މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ހަރުގެ ދޮރަށް ގެއްލުންދިން މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް 30 ދުވަސް ޖަހައިފިއެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މ. ސްޓާ، މުހައްމަދު ރަޒީން (49އ) އެވެ. ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ މިމަހުގެ ދެވަނަ ދުވަހުގެ ވަގުތެއްގައެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މިމަހުގެ ދެވަނަ ދުވަހު ރަޒީން ހައްޔަރުކުރި ނަމަވެސް އޭނާ ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްފައިވާ ކަމަށެވެ. އެފަހުން މިދިޔަ އާދިއްތަ ދުވަހު ރަޒީން އަލުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ޖެހިގެން އައި ހޯމަ ދުވަހު ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ އޭނާގެ ބަންދަށް 30 ދުވަސް ޖަހައިފައެވެ.

ރަޒީންގެ މައްޗަށް ފުލުހުން ކުރަނީ މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ތުހުމަތެވެ.

ފުލުހުން ކޯޓުގައި ބުނެފައިވަނީ ރަޒީންއަކީ އެފަދަ ގިނަ މައްސަލަތަކެއްގެ ކުށުގެ ރިކޯޑް އޮންނަ ފަރާތެއް ކަމަށެވެ. އެހެންވެ އޭނާ ބަންދުން ދޫކޮށްލައިފިނަމަ އެފަދަ އެހެން ކުށެއް ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

"ހާއްސަކޮށް މުދަލަށް ގެއްލުން ދިނުމުގެ ގިނަ މައްސަލަތަކެއްގައި ފަހުގެ ތާރީހެއްގައި ހައްޔަރުކުރެވިފައިވާ މީހެއްކަމަށް ފާހަގަކުރެވޭ" ފުލުހުން ބުންޏެވެ.

ފުލުހުންގެ ފަރާތުން ފާހަގަ ކުރި ކަންކަމަށާއި ރަޒީންއަށް ތުހުމަތުކުރެވޭ ކުށް އޭނާ ކުރިކަމަށް ފުލުހުން ކޮންމެވެސް ވަރަކަށް ހެކި ހުށަހަޅާފައިވާތީ ކޯޓުން ނިންމީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ރަޒީން 30 ދުވަހަށް ބަންދު ކުރުމަށެވެ.