މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އޯޕަން މާކެޓް އޮޕަރޭޝަން (އޯއެމްއޯ) ފަށައި، މާކެޓުގައި ދައުރުވަމުންދިޔަ 2.1 ބިލިއަން ރުފިޔާ އެމްއެމްއޭއަށް ވައްދައިފިއެވެ.

މިއީ ދިވެހި ރުފިޔާގެ އަގު ދަށްވެ ޑޮލަރުގެ އަގު މަތިވަމުންދާތީ، ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމުގެ ގޮތުން އަޅަން ފަށައިފައިވާ ފިޔަވަޅުތަކެވެ.

އެމްއެމްއޭއިން މިއަދު އާންމުކުރި "މަނިޓަރީ ސިޔާސަތުގެ ދަށުން ފާއިތުވެދިޔަ އަހަރުގެ ތެރޭގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން އަޅާފައިވާ ފިޔަވަޅުތައް" ނޫސްބަޔާނުގައިވާ ގޮތުން ދިވެހި ރުފިޔާގެ އެކްސްޗޭންޖް ރޭޓަށް ކުރަމުންދާ ނޭދެވޭ އަސަރު ކުޑަކުރުމަށްޓަކައި، ބޭންކިން ނިޒާމުގައި ދައުރުވާ ދިވެހި ރުފިޔާގެ ލިކުއިޑިޓީ މަދު ކުރުމަށް، އޯޕަން މާކެޓް އޮޕަރޭޝަންސްގެ ދަށުން ރިވާސް ރީޕާޗޭސް އޮޕަރޭޝަންސް ފަށައިފައިވަނީ މދިޔަ ޖުލައި މަހުގެ 23 ވަނަ ދުވަހުގައެވެ.

"މިގޮތުން ރިވާސް ރީޕާޗޭސްގެ ފުރަތަމަ އޮޕަރޭޝަންއިން ވަނީ ބޭންކިން ނިޒާމުގެ އެކްސެސް ލިކުއިޑިޓީގެ ތެރެއިން 2.1 ބިލިއަން ރުފިޔާ މަދުކުރެވިފައި،" އެމްއެމްއޭއިން ބުންޏެވެ.

އެމްއެމްއޭއިން ބުނީ މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ޖުމްލަ މަނީ ސަޕްލައިގެ ގޮތުގައި ހުރީ 64.5 ބިލިއަން ރުފިޔާ ކަމަށެވެ. އެއީ އަހަރުން އަހަރަށް ބަލާއިރު 10.7 ޕަސަންޓުގެ އިތުރުވުމެއް ކަމަށް އެމްއެމްއޭއިން ބުންޏެވެ.

މަނީ ސަޕްލައި އިތުރުވުމުގެ މައިގަނޑު ސަބަބަކީ ވިޔަފާރި ބޭންކުތަކުން ސަރުކާރުގެ ސެކިއުރިޓީސް (ޓ-ީބިލް އަދި ޓީ -ބޮންޑް)ގައި އިންވެސްޓް ކުރާ މިންވަރާއި ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް ދޫކުރާ ލޯނުގެ މިންވަރު އިތުރުވުން ކަމަށް އެމްއެމްއޭއިން ބުންޏެވެ.

އަދި ސަރުކާރުން އެމްއެމްއޭ އަށް ދިގު މުއްދަތުގައި ދައްކާ ބޮންޑުގެ ގޮތުގައި 14 ބިލިއަން ރުފިޔާ އެބަހުރި ކަމަށާއި އެ ފައިސާއަކީ އެކި ދުވަސްވަރު މަތިން ޗާފުކޮށްފައިވާ ފައިސާގެ އަދަދު ކަމަށް އެމްއެމްއޭއިން ބުންޏެވެ.

ސަރުކާރުގެ ސެކިއުރިޓީސްގައި ވިޔަފާރި ބޭންކުތަކުން އިންވެސްޓްކޮށްފައިވާ މިންވަރު އަހަރުން އަހަރަށް 20.9 ޕަސަންޓަށް އިތުރުވެފައިވާ ކަމަށާއި ދޫކޮށްފައިވާ ލޯނުގެ އަދަދު ވަނީ ހަ ޕަސަންޓަށް އިތުރުވެފައި ކަމަށް އެމްއެމްއޭއިން ބުންޏެވެ.

މީގެ ތެރެއިން ރުފިޔާއިން ދޫކޮށްފައިވާ ލޯނު 9.4 ޕަސަންޓަށް އިތުރުވި ނަމަވެސް ބޭރު ފައިސާއިން ދޫކުރާ ލޯނު އިތުރުވެފައިވަނީ އަހަރުން އަހަރަށް ބަލާއިރު 1.6 ޕަސަންޓަށް ކަމަށް އެމްއެމްއޭއިން ބުންޏެވެ.

ބޭންކިން ނިޒާމުތަކުގައި މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ރުފިޔާ ލިކިއުޑިޓީގެ ގޮތުގައި ހުރީ އެވްރެޖުކޮށް ހަތް ބިލިއަން ރުފިޔާ ކަމަށާއި އެއީ، އަހަރުން އަހަރަށް ބަލާއިރު ދެ ޕަސެންޓު އިތުރުވުމެއް ކަމަށް އެމްއެމްއޭއިން ބުންޏެވެ.

އެމްއެމްއޭއިން ބުނީ މާކެޓުގައި ދައުރުވާ ރުފިޔާގެ ލިކުއިޑިޓީ ވަނީ 2020 ވަނަ އަހަރުން ފެށިގެން 178 ޕަސެންޓަށް އިތުރުވެފައި ކަމަށެވެ.