ބަޔަކު ކިތަންމެ ނުބައި ޕްލޭންތަކެއް ހެދިޔަސް، ޕީއެންސީގެ މަޖިލިސް މެންބަރުން ތިއްބެވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަހަތްޕުޅުގައި ވަރަށް ސާބިތުކަމާއެކު ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ފަލާހު އެހެން ވިދާޅުވެފައިވަނީ، ޕީއެންސީގެ 13 ނުވަތަ 14 މަޖިލިސް މެންބަރަކު ގޮނޑި ގެއްލުނު ކަމުގައިވީ ނަމަވެސް، "ރައްޔިތުންގެ ފަޅި"އަށް އެރުމަށް ތައްޔާރަށް ތިބި ކަމަށް ވިދާޅުވެ، ވެލިދޫ ދާއިރާގެ އެމްޑީއޭ މެންބަރު މުހައްމަދު އައްބާސް ކުރެއްވި ފޭސްބުކް ޕޯސްޓަކާ ގުޅިގެންނެވެ.
އެ ޕޯސްޓުގައި އައްބާސް ވިދާޅުވީ އެއްވެސް މަޝްވަރާއެއް ނެތި ރައްޔިތުންނާ ގުޅުންހުރި ކަންކަމުގައި ކުއްލި ކުއްލިއަށް މަޖިލީހަށް ހުށަހަޅާ ބިލުތަކަށް ވޯޓު ނުދެއްވާނެ ކަމަށް ޕީއެންސީގެ ބައެއް މެންބަރުން ވިދާޅުވެފައިވާ ކަމަށާއި ރައްޔިތުން މާޔޫސްވެ ތިބި ކަމަށް ޕީއެންސީގެ ޕީޖީ ގްރޫޕުގެ ބައްދަލުވުމެއްގައި މެންބަރުން ވިދާޅުވެފައިވާ ކަމަށެވެ. އަދި ހިތްހަމަނުޖެހުން ފާޅުކުރެއްވި ކަމަށްބުނާ ބައެއް މެންބަރުންގެ ނަންތައް ވެސް އައްބާސް ފާހަގަކުރެއްވިއެވެ.
"ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭގޮތަށް އިސްލާހު ހުށަހަޅުއްވައި، ފާސްކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ބާރު ކަނޑުވައިލުމުގެ ނިޔަތުގައި ކަމަށް ގިނަ މެންބަރުން ތަކުރާރުކޮށް ވިދާޅުވި. ބުދަ ދުވަހުގެ ބޭއްވުނު ބައްދަލުވުމުގައި ޕީޖީ ގްރޫޕުގެ މެންބަރުންގެ ކަންބޮޑުވުންތައް ހުރިވަރުން ބައްދަލުވުން ވަރަށް ހޫނުވެގެން ދިއުމުގެ ސަބަބުން ބުރާސްފަތި ދުވަހު ޕީޖީ ގްރޫޕުގެ އިތުރު ބައްދަލުވުމެއް ބާއްވާނެ ކަމަށް ވިދާޅުވި ނަމަވެސް، ނުބާއްވާ ކަމަށް ޕީއެންސީގެ މެންބަރުން ވިދާޅުވި،" އައްބާސްގެ ޕޯސްޓުގައި ވިދާޅުވިއެވެ.
އައްބާސްގެ އެ ވާހަކަތަކަށް ރައްދުދެއްވުމަށް ފަލާހު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީއެންސީ ޕީޖީ ގްރޫޕު ރޫޅާލެވިދާނެކަމަށް ހީކޮށް އެފަދަ ބުހުތާން ދޮގު ވާހަކަ ފެތުރުމަކީ ވަރަށް ބޮޑު ކުށްހީއެއް ކަމަށެވެ. އަދި އެ ވާހަކަތަކުގެ ސަބަބުން، އެފަދަ ފިތުނަ ފަތުރައިދޭ މަތިން އައްބާސްއަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ތިން މިލިއަން ރުފިޔާ ދެއްވާފައިވާ ކަމަށްބުނެ ކުރަމުންދާ ތުހުމަތުތަކަށް ބާރުލިބޭ ކަމަށް ފަލާހު ވިދާޅުވިއެވެ.
"ޕީއެންސީ ޕީޖީ ގްރޫޕު އޮތީ އެކަތިގަނޑެއް ގޮތަށް ރައީސް މުއިއްޒުގެ ފަހަތްޕުޅުގައި ވަރަށް ސާބިތުކޮށް، ކިތަންމެ ނުބައި ޕްލޭންތަކެއް ރާވައި މިފަދަ މޮޔައިންލައްވާ މިފަދަ މެސެޖު ކުރުވިޔަސް އިންޝާ ﷲ ކާމިޔާބެއް ނުވާނެ،" އޭނާ ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ކިބައިގައި ހުންނަންޖެހޭ އެންމެ މުހިންމު އެއް ޝަރުތު އައްބާސްގެ ކިބައިގައި ނެތް ކަމަށާއި އެފަދަ ފިތުނަވެރި ނުބައި ވާހަކަތައް ފެތުރުމަކީ ތިމާގެ ސިޔާސީ ހުނަރުވެރިކަން ހާމަކޮށްދޭ ކަމެއްކަމުގައި ދެކުމަކީ ވަރަށް ބޮޑު ކުށްހީއެއް ކަމަށެވެ. އަދި އޭގެން އަންގައިދެނީ ތިމާއަކީ އެއްވެސް އަހުލާގެއް ނެތް މީހެއް ކަމަށް ފަލާހު ވިދާޅުވިއެވެ.
އިބްރާހިމް ފަލާހު
އިބްރާހިމް ފަލާހު