ކުޅުންތެރިންގެ ހައްގުގައި މަސައްކަތްކުރާ ނެދަލޭންޑްސްގެ ޖަމިއްޔާއެއް ކަމަށްވާ ދަ ޑަޗް ފައުންޑޭޝަން ފޯ ޖަސްޓިސްއިން ފުޓުބޯޅައިގެ މައި އިދާރާ، ފީފާއާ ދެކޮޅަށް "މަލްޓި ބިލިއަން ޑޮލަރުގެ" ދައުވާއެއް ކޮށްފިއެވެ.
ޑަޗް ފައުންޑޭޝަނުން ކޮށްފައިވާ ދައުވާއަކީ ފީފާގެ ޓްރާންސްފާ އުސޫލުތަކުގެ ސަބަބުން ކުޅުންތެރިންނަށް ލިބެން ޖެހޭ އެތައް ފައިސާއެއް ގެއްލިފައިވާ ކަމަށް ބުނެއެވެ. އެ ފައުންޑޭޝަނުން ބުނީ ފީފާގެ ޓްރާންސްފާ އުސޫލުތައް، ޔޫރަޕްގެ ގާނޫނުތަކާ ހިލާފުވާ ކަމަށާއި، އޭގެ ސަބަބުން ޔޫރަޕިއަން ޔޫނިއަންގެ ލައްކައެއްހާ ކުޅުންތެރިންގެ އިތުރުން އެމެރިކާއާއި އިނގިރޭސިވިލާތުގެ އެތައް ކުޅުންތެރިންނަކަށްވެސް ގެއްލުންވެފައިވާ ކަމަށެވެ.
ދައުވާ އުފުލާ ފަރާތުން ބުނީ ކޮންސަލްޓެންސީ ފާމް، ކޮމްޕަސް ލެކްސެކޮންއިން އަންދާޒާ ކޮށްފައިވާ ގޮތުގައި، ފީފާގެ ޓްރާންސްފާ އުސޫލުތަކުގެ ސަބަބުން ކުޅުންތެރިންނަށް ބިލިއަން ޑޮލަރަށްވުރެ ބޮޑެތި އަދަދުތަކުން ގެއްލުން ލިބިފައިވާ ކަމަށެވެ.
ދަ ޑަޗް ފައުންޑޭޝަނުގެ ފަރާތުން މައްސަލަ ހުށަހެޅީ ޖަސްޓިސް ފޯ ޕްލޭޔާސް (ޖޭއެފްޕީ)އިންނެވެ. އެ ފަރާތުން ވަނީ ނެދަލޭންޑްސްގެ އެފްއޭގެ އިތުރުން ޔޫރަޕުގެ ބައެއް އިތުރުން ފުޓުބޯޅަ އެސޯސިއޭޝަންތަކަށްވެސް މައްސަލަ އަމާޒުވެފައެވެ.
ޖޭއެފްޕީން މައްސަލަ މައިގަނޑުކޮށް ބިނާކޮށްފައި ވަނީ ޔޫރަޕިއަން ކޯޓް އޮފް ޖަސްޓިސް (އީސީޖޭ)އިން ލައްސާނާ ޑިއާރާއާ އެއްކޮޅަށް ނިންމި ނިންމުމުގެ މައްޗަށެވެ. އެ ނިންމުމާއެކު ފީފާގެ ޓްރާންސްފާ އުސޫލުތަކަށް ވަގުތީ ބަދަލެއް ގެނައި ނަމަވެސް، ފަހުން އެ ބަދަލު ރަސްމީކޮށްފައެއް ނުވެއެވެ.
ޑިއާރާއަކީ ޗެލްސީއާއި އާސެނަލްގެ އިތުރުން ރެއާލް މެޑްރިޑަށް ކުޅުނު ލެޖެންޑަރީ ކުޅުންތެރިއެކެވެ. ފްރާންސް ގައުމީ ޓީމަށްވެސް ކުޅެފައިވާ ޑިއާރާ، 2014 ވަނަ އަހަރުން ފެށިގެން ގާނޫނީ މައްސަލަގަނޑެއްގެ ތެރޭގައި އުޅެފައިވާ އިރު، އެ މައްސަލަ ފެށުނީ އޭނާ އޭރު ކުޅެމުންދިޔަ ލޮކޮމޯޓިވް މޮސްކޯއިން، ކުއްލިއަކަށް އެއްބަސްވުން އުވާލި ހިސާބުންނެވެ.
ޑިއާރާ ލޮކޮމޯޓިވް މޮސްކޯއަށް ކުޅެމުން ގޮސް، އެ ކްލަބުގެ ކޯޗު ލެއޮނިޑް ކުޗުކާ ޖެހުނު މައްސަލައެއްގައި ތަމްރީނުތަކަށް ނުކުންނަން ދެކޮޅު ހަދައި، މުސާރަ ކުޑަކުރަންވެސް ދެކޮޅު ހެދިއެވެ. އެއާއެކު އެ ކްލަބުން އޭނާގެ އެއްބަސްވުން އުވާލީ، އެއްބަސްވުމުގައި ބާކީ ތިން އަހަރު އޮއްވައެވެ.
އެ މައްސަލައިގައި ފީފާގެ ނިންމުން 2016 ވަނަ އަހަރު ނިންމީ ކްލަބާ އެއްކޮޅަށެވެ. އެ ނިންމުމަށް ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އިން ތާއީދުވެސް ކޮށްފައިވާ އިރު، ފީފާގެ ނިންމުމަކީ ޑިއާރާ 10 މިލިއަން ޔޫރޯއިން ޖޫރިމަނާކޮށް، ފުޓުބޯޅައިން 15 މަސް ދުވަހަށް ސަސްޕެންޑް ކުރުމެވެ.
އޭގެފަހުން ޑިއާރާ ޗާލެރޯއީ ކިޔާ ކްލަބަކާ ގުޅެން އުޅުމުން، އެ ކްލަބުން ބުނީ ލޮކޮމޯޓިވް މޮސްކޯއަށް ދައްކަން ޖެހޭ ޖޫރިމަނާ ދައްކައިނުދޭނެ ކަމަށެވެ. އޭގެ އިތުރުން އެ ޖޫރިމަނާ އެހެން އޮތުމާއެކު ފީފާއިން ވަނީ ޑިއާރާއަށް އިންޓަނޭޝަނަލް ޓްރާންސްފާ ސެޓިފިކޭޓް (އައިޓީސީ) ދޭން ދެކޮޅު ހަދައިފައެވެ.
އެ މައްސަލައިގައި ޑިއާރާގެ ފަރާތުން އީސީޖޭއަށް ހުށަހެޅީ އައިޓީސީ ހިފެހެއްޓުމުން އޭނާއަށް ކްލަބުތަކަށް ބަދަލުވާން ހުރަސް އެޅުނު ކަމަށް ބުނެ ހުށަހެޅި މައްސަލައެއްގެ އިތުރުން ކުއްލިއަކަށް އެއްބަސްވުން އުވައިލުމުން ދޭ އަދަބުތަކުގެ ޒިންމާ ދެން ސޮއިކުރާ ކްލަބުން ނަގަން ނުޖެހޭ ގޮތަށް އޮތް އޮތުމަކީ ނާއިންސާފު ކަމަށް ބުނެ ހުށަހެޅި ހުށަހެޅުމެކެވެ.
އެ މައްސަލައިގައި އީސީޖޭއިން ހުކުމް ކުރީ ޑިއާރާއާ އެއްކޮޅަށެވެ. އެ ހުކުމުގައި ވަނީ އައިޓީސީ ސިސްޓަމް ބޭނުންކޮށްގެން، ފީފާއަށް ކުޅުންތެރިންގެ ޓްރާންސްފާ ހިފެހެއްޓިގެން ނުވާނެ ކަމަށާއި، އެއްބަސްވުން އުވާލާ ހާލަތްތަކުގައި ކޯޗުންނާއި ކުޅުންތެރިންނަށް ކުރާ ޖޫރިމަނާ ހިސާބުކުރާ އުސޫލު ބަދަލުކުރަން ޖެހޭ ކަމަށެވެ. އޭގެ އިތުރުން އެއްބަސްވުން އުވައިލުމުގެ ސަބަބުތައް ހާމަކުރުމުގައި ކުޅުންތެރިންނަށް ލުއި ދޭން ޖެހޭ ކަމަށް އީސީޖޭން ބުންޏެވެ.
ފީފާއާ ދެކޮޅަށް ޖޭއެފްޕީއިން ހުށަހެޅި މައްސަލައިގައި ބުނަނީ ފީފާއިން ކްލަބުތައް އަތް މައްޗަށް ކުޅުންތެރިންގެ ޓްރާންސްފާ ދޫކޮށްލާފައި އޮތުމުން، ކުޅުންތެރިންނަށް އަމިއްލަ އިހުތިޔާރުގައި ނިންމުން ނުނިންމޭ ކަމަށެވެ.
ޖޭއެފްޕީގެ ފަރާތުން މައްސަލައިގައި ވަކާލާތު ކުރަނީ ޑުޕޮންޓް-ހިސެލް ލޯ ފާމުންނެވެ. އެއީ ޖީން ލުއި ޑުޕޮންޓްގެ ލޯ ފާމެވެ. ޑުޕޮންޓަކީ 1995 ވަނަ އަހަރު ބެލްޖިއަމްގެ ޖީން މާކް ބޮސްމަންގެ ކޭސް ނެގި ލޯޔަރުވެސް މެއެވެ. އެ ފަހަރު އޭނާއާ އެއްކޮޅަށް ނިންމި ނިންމުމާއެކު އެއްބަސްވުން ހަމަވެފައި ތިބޭ ކުޅުންތެރިންނަށް އިތުރު ޓްރާންސްފާ ފީއަކާ ނުލައި ކްލަބު ބަދަލުކުރެވޭނެ ގޮތް ވިއެވެ.
ފީފާ
ފީފާ
ފީފާ
ފީފާ