ހުޅުމާލޭގައި ފުޓުބޯޅަ ސްކޫލެއް އިމާރާތްކޮށް، ފުޓުބޯޅަ ޓްރެއިނިން ފެސިލިޓީއެއް ގާއިމުކުރުމަށް ހައުސިން ޑެވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ސަރުކާރު މެދުވެރިވެ ދީފައިވާ ބިމާއި މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި އިމާރާތެއް ހެދުމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އަށް ދީފައިވާ ބިން މިހާރު ބޭނުންކުރަމުންދާ ފަރާތްތަކުން ވެފައިވާ އެއްބަސްވުންތަކުގެ ކޮޕީ ހިއްސާކުރަން އެދިއްޖެއެވެ.
އެފްއޭއެމްގެ އާ އެކްސްކޯގެ ދެވަނަ ބައްދަލުވުމުގައި ގިނަ ކަންތައްތަކެއް ނިންމާފައިވާ އިރު، އޭގެތެރެއިން އެއް ކަމަކީ އެފްއޭއެމްއަށް ކުރިން ދީ، މިހާރު ނަގާފައިވާ ހުޅުމާލޭގެ ފުޓްބޯޅަ ސްކޫލް ބިމާއި، މާފަންނު ސްޓޭޑިއަމް ބިމުގެ ކަންކަން ހައްލުކުރުމަށް ތަފުސީލުތައް ހޯދުމެވެ.
އެކަމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ދަށުން މިއަދު ވަނީ ދެ އިއުލާނެއް އާއްމުކޮށްފައެވެ.
މާފަންނު ސްޓޭޑިއަމް ސަރަހައްދުން (378 ނަމްބަރު ކޮށި) އިން ފީފާ ހަރަދުގައި ސްޕޯޓްސް އެރީނާއަކާއި އޮފީސް އިމާރާތެއް އަޅަން 50 އަހަރަށް ސްޕޯޓްސް މިނިސްޓްރީން އެފްއޭއެމްއަށް ދީފައި އޮތް ބިމާ ގުޅިގެން އެ އިދާރާއިން ބުނީ އެ ބިމުން ސަބްލީސް ކޮށްފައިވާ ފަރާތްތަކުން، އެފްއޭއެމްއާ ދެމެދު ނުވަތަ، އިތުރު ބަޔަކާއެކުވެސް އެއްބަސްވުމެއް ހަދައިގެން މަސައްކަތް ކުރަމުންދާ ނަމަ، އެ އެއްބަސްވުންތައް 24 އޮގަސްޓް 2025 ގެ މެންދުރުފަހު 2:30 ގެ ކުރިން ހިއްސާ ކޮށްދިނުމަށެވެ.
އޭގެ އިތުރުން މިއަދުން ފެށިގެން އެ އިމާރާތުގެ އެއްވެސް ކަމަކަށް ބަދަލު ނުގެނައުމަށާއި، އިމާރާތް ހުރި ބިމާއި ވަށައިގެން ހުރި ބިމުގައިވެސް އެއްވެސް އިމާރާތެއް ނުކުރަންވެސް އަންގާފައިވެއެވެ.
އެޗްޑީސީން، ރައީސް އޮފީސް މެދުވެރިވެގެން ހުޅުމާލެއިން 2018 ވަނަ އަހަރު އެފްއޭއެމަށް ދިން ދެ ލައްކާ ތިރީސް ހާސް އަކަފޫޓުގެ ބިމަކީ ހައިޕާފޯމަންސް، އެލީޓް ފުޓްބޯޅަ ސްކޫލެއް ހަދަން ދިން ބިމެކެވެ.
އެ ބިމުގައި ފުޓުބޯޅަ ސްކޫލެއް އަޅާފައިނުވާ އިރު، އަޅަން ހަވާލުކުރި ފުޓުބޯޅަ ދެ ދަނޑުވެސް އަޅާފައެއް ނުވެއެވެ. އެ ބިމުން ސަބްލީސްކޮށް ވިޔަފާރިތަކަށް އެފްއޭއެމްއިން ބިން ކުއްޔަށް ދިނީ 2022 ވަނަ އަހަރުއެވެ. އެއީ ފީފާގެ ހުއްދަ ހޯދައިގެން ނަމަވެސް، ފީފާގެ ހުއްދައިގެ އިތުރުން ކުއްޔަށް ދީ، ބޭނުން އަގެއްގައިވެސް ކުއްޔަށް ދީފައިވެއެވެ. އެއީ އެފްއޭއެމްއިން ކުންފުނިތަކަށް ދައްކަށް ޖެހޭ ފައިސާގެ ބަދަލެއްގެ ގޮތުގައި، ނު އަގަށެވެ. އެ ބިމުން ސަބްލީސް ކުރުމަށް ދިން ހިސާބުން ދައްކަން ޖެހޭ ކުލިވެސް އެޗްޑީސީއަށް އެފްއޭއެމްއިން ދައްކާފައި ނުވާ އިރު، އެ މައްސަލަ އޮތީ ސިވިލް ކޯޓުގައެވެ.
އެހެންކަމުން އެފްއޭއެމްއިން އާއްމުކުރި އިއުލާނުގައި ބުނީ ބިން ބޭނުންކުރާ ފަރާތްތަކުން ބިމުގައި މިހާރު ހުރި އެއްވެސް އިމާރާތަކަށް އެއްވެސް ބަދަލެއް ނުގެނައުމަށާއި، އިމާރާތް ހުރި ބިމާއި ވަށައިގެންވާ ބިމުގައި އެއްވެސް އިތުރު އިމާރާތެއް ނުކުރުމަށެވެ.
އޭގެ އިތުރުން އެފްއޭއެމްއާއި އެއްވެސް ފަރާތަކާ ދެމެދު، މަތީގައި ބަޔާންކޮށްފައިވާ ބިމުން ބައެއް ނުވަތަ އެ ބިމުގައި އިމާރާތްކޮށްފައިވާ އިމާރާތުން ބައެއް ކުއްޔަށް ދޫކުރުމަށް ސައްހަ އެއްބަސްވުމެއްވާނަމަ އެ ފަރާތަކުން (ސަބްލީސްކޮށްފައިވާ ފަރާތެއްވާނަމަ އެފަރާތްވެސް ހިމަނައިގެން) އެއެއްބަސްވުމުގެ ކޮޕީއާއި އެނޫންވެސް ކަމާ ގުޅުންހުރި އެންމެހާ ލިޔެކިޔުންތައް 24 އޮގަސްޓް، މެންދުރުފަހު 2:30ގެ ކުރިން އެފްއޭއެމްއަށް އީމެއިލް މެދުވެރިކޮށް ނުވަތަ ގަލޮޅު ރަސްމީ ދަނޑުގައި ހުންނަ އެސޯސިއޭޝަންގެ އޮފީހަށް ފޮނުވައިދޭންވެސް އެދިފައިވެއެވެ.
އެފްއޭއެމްއިން ބުނީ ދެ އެންގުމާ ގުޅިގެން ހުށަހަޅާ އެއްބަސްވުންތަކާއި އެނޫންވެސް ލިޔެކިޔުންތަކަކީ ސައްހަ ލިޔެކިޔުންތަކެއްކަމާ މެދު އެއްވެސް ޝައްކެއް އުފެދިއްޖެނަމަ، އެކަން ދައުލަތުގެ ކަމާބެހޭ މުއައްސަސާއަކަށް ހުށަހަޅައިގެން އެތަކެތީ ސައްހަކަން ކަށަވަރުކުރާނެ ކަމަށެވެ.
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް