ލ. މާވަށުގައި މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހު ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން މަރުވި ނަލަހިޔަ، ލ. މާވަށް، މޫސާ އިބްރާހިމް (29އ) ގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް އިންޑިއާއަށް އިއްޔެ ފޮނުވާލައިފިއެވެ.

ފުލުހުން އެކަން މީޑިއާތަކަށް ހާމަކޮށްދިނީ މިއަދެވެ.

އޮޓޮޕްސީއަށް މޫސާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވާލި އިރު، ތަހުގީގަށް ބޭނުންވާ ބައެއް ސާމްޕަލްތައް ނެގުމަށް މޫސަގެ ހަށިގަނޑު މާލެ ގެނެސްފައިވަނީ 28 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ލ. މާވަށް، މޫސާ އިބްރާހިމް (29އ) މަރާލި މައްސަލައިގައި ހައްޔަރުކުރި އަސަރީ މަންޒިލް، ހދ. ނޮޅިވަރަންފަރު، މުހައްމަދު އިބްރާހިމް (29އ)-- ފޮޓޯ: ފުލުހުން

މޫސަގެ މަރުގެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ، އަސަރީ މަންޒިލް، ހދ. ނޮޅިވަރަންފަރު، މުހައްމަދު އިބްރާހިމް (29އ)، ހައްޔަރުކޮށްފައެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފައެވެ. ފުލުހުން އޭނާ ހައްޔަރުކުރީ މޫސަ މަރާލި ދުވަހުގެ ވަގުތެއްގައެވެ.

އެނގިފައިވާ ގޮތުގައި މޫސައަށް ހަމަލާ ދިނުމަށްފަހު، މުހައްމަދު އިބްރާހިމް ވަނީ އަމިއްލައަށް ފުލުހަށް ހާޒިރުވެފައެވެ. ފުލުހުން އޭނާ ހައްޔަރު ކުރީ ޕޮލިސް ސްޓޭޝަންގައި ހުއްޓައެވެ.

މުހައްމަދު އިބްރާހީމަކީ މަސްތުވާތަކެތީގެ ރެކޯޑު އޮންނަ މީހެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.

މޫސައަށް ހަމަލާދިނުމަށް ބޭނުން ކުރި ވަޅި ފުލުހުންގެ ޓީމެއް މޫދަށް ފީނައިގެން ވަނީ ހޯދައިފައެވެ.