ފަލަސްތީނުގެ ޕެލޭގެ ނަމުން މަޝްހޫރުވެފައިވާ ސުލައިމަން އަލް-އޮބައިދު ޝަހީދުވުމާ ގުޅިގެން ޔޫއެފާއިން ކުރި ތައުޒިޔާ ޕޯސްޓަށް ލިވަޕޫލްގެ މިސްރު ތަރި މުހައްމަދު ސަލާހް، ވަރުގަދަ ސުވާލެއް އުފައްދައިފިއެވެ.

އުމުރުން 41 އަހަރު އޮބައިދު މިދިޔަ ބުދަ ދުވަހު ޝަހީދުކޮށްލާފައި ވަނީ އިޒްރޭލުގެ ލާއިންސާނީ އަނިޔާވެރި ހަމަލާއެއްގައެވެ. އިޒްރޭލުން ބުދަ ދުވަހު ދިން ހަމަލާއަކީ ގާޒާގެ ދެކުނު ބޯޑަރު ކައިރީ އިންސާނީ އެހީ ހޯދުމަށް ގޮސް ތިބި އެތައް ބަޔަކަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށް ފަލަސްތީނުގެ ފުޓުބޯޅަ އިދާރާއިން ވަނީ ބުނެފައެވެ.

އޮބައިދު ޝަހީދުވުމާ ގުޅިގެން ޔޫއެފާއިން ކުރި ޕޯސްޓެއްގައި ބުނީ އޭނާއަކީ އުންމީދެއް ނެތް އަނދިރި ކަމެއްގެ ތެރެއިން އުންމީދު އުފެއްދި ހުނަރުވެރި ކުޅުންތެރިއެއް ކަމަށެވެ.

އެ ޕޯސްޓާ ގުޅިގެން ސަލާހް ކުރި ރިޕޯޓުގައި އަހާފައި ވަނީ "(އޮބައިދު) ޝަހީދުވި ގޮތާއި، ޝަހީދުކޮށްލި ތަން އަދި ޝަހީދުކޮށްލީ ކޮންބައެއްކަން ބުނެ ނުދެވެނީ ކީއްވެތޯ؟" ކަމަށެވެ.

ސަލާހްގެ އެ ސުވާލާ ގުޅިގެން ދުނިޔޭގެ މީޑިއާތަކުގެ ސަމާލު ކަމަށް އެކަން އައިސްފައިވާ އިރު، އިޒްރޭލުގެ ލާއިންސާނީ ހަމަލާތަކުގައި އެތައް ކުޅިވަރު އެތުލީޓުންނެއް މިހާތަނަށް ޝަހީދުވެފައިވެއެވެ. އެގޮތުން ތަފާސްހިސާބުތައް ދައްކާ ގޮތުން މިފަހުން އޮކްޓޯބަރު 2023 އިން ފެށިގެން މިއަދާ ހަމައަށްވެސް ފަލަސްތީނުގެ 662 އެތުލީޓެއް އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުވެފައިވެއެވެ.

އޭގެ ތެރެއިން 321 ޝަހީދުން ނިސްބަތްވަނީ ފުޓުބޯޅަ އާއިލާއަށް ކަމަށްވެސް ނޫސްތައް ބުނެއެވެ.

އެ އަދަދުތައް ކަމާބެހޭ އިދާރާތަކުން ރިޕޯޓުކޮށްފައިވީ ނަމަވެސް، ދުނިޔޭ ފުޓުބޯޅައިގެ މައި ޖަމިއްޔާ ފީފާއިންވެސް އިޒްރޭލަށް ފިޔަވަޅު އަޅަން އަދިވެސް މަސައްކަތް ކޮށްފައެއް ނުވެއެވެ. އޭގެ އިތުރުން އެހެން ކުޅިވަރަކުންވެސް އިޒްރޭލާ ދެކޮޅަށް ފިޔަވަޅެއް އެޅުމަށް އަދި އެއްވެސް އިދާރާއަކުން މަސައްކަތް ކޮށްފައެއް ނުވެއެވެ.

ފަލަސްތީނު ފުޓުބޯޅައިގެ މަގުބޫލު ނަމެއް ކަމަށްވާ އޮބައިދަކީ ފަސް ކުދިންގެ ބައްޕައެކެވެ. ގައުމީ ޓީމަށް 24 މެޗު ކުޅެދިން އޮބައިދު ޝަހީދުވި އިރު، އޭނާ އުޅެނީ ކައިވެނިވެސް ކޮށްގެންނެވެ.