ޓޫރިސްޓު ހިދުމަތްދޭ ތަންތަން އިސްތިހާރު ކުރެވޭނީ ޓޫރިޒަމް މިނިސްޓްރީގެ ހުއްދަ ލިބިގެން ކަމަށާއި ހުއްދަ ނުހޯދައި އިސްތިހާރުކޮށްފިނަމަ ބޮޑު ޖޫރިމަނާއެއް އަންނަ ގޮތަށް "ދިވެހިރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތްދޭ ތަންތަން އިޝްތިހާރުކުރުމާބެހޭ ގަވާއިދު" ގެޒެޓުކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އެ ގަވާއިދު ގެޒެޓުކުރީ ރޭގެ ވަގުތެއްގައެވެ. އެ ގަވާއިދުގެ މަގުސަދުތަކުގެ ގޮތުގައި ބަޔާންކޮށްފައިވަނީ ރާއްޖެއަކީ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ބޭރުދުނިޔޭގައި ދައްކާ އިޝްތިހާރުތަކުގައި ހިމެނޭ މައުލޫމާތަކީ ތެދު، ފުރިހަމަ އަދި ފުށުއެރުމެއް ނެތް މައުލޫމާތުކަން ކަށަވަރުކުރުން ކަމަށެވެ.

ފަތުރުވެރިންނަށް ހިދުމަތްދޭ ތަންތަނާއި، އެ ތަންތަނުގެ ވަށައިގެންވާ މާހައުލާއ،ި ލިބެން ހުންނަ އެހެނިހެން ހިދުމަތްތަކާ ގުޅޭގޮތުން މައުލޫމާތު އާންމުކުރުމުގައި ރާއްޖޭގެ ފަތުރުވެރިކަމަށް ގެއްލުންނުވާނޭ ގޮތެއްގެ މަތީން، ރާއްޖެއަށް ޒިޔާރަތްކުރަން ބޭނުންވާ ފަތުރުވެރިންނަށް ތަސައްވަރުކޮށްދިނުމަކީވެސް ގަވާއިދުގެ މަގުސަދެކެވެ.

އަދި ފަތުރުވެރިކަން އިޝްތިހާރުކުރުމުގައި ފަތުރުވެރިކަމުގެ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތީން ޒިންމާދާރުކަމާއެކު އިޝްތިހާރުކުރުމުގެ އިތުރުން ޑިޖިޓަލް މީޑިއާއާއި އެކިއެކި އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށް ފަތުރުވެރިންނަށް އޮޅުވައިލައި އެ މީހުންގެ ފައިސާ ނަހަމަގޮތުގައި ހޯދުމަށް މަސައްކަތްކުރާ ތަފާތު ނޭދެވޭ އަމަލުތަކުން ފަތުރުވެރިންނާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ރައްކާތެރި ކޮށްދިނުންކަމަށް ގަވާއިދުގެ މަގުސަދުގެތަކުގެ ތެރޭގައި ބަޔާންކޮށްފައިވެއެވެ.

ގަވާއިދު ހިނގާ ދާއިރާތައް:

  • ޓޫރިސްޓް ރިސޯޓު
  • އިންޓަގްރޭޓަޑް ޓޫރިސްޓް ރިސޯޓު
  • ޕްރައިވެޓް އައިލެންޑް
  • ޓޫރިސްޓް ހޮޓާ
  • ޓޫރިސްޓް ގެސްޓްހައުސް
  • ޓޫރިސްޓް އުޅަނދު
  • ޔޮޓް ބަނދަރު
  • ފީނުމުގެ ހިދުމަތްދޭ ތަންތަން
  • މޫދާއި މޫދާ ގުޅުންހުރި ކުޅިވަރާއި، ފެނުގައި ހިންގޭ އެކި ކުޅިވަރުތަކާއި، އެކްސްކާޝަންތަކުގެ ހިދުމަތްދޭ މަރުކަޒުތައް

ގަވާއިދުގެ ހަތަރު ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ޓޫރިސްޓް ހިދުމަތްދޭ ތަންތަން އިޝްތިހާރުކުރަންވާނީ، މި ގަވާއިދުގެ ތިންވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތަނެއްގެ ގޮތުގައި ހިންގުމުގެ ހުއްދަ ހޯދުމަށްފަހު ކަމަށެވެ.

ނަމަވެސް މިނިސްޓްރީގެ ހުއްދަޔާއެކު ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކުރަމުން އަންނަ ތަންތަން އިޝްތިހާރުކުރުމުގެ ހުއްދަ ދިނުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވާކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

އެ ގަވާއިދުގައިވަނީ ޓޫރިސްޓް ހިދުމަތްދޭ ތަންތަން އިޝްތިހާރުކުރުމުގައި ހިފަހައްޓަންވީ މިންގަނޑުތައްވެސް ބަޔާންކޮށްފައެވެ. އަދި ޑިޖިޓަލް އިޝްތިހާރުކުރުމުގައިވެސް ހިފަހައްޓަންޖެހޭ މިންގަނޑުތައް ބަޔާންކޮށްފައެވެ.

ގަވާއިދާ ހިލާފުވާ ފަރާތްތަކަށް އަޅާނެ ފިޔަވަޅުތައް:

  • 24 ގަޑިއިރުގެ ތެރޭގައި އިޝްތިހާރު ނެގުމަށް، އިޝްތިހާރުކުރާ ފަރާތަށް ލިޔުމުން އެންގުމާއެކު، މި އެންގުމުގައި އެ އިޝްތިހާރު ގަވާއިދާހިލާފުވާ ގޮތް ތަފުސީލުކޮށް ބަޔާންކުރުން
  • އެންގުން ފޮނުވާތާ 24 ގަޑިއިރުގެ ތެރޭގައި އިޝްތިހާރު ނަގައިފައިނުވާނަމަ ޖޫރިމަނާކުރުން (ގަވާއިދާހިލާފުވާ ފުރަތަމަ ފަހަރު 10،000 ރުފިޔާ، ގަވާއިދާހިލާފުވާ ދެވަނަ ފަހަރު 50،000 ރުފިޔާ، ގަވާއިދާހިލާފުވާ ތިންވަނަ ފަހަރު 100،000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދެއް
  • ތިންފަހަރަށް ވުރެ އިތުރަށް ގަވާއިދާހިލާފު ވެއްޖެނަމަ، ލިޔުމުން އެންގުމަކާނުލައި، ގަވާއިދާހިލާފުވާ ކޮންމެ ފަހަރަކު 100،000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުން