ލާމަރުކަޒީ ގާނޫނުން ލޯކަލް ކައުންސިލްތަކަށް ދީފައިވާ ބައެއް މާލީ ބާރުވެރިކަން ސަރުކާރަށް ނެގުމުގެ ގޮތުން، ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
އެބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރީ ޖަލްސާގައި ތިއްްބެވި 61 މެންބަރުންގެ ތެރެއިން 51 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ޖަލްސާގައި ތިއްބެވި އިދިކޮޅު އެމްޑީޕީގެ އަށް މެންބަރުން ވޯޓު ދެއްވީ ބިލް ފާސް ނުކުރުމަށެވެ.
ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ހުސައިން މިދިޔަ ހޯމަ ދުވަހު މަޖިލީހަށް ހުށަހެޅުއްވި މިބިލް ހަމަ އެދުވަހު މަޖިލީހަށް ބަލައިގަނެ ދިރާސާކުރަން ލާމަރުކަޒީ ކޮމެޓީއަށް ފޮނުވިއެވެ.
ހަމަ އެދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ބިލަށް އާއްމުންގެ ހިޔާލު ހުށަހަޅަން ހުޅުވައިލީ އިއްޔެ މެންދުރު 1:00 ގެ ނިޔަލަށެވެ.
އިދިކޮޅު ފަރާތްތަކާއި ބައެއް މައުންސިލްތަކުން ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކޮށްފައިވަނިކޮށް ރޭ ކޮމިޓީން ބިލް ފާސްކޮށް މަޖިލިސް ތަޅުމަށް ފޮނުވައި މިއަދުގެ ޖަލްސާއަށް އެޖެންޑާ ކުރިއެވެ.
ބިލްގައި ބުނެފައިވަނީ ބިލު ހުށަހެޅުމުގެ ބޭނުމަކީ ލާމަރުކަސީ ގާނޫނުގެ ދަށުން ކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ވިޔަފާރީގެ ހަރަކާތްތައް ހިންގުމުގެ ދާއިރާ ގާނޫނުގައި ކަނޑައެޅުމާއި ހިލޭ އެހީގެ ގޮތުގައި ދައުލަތުން ކައުންސިލްތަކަށް ފައިސާ ދިނުމުގައި އަމަލު ކުރަންޖެހޭ ބައެއް އުސޫލުތައް މުރާޖައާ ކުރުމާއި ކައުންސިލްތަކުގެ އުމުރުގެ ފަހު އަހަރުގެ ތެރޭގައި މުހިއްމު މާލީ ކަންތައްތައް ކައުންސިލްތަކުން ނިންމުމުުގައި އަމަލު ކުރަންޖެހޭ އުސޫލުތައް ބަޔާންކުރުން ކަމަށެވެ.
މި ގާނޫނުގެ 100 ވަނަ މާއްދާއަށް އިތުރުކުރަން މި ބިލްގައި ހިމަނާފައިވާ އިސްލާހުުގައި ވަނީ، ކައުންސިލްތަކުގެ ބޭންކު އެކައުންޓްތައް ބަލަހައްޓަންވާނީ، މާލީ ކަންކަން ހިންގުމާބެހޭ މިނިސްޓްރީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ. އަދި އެ އެކައުންޓްތަކުގެ ސްޓޭޓްމެންޓެއް ހޯދަން މާލީ ވުޒާރާއިން އެދިއްޖެނަމަ، އެ މައުލޫމާތެއް ފޯރުކޮށްދޭން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.
ކައުންސިލްތަކުގެ އުމުރުގެ ފަހު އަހަރު މާލީ ކަންތައްތައް ނިންމާނެ ގޮތުގެ މާއްދާއެއް ގާނޫނަށް އިތުރު ކުރަން ވެސް ބިލުގައި ވަނީ ހިމަނައިފައެވެ.
އެ މާއްދާގައި ބުނަނީ ކައުންސިލްތަކުގެ އުމުރު ހަމަވާން އޮތީ އަހަރު ދުވަހަށްވުރެ ކުރު މުއްދަތެއް ނަމަ، މާލީ ވުޒާރާ އާއި ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ނޫނީ ތިން ކަމެއް ކޮށްގެން ނުވާނެ ކަމަށެވެ.
އެކަންތައްތަކަކީ:
- ކައުންސިލް އިދާރާއަށް ނުވަތަ ކައުންސިލް އޮފީހަށް ދާއިމީކޮށް ނުވަތަ ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ނުނެގުން
- ކައުންސިލް އިހްތިސާސް ދަށުގައި ހުރި ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތައް ކުއްޔަށް ދޫކުރުމާއި ދިނުން
- ކައުންސިލްތަކުން އެކަށައަޅާފައިވާ ތަރައްގީގެ ޕްލޭންތަކުގައި ކަނޑައަޅާފައިނުވާ ތަރައްގީގެ މަޝްރޫއުތައް ނުފެށުން
ގާނޫނަށް އިސްލާހު ގެންނަން މަޖިލީހަށް ފޮނުވި ބިލުގައި 70 ވަނަ މާއްދާއަށް ދެ އަކުރު އިތުރު ކުރަން ވެސް ހުށަހަޅާފައިވާ އިރު، "ލޯކަލް އޮތޯރިޓީ ކުންފުނި" ތަކުން ކުރާ ވިޔަފާރީގެ މަސައްކަތްތަކީ އަންނަނިވި ޝަރުތުތައް ފުރިހަމަވާ މަސައްކަތްތަކެއް ކަމަށްވާންވާނެ ކަމަށް ވަނީ ހިމަނައިފައެވެ.
އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރީގެ މަސައްކަތްތަކުގައި ހިމެނެންޖެހޭ ޝަރުތުތައް:
- އެ މަސައްކަތަކީ ލޯކަލް އޮތޯރިޓީ ކުންފުނި ނިސްބަތްވާ ރަށުގައި އަމިއްލަ ފަރާތްތަކުން ކުރަމުންދާ އިގުތިސޯދީ މަސައްކަތެއް ނުވަތަ ވިޔަފާރިއެއް ކަމުގައި ނުވުން
- އެ މަސައްކަތަކީ، ރަށުގެ ނުވަތަ ރަށްތަކުގެ އުމްރާނީ ތަރައްގީއަށް ކޮންމެެހެން ކުރަން ޖެހިފައިވާ މަސައްކަތެއް ކަމުގައިވުން
- އެ މަސައްކަތުގެ އިންވެސްޓްމަންޓްގެ އަދަދު 10،000،000 ރުފިޔާއަށްވުރެ ބޮޑުވުން
މީގައި ހިމެނޭ ޝަރުތުތައް ހަމަނުވާ ވިޔަފާރި ހަރަކާތްތައް، ރައްޔިތުންގެ މަޖިލީހުން މި އިސްލާހު ގާނޫނަށް ގެނެސް، ރައީސް ބިލު ތަސްދީގުކޮށް އަމަލުކުރަން ފަށާތާ 90 ދުވަހުގެ ތެރޭގައި ހުއްްޓާލަން ޖެހޭނެ ކަމަށްވެސް ބިލުގައިވެއެވެ.
''ލޯކަލް އޮތޯރިޓީ ކުންފުނި'' އުފައްދައިގެން ރަށްރަށުގެ ލޯކަލް ކައުންސިލްތަކުން ހިންގާ ވިޔަފާރިތަކުގެ ޝަރުތުތައް ވަރުގަދަކޮށް، އިންވެސްޓްމަންޓްގެ އަދަދު މިލިޔަނަށްވުރެ ބޮޑުވާން ޖެހޭނެ ކަމަށް ކަނޑައަޅަން ގާނޫނު އިސްލާހުކުރަން ވެސް މަޖިލީހަށް ވަނީ ބިލު ފޮނުވައިފައެވެ.
އިބްރާހިމް ޒަކީ
އެވިޑް ކޮލެޖް
ބ. ދަރަވަންދޫ
ކުށް
ރިޕޯޓް