ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިއަށް ގެންދިޔަ "ގެދޮރުވެރިޔާ" ސްކީމުން ފްލެޓް ލިބޭ ލިސްޓަށް ކުރީގެ ސަރުކާރުގައި ގުރުއަތު ނެގިއިރު، 76 މާކްސް އަށް ވުރެ މަތިން ޕޮއިންޓް ލިބިފައިވާ ފަރާތްތަކެއްގެ ގުރުއަތު ނުނަގައި، 75 އަށް ވުރެ މަތިން ލިބުނު މީހުންގެ ގުރުއަތު ނަގައި 315 ފްލެޓެއް ހަމަޖައްސައިދިން މައްސަލަ، ހައުސިން މިނިސްޓްރީގެ ފަރާތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ.

ހައުސިން މިނިސްޓްރީގެ ޕާމަންޓް ސެކްރެޓަރީ މުހައްމަދު ޝާމިލް ސޮއިކުރައްވައި އޭސީސީގެ ރައީސް އާދަމް ޝަމީލްއަށް މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓް ދޫކުރުމުގެ އުސޫލު އަދި މިނިސްޓްރީން ކަނޑައަޅައިފައިވާ ކަންކަމަށް ރިއާޔަތްކޮށް، ފުލެޓް ލިބުނު މީހުންނާ އެކު އެއްބަސްވުމުގައި ސޮއިކޮޮށް، އެ މީހުންނާ ފުލެޓް ހަވާލުކުރުމުގެ މަސައްކަތް ކުރުމަށްޓަކައި، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާ ހިއްސާކުރުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުން ދަނިކޮށް، ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް ބައެއް ފަރާތްތަކަށް ފުލެޓް ހަމަޖައްސައިދީފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ ގެޒެޓުގައި ޝާއިއުކޮށްފައިވާ ގެދޮރުވެރިޔާ ސްކީމުގެ ފައިނަލް ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ފުރަތަމަ ބުރުގައި ތިން ކޮޓަރީގެ ފުލެޓް ލިބެނީ 76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށް ކަމަށެވެ. އެ ފަރާތްތަކަށް ލިބޭ ފުލެޓް ކަނޑައެޅުމަށްފަހު ބާކީވާ ފުލެޓުތައް 75 މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަށް ކަމަށާއި އަދި ފުރަތަމަ ބުރުގައި ދެ ކޮޓަރީގެ ފުލެޓް ލިބޭނީ 73 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށްކަމަށް ބަޔާންކޮށްފައިވާނެކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

ގެދޮރުވެރިޔާ ސްކީމުން ފުލެޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރަމާއި ފުލެޓް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އެ ކަންކަމަށް ރިއާޔަތް ކޮށްގެން ކަމަށް މިނިސްޓްރީން ބުންޏެވެ.

"ނަމަވެސް ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމާއި އެ ފަރާތްތަކަށް ފްލެޓް ހަވާލުކުރުމުގެ މަސައްކަތް ކުރުމަށްޓަކައި ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު އެފްޑީސީއާ ހިއްސާކުރުމުގެ މަސައްކަތް ކުރުމުގެ ތެރެއިން، ގެދޮރުވެރިޔާ ސްކީމުން ލިބޭ ފްލެޓްތައް ކަނޑައެޅުމަށް 2023 ނޮވެމްބަރު 16 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ގުރުއަތުގައި 76 އަށް ވުރެ މަތިން މާކްސް ލިބި އެ ފަރާތްތަކަށް ލިބެން ޖެހޭ ފްލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގާފައި ނުވާ ފަރާތްތަކެއް ހުރި ކަމަށް މި މިނިސްޓްރީ އަށް ވަނީ ފާހަގަކުރެވިފައެވެ،" ހައުސިން މިނިސްޓްރީން ބުންޏެވެ.

"15 ނޮވެމްބަރު 2023 ވަނަ ދުވަހު މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބަޔާންކޮށްފައިވާ އުސޫލާ ހިލާފަށް 76 އަށްވުރެ މަތިން މާކްސް ލިބިފައިވާ ބައެއް ފަރާތްތަކަށް ފުލެޓް ކަނޑައަޅައިފައި ނުވަނީސް 75 މާކްސް ލިބުނު ބައެއް ފަރާތްތަކަށް ލިބޭ ފުލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތުނަގައި އެ ފަރާތްތަކަށް ފުލެޓް ކަނޑައަޅައިފައިވަނީ ގެދޮރުވެރިޔާ ސްކީމުހެ ދަށުން ފުލެޓް ހޯދުމަށް ހުށަހަޅާފައިވާ ފަރާތްތަކުގެ މަސްލަހަތަށް އުނިކަން އަންނަ ގޮތަށް، ވަކި ފަރާތްތަކަކަށް މަންފާ ހޯދައިދިނުމަށް ނުވަތަ ގެއްލުމެއް ދިނުމުގެ މަގުސަދުގައިކަމަށް މިނިސްޓްރީއަށް ގަބޫލުކުރެވޭތީ، މި މައްސަލަ ތަހުގީގުކޮށްދެއްވުމަށް އެދި ހުށަހަަޅަމެވެ"

ކުރީ ސަރުކާރުން ގެދޮރުވެރިޔާ ސްކީމުން 4،000 ފްލެޓް ލިބޭ މީހުންގެ އާއްމުކުރުމާ އެކު ބޮޑެތި މައްސަލަތަކެއް ފެންމަތިވިއެވެ. އަދި ފުލެޓް ލިބޭ މީހުން ކަނޑައެޅުމުގައި އޭރު މިނިސްޓްރީގެ އިސްވެރިން ކޮރަޕްޝަނަށް މަގު ފަހިވާފަދަ ކަންކަން ކޮށްފައިވާކަމަށް ބުނެ ފުލެޓް ލިސްޓުގައި ނުހިމެނޭ ގިނަ ބަޔަކު ވަނީ އޭސީސީއަށް މައްސަލަ ހުށަހަޅައިފައެވެ.

އެ މައްސަލަތައް ތަހުގީގުކުރުމަށްފަހު އޭސީސީން ބުނެފައިވަނީ ފުލެޓް ލިބުނު މީހުންގެ ލިސްޓުގައި ހިމެނޭ 60 ޕަސެންޓް މީހުންނަށް ފްލެޓް ދިނުމުގައި ގޯސްތަކެއް ހަދާފައިވާ ކަމަށެވެ.