ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީއަށް ލިބުނީ "ބީ ރިޕޯޓެއް" ކަމަށާއި، ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވަނީ "އޭ ރިޕޯޓެއް" ކަމަށްވާތީ، އިންތިހާބު ނިމުމާއެކު ސަރުކާރުން ބަދަލުތައް ގެންނަން ފަށާފައިވާކަމަށް ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ހއ. މުރައިދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަނުން ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް މިރޭ މާލޭގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ޝިޔާމް ވިދާޅުވީ ނިމިދިޔަ އިންތިހާބުގައި ޕީއެންސީ މޮޅުވިތޯ ގިނަ ބަޔަކު ސުވާލު އުފައްދަމުންދާ ކަމަށާއި، އެ އިންތިހާބުގައި ލިބުނު ބީ ރިޕޯޓަކީ ސަރުކާރުން ގަބޫލުކުރާ ނަތީޖާއެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލެއް ނުކުރަން ބީ ރިޕޯޓެއް. އަޅުގަނޑުމެންނަކީ އޭ ރިޕޯޓު ހޯދަން ބޭނުންވާ މީހުން،" ޝިޔާމް ވިދާޅުވިއެވެ.

ރައީސް މުއިއްޒަކީ ކަންކަމުގައި އެންމެ ރަނގަޅު ނަތީޖާ ބޭނުންފުޅުވާ ބޭފުޅެއްކަން ފާހަގަކުރައްވަމުން ޝިޔާމް ވިދާޅުވީ، އިންތިހާބު ނިމުމާއެކު ރައްޔިތުންގެ އަޑުއައްސަވައި، ރައްޔިތުން ބޭނުންވާ ބަދަލުތައް ގެނައުމުގެ މަސައްކަތް ރައީސް ވަނީ ވަގުތުން ފައްޓަވާފައި ކަމަށެވެ. މިއީ ޑިމޮކްރަސީއެއްގައި ފެންނާނެ އެންމެ ރީތި މަންޒަރުކަމަށް ޝިޔާމް ވިދާޅުވިއެވެ.

"ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންވަނީ އޭ ރިޕޯޓް. އެހެެންވެ އިންތިހާބު ނިމުމާ އެކު އެމަނިކުފާނު ވިދާޅުވީ ރައްޔިތުން ވާހަކަތައް ވިދާޅުވެއްޖެއޭ. ތިމަން މަނިކުފާނު އަޑުއައްސަވަައިފިމޭ. އެ ވަގުތުން ފެށިގެން ރައްޔިތުން އެ ވިދާޅުވި ކަންކަން ފެއްޓެވި. މީ ނޫންތޯ ޑިމޮކްރަސީއެއްގައި ފެންނާނެ އެންމެ ރީތި މަންޒަރަކީ،" ޝިޔާމް ވިދާޅުވިއެވެ.

ކުރީގެ ސަރުކާރަށް ފާޑުވިދާޅުވަމުން ޝިޔާމް ވިދާޅުވީ، މިދިޔަ ސަރުކާރުގައި ދައުލަތުގެ މާލިއްޔާއިން ވައްކަން ކުރިއިރުވެސް، މިނިސްޓަރުން ވަކިކޮށް ފިޔަވަޅު އަޅަން އޭރުގެ ރައީސަށް ކެރިވަޑައިނުގެންނެވި ކަމަށެވެ. އަދި އޭރު ފެނިގެންދިޔައީ ވަޒީރުންގެ "ބަލަދު އަރައިގެން" ސަރުކާރު ހިންގި ތަންކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި 70 ޕަސަންޓަށްވުރެ ގިނަ މީހުން ވޯޓުލާން ނުކުތުމުން އެ ނިޒާމަށް ރައްޔިތުންގެ އިތުބާރު އޮތްކަން ހާމަވާ ކަމަށެވެ.

އަދި މަޖިލީހުގެ ސުޕަ މެޖޯރިޓީ ސަރުކާރަށް އޮތް ނަމަވެސް، ކޯޓު ހުކުމަކާ ގުޅިގެން ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާންގެ ގޮނޑި ގެއްލުމަކީ ދައުލަތުގެ ނިޒާމަށް އޮތް އިތުބާރު ބޮޑުވާ ކަމެއްކަމަށް ޝިޔާމް ވިދާޅުވިއެވެ.

މި ސަރުކާރަކީ ރައްޔިތުންގެ އަޑުއަހައިގެން، ރައްޔިތުން އެދޭ ގޮތަށް ކުރިއަށްދާނެ ސަރުކާރެއްކަމަށް ޝިޔާމް ވިދާޅުވިއެވެ.