ހއ. މުރައިދޫ މިސްކިތް ތަރައްގީކުރުމުގެ މަސައްކަތް، އިސްލާމިކް މިނިސްޓްރީން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

އިސްލާމީ މަރުކަޒުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝަރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ. އަދި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް އާސިމެވެ.

އެ މިސްކިތަކީ 3650 އަކަފޫޓުގެ ސަރަހައްދެއްގައި 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 7.21 މިލިއަން ރުފިޔާއަށް 365 ދުވަސްތެރޭ ނިންމުމަށެވެ.

އެމްޓީސީސީން ބުނީ 924 މީހުންގެ އާބާދީއެއް ދިރިއުޅޭ މުރައިދޫގެ ރައްޔިތުންނަށް އެ މަޝްރޫއުގެ މަސައްކަތް ނިމުމާއެކީ ގިނަގުނަ ފައިދާތަކެއް ކުރާނެ ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން ކުރުމަށް ނިންމާފައިވާ މަސައްކަތްތައް:

  • ނަމާދު ކުރާނެ ތަނެއްް ގާއިމުކުރުން.
  • ފިރިހެނުންނާއި އަންހެނުން ވުލޫކުރާނެ ތަނެއް ގާއިމުކުރުން.
  • މިސްކިތުގެ ގޯތިތެރެ ސާފުކުރާނެ ސާމާނުތައް ބަހައްޓާނެ ތަނެއް ގާއިމުކުރުން.
  • މުންނާރު ގެއެއް ހެދުން .
  • މިހުރާބު ގެއެއް ހެދުން.
  • ސައުންޑްރޫމް ހެދުން.
  • އިމާމުންނަށް ހާއްސަ ކޮޓަރިއެއް ހެދުން.