ ލަޝްކަރު ބޮޑު ނުކުރުމާއި އެއްވެސް ބާވަތެއްގެ އަސްކަރީ މުއާހަދާއެއްގައި އެއްވެސް ބަޔަކާއެކު ސޮއިނުކުރުމާއި އެއްވެސް އަސްކަރީ ޖަމިއްޔާއެއްގައި ބައިވެރިނުވުމަކީވެސް ޝަރުތެކެވެ. ހަމައެޔާއެކު ރަޝިޔާއާ ދެކޮޅަށް ހުޅަގުގެ ގައުމުތަކުން އަޅާފައިވާ ދަތިކުރުމުގެ އެންމެހައި ފިޔަވަޅުތަކެއް އުވައިލުމަކީވެސް ރަޝިޔާގެ އެދުމެކެވެ. މި ޝަރުތުތަކުގެ ތެރެއިން ގިނަ ޝަރުތުތަކަކީ ޔުކްރޭނާއި ހުޅަގުގެ ގައުމުތަކަށް އެއްބަސްވާން ފަސޭހަ ޝަރުތުތަކެއް ކަމުގައި ނުވެއެވެ.
އިމާދު ލަތީފު
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ
ބަލަ.ހާދަ ތަކުރާރުވުން ގިނަލިޔުމެއް މީ.
ހަސަން ޢަލީ - 10 މަސް ކުރިން