މިދިޔަ މަހުގެ 12 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު، އއ. މާޅޮސް، އޯކިޑްމާގެ އަބްދުއްރަހުމާން އާދަމް (65އ) މަރުގެ މައްސަލައިގެ ތުހުމަތުގައި އެ ރަށު ބައެއްގެ ފޯނާއި އަންނައުނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އެ ރަށުން "ވަން" އަށް މައުލޫމާތުދިން ފަރާތަކުން ބުނީ އަބްދުއްރަހުމާންގެ މަރުގެ މައްސަލައިގައި ތުހުމަތުގައި ފުލުހުން ވަނީ ބައެއް މީހުންނާ ސުވާލުކޮށް، ބަލައި ފާސްކުރުން ތަކެއް ކުރިއަށް ގެންގޮސްފައެވެ.
ފުލުހު ވަނީ ރޭ ކޯޓު އަމުރެއްގެ ދަށުން އަބްދުއްރަހުމާންގެ މަރުގެ މައްސަލައާ ގުޅިގެން ތިން މީހެއްގެ ގެ ބަލައިފާސްކޮށް، ތަހުގީގުގެ ބޭނުމަށް ބައެއް ތަކެތި ގެންގޮސްފައި ކަމަށް އެ ރަށުން ވާހަކަ ދެއްކި ފަރާތުން ބުންޏެވެ. އޭގެ ތެރޭގައި މޯބައިލް ފޯނާއި އަންނައުންނާއި އިތުރު އިލެކްޓްރޯނިކް ވަސީލަތް ހިމެނޭ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ވަން" އަށް މިއަދު ވިދާޅުވީ މައްސަލައިގެ ތަހުގީގުގެ ތެރެއިން މީހުންނާ ސުވާލު ކުރުމާއި ފޮރެންސިކުން މައްސަލައިގެ ހެކި ހޯދުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
ފުލުހުން އަބްދުއްރަހުމާންގެ މަރުގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ އިރު މި މައްސަލައިގެ ތުހުމަތަށް އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރެއެވެ. މައްސަލައިގެ ތަހުގީގަށް މައުލޫމާތު ހޯދުމުގެ ގޮތުން ފުލުހުން ވަނީ އަބްދުއްރަހުމާންގެ އަވައްޓެރީންނާއި އޭނާގެ އާއިލާގެ މީހުންނާ ސުވާލުކޮށްފައެވެ. އަދި ވަނީ މާޅޮހުގެ އަތިރިމައްޗާއި ހޭޅިފަށާާއި ގޮނޑުދޮށް ބަލައިފާސްކުރުމުގެ އިތުރުން އެ ރަށުގެ ފަޅުތެރެ ބަލައިފައެވެ. ފުލުހުންގެ އެ ސާޗް އޮޕަރޭޝަނަކީ އަބްދުއްރަހުމާނަށް ހަމަލާ ދިނުމަށް ބޭނުންކުރި އެތި ނުވަތަ ތަކެތި ފެނޭތޯ ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ.
މި މައްސަލައިގެ ތަހުގީގުގެ ތެރެއިން ފުލުހުން ވަނީ އަބްދުއްރަހުމާންގެ އަންހެނުން ނާޒިމާ އިބްރާހިމްގެ ފޯނުގެ ބައެއް ޑޭޓާތައް ނަގައިފައެވެ. އެ އާއިލާއިން މައުލޫމާތު ދީފައިވާ ގޮތުގައި ނާޒިމާ ފޯނު ހަވާލުކުރީ އަމިއްލައަށް ފެނިގެން ތަހުގީގަށް އެހީތެރިކަން ފޯރުކޮށްދީ އެއްބާރުލުން ދިނުމުގެ ގޮތުންނެވެ.
އަބްދުއްރަހުމާން ޒަހަމްތަކަކާއެކު ފެނުނު މީހަކު "ވަން" އަށް ބުނެފައިވަނީ ބޮލަށް އަނިޔާކޮށްފައި ހުރުމުގެ އިތުރުން އޭނާގެ ލޮލަށްވެސް ވަރަށް ބޮޑަށް އަނިޔާކޮށްފައިވާ ކަމަށެވެ. ލޯމަތި ހުރީ ނޫފައިގެންފައިކަމަށް އޭނާ ބުންޏެވެ. އަބްދުއްރަހުމާންގެ ނިތްކުރި މަތީންނާއި ބޮލުގެ އަރިމަތީން ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައިވާ ކަމަށާއި ފުއްކިބައިންވެސް ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައިވާކަމަށް "ވަން"އަށް މައުލޫމާތު ދިން ފަރާތުން ބުނެފައިވެއެވެ.
އަބްދުއްރަހުމާންގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް އިންޑިއާގެ ޓްރިވެންޑްރަމަަށް ފޮނުވާފައިވަނީ މިދިޔަ ޖުލައި މަހުގެ21 ވަނަ ދުވަހުގައެވެ. އޮޓޮޕްސީ ހެދުމަށްފަހު ހަށިގަނޑު މާލެ ގެނެސްފައިވަނީ ޖެހިގެން އައި ދުވަހުގެ ވަގުތެއްގައެވެ.
މުހައްމަދު އިޝާން
މަރުގެ މައްސަލަތައް
މަރުގެ މައްސަލަތައް