ދިވެހި ރާއްޖޭގައި ރަސްމީކޮށް ބީޗު ސޮކާ ފަށައި، އަންނަ އަހަރު އޮންނަ އޭއެފްސީ ބީޗު ސޮކާ އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ވާދަކުރުމަށް ކަލަންޑަރުގައި ހިމަނައިފިއެވެ.

އެފްއޭއެމްގެ އާ ރައީސަކަށް ގައުމީ ޓީމުގެ ކުރީގެ ފޯވަޑް އަދި އެފްއޭއެމްގެ ކުރީގެ ރައީސް، މިހާރު މަހިބަދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ތޯރިގު (ޓޮމް) އިންތިހާބު ކޮށްފައި ވަނީ މިދިޔަ މަހުގެ ފަހުކޮޅުގައެވެ. ހުރިހާ ކްލަބެއްގެ ތާއީދާއެކު ތޯރިގު އެފްއޭއެމް ރައީސް ކަމަށް އައީ ވަރުގަދަ ޓީމަކާއެކުގައެވެ.

އެފްއޭއެމްގެ އާ އެކްސްކޯއިން ބޭއްވި ދެވަނަ ބައްދަލުވުމުގައި ކޮމިޓީތަކަށް މީހުން ހަމަޖެއްސުމުގެ އިތުރުން، ކަލަންޑަރު ފައިނަލް ކޮށްފައިވެއެވެ. ކަލަންޑަރުގައި ވާގޮތުން، ރާއްޖޭގައި ރަސްމީކޮށް ބީޗު ސޮކާ ފަށަން ވަނީ ތައްޔާރުވެފައެވެ.

އެޑް-ހޮކް ކޮމިޓީތައް އެކުލަވާލި އިރު، ބީޗު ސޮކާއާއި ފުޓްސަލްއަށް ހާއްސަ ކޮމިޓީއެއް އެކުލަވާލާފައިވާ އިރު، އެ ކޮމިޓީގެ ޗެއާޕާސަނަކީ މުޖުތަބާ ޖަލީލެވެ. ޑެޕިއުޓީ ޗެއާޕާސަނަކީ އިމްރާން މުހައްމަދު (އިއްމަ)އެވެ. ދެން ކޮމިޓީގައި ހިމެނެނީ ހުސައިން ނިހާދާއި އަބްދުﷲ ޝައްފާނެވެ.

އެފްއޭއެމްގެ ކަލަންޑަރުގައި ވާގޮތުން އަންނަ އަހަރު އޭޕްރީލް މަހު 10 ވަނަ ދުވަހު ބީޗު ސޮކާ މުބާރާތެއް ބާއްވަން ވަނީ ތާވަލުކޮށްފައެވެ. އެ މުބާރާތަށްފަހު އަންނަ އަހަރު މޭ މަހު، އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފިކޭޝަނުގައި ވާދަކުރަންވެސް ކަލަންޑަރުގައި ހިމަނާފައިވެއެވެ.

އޭޝިއާގެ ބީޗް ސޮކާ މުބާރާތަކީ ދެ އަހަރުން އެއް އަހަރު އޮންނަ މުބާރާތެކެވެ. އެ މުބާރާތް މިއަހަރު ތައިލެންޑްގައި ބާއްވާފައިވާ އިރު، ދެން އޮންނާނީ އަންނަ 2027 ވަނަ އަހަރުއެވެ.

ރާއްޖެއަކީ ގުދުރަތީ ގޮތުން ދުނިޔޭގެ އެންމެ މަގުބޫލު އަދި ހިތްގައިމު ގޮނޑުދަށްތައް ލިބިފައިވާ ގައުމަށްވާ އިރު، މީގެ ކުރިން ބައެއް ފަހަރު ރިސޯޓުތަކުގައި ބީޗް ސޮކާ ކުޅުނުތަން ފެނިގެން ގޮސްފައިވެއެވެ.