ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަދި ވެރިކަންކުރާ ޕީއެންސީގެ ނާއިބު ރައީސް އިބްރާހިމް ޝުޖާއުގެ ހިއްސާ އޮންނަ ކުންފުނިތަކަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް މިދިޔަ ދެ އަހަރުގެ ތެރޭގައި ހިންގާފައިވާ ބައެއް މުއާމަލާތްތަކާ ގުޅޭ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) އިން ތައްޔާރު ކުރި ރިޕޯޓުގެ މައްސަލަ މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ބަލަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބުނެފިއެވެ.

އޭސީސީގެ މީޑިއާ އޮފިޝަލް "ވަން" އަށް މިއަދު ވިދާޅުވީ "މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން އެފްއައިޔޫގެ އެ ރިޕޯޓުގެ މައްސަލަ ދަނީ ބަލަމުން" ކަމަށެވެ.

އެކަމާ ގުޅޭ އިތުރު މައުލޫމާތެއް އޮފިޝަލް ހިއްސާ ނުކުރައްވައެވެ.

ފުލުހުންވެސް ދަނީ ޝުޖާއުއާ ގުޅޭ އެ އެފްއައިޔޫ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ބަލަމުންނެވެ.

އެ ރިޕޯޓް އާންމުވެފައިވަނިކޮށް އެފްއައިޔޫގެ ހެޑްގެ މަގާމުގައިހުރި އަބްދުﷲ އަޝްރަފް ވަނީ އެމްއެމްއޭގެ ރިސްކް އެންޑް ކޮމްޕަލަޔަންސްގެ ހެޑްގެ މަގާމަށް ބަދަލުކޮށްފައެވެ. އަދި އެފްއައިޔޫގެ ހެޑްގެ މަގާމަށް އިސްމާއިލް ސާޖިދު އައްޔަންކޮށްފައެވެ.

އެމްއެމްއޭއިން އިއްޔެ މީޑިއާތަކަށް ބުނެފައިވަނީ އެއީ އެމްއެމްއޭގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ގެނައި ސްޓްރަކްޗާ ބަދަލުތަކެއް ކަމަށެވެ. މިއީ އެފްއައިޔޫގެ ވެރިޔާގެ މަގާމުން އަޝްރަފު ދުރުކުރި ދެވަނަ ފަހަރެވެ.

އެފްއައިޔޫއަކީ މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެމްއެމްއޭގައި ގާއިމުކޮށްފައިވާ ޔުނިޓެކެވެ. އެ ޔުނިޓުގެ މައިގަނޑު މަސްއޫލިއްޔަތުތަކަކީ މާލީ މުއާމަލާތްތައް މޮނީޓަރުކޮށް، އެފަދަ މުއާމަލާތެއް މެދުވެރިކޮށް ކުށް ކުރުމަށް އަރައިގަނޭތޯ ދެނެގަނެ، މަނީ ލޯންޑާ ކުރުން ހުއްޓުވުމަށް ފިޔަވަޅު އެޅުމަށް އިދާރާތަކާ އެކު މަސައްކަތް ކުރުމެވެ.

އެފްއައިޔޫގެ އެ ރިޕޯޓު އާންމުވެ އާންމުންގެ ފާޑުކިޔުންތަކާއި ހިޔާނާތުގެ ތުހުމަތު ޝުޖާއުއަށް އަމާޒުވެފައިވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވައިދެއްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ޝުޖާއު ވަކިކޮށްފައިވާ ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ ޝުޖާއުގެ ބަދަލުގައި ގުރައިދޫ ދާއިރާގެ ޕީއެންސީގެ މެންބަރު ހަނާން މުހައްމަދު ރަޝީދު މާލިއްޔަތު ކޮމިޓީއަށް ހަމަޖައްސަވާފައިވާ ކަމަށެވެ. ޝުޖާއު ބަދަލުކުރީ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އެފްއައިޔޫގެ ރިޕޯޓު ދޮގުކުރައްވައި އެކްސްގައި ޝުޖާއު މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެކަމަކީ އޭނާ ހިއްސާވާ ވިޔަފާރި ކުންފުންޏަށް ގެއްލުން ދިނުމުގެ މަގުސަދުގައި ކޮށްފައިވާ ކަމެއް ކަމަށް ދެކެވަޑަައިގަންނަވާ ކަމަށެވެ. އޭނާ ވިދާޅުވެފައިވަނީ އޭނާގެ ކުންފުންޏަކީ ގާނޫނާއި ގަވާއިދުގެ ތެރެއިން ހިންގަމުންދާ ކުންފުންޏެއް ކަމަށެވެ.

"ފަތުރަމުން ދަނީ އަސްލެއްކަމެއް ނުވަތަ ފޭކެއް ކަމެއް ދަންނަވަން އަޅުގަނޑަށް ނޭނގެއެވެ. ސަބަބަކީ އެކަމުގެ އެއްވެސް މައުލޫމާތެއް އެއްވެސް ރަސްމީ އިދާރާއަކުން އަޅުގަނޑަށް ލިބިފައި ނުވާތީއެވެ. އެއީ ސައްހަ ލިޔުމެއް ނަމަ އެއީ އެ މަސައްކަތްތައް ކާމިޔާބު ކުރިގޮތާއި އެ މަސައްކަތް ކުރިގޮތް ވަރަށް ބޮޑަށް އޮޅޭގޮތަށް ނުވަތަ ގަސްދުގަައި ހަގީގަތް އޮޅުވާލައި އަޅުގަނޑުގެ ހިއްސާވާ ވިޔަފާރި ކުންފުންޏަށް ގެއްލުން ދިނުމުގެ މަގުސަދުގައި ކޮށްފައިވާ ކަމެއްކަމުގައި ދެކެމެވެ." ޝުޖާއު ވިދާޅުވެފައިވެއެވެ.

އެ ތަހުގީގީ ރިޕޯޓަކީ ޝުޖާއު އާއި ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ނާފިޒު އަދި އޮފިޝަލް އިވެންޓްގެ ހިއްސާދާރެއް އަދި ޕީއެސްއެމްގެ ބޯޑު މެންބަރު އަހުމަދު އަދުހަމްއާ ބެހޭ ގޮތުން އެކުލަވާލެވިފައިވާ ރިޕޯޓެކެވެ. ނާފިޒަކީ ޝުޖާއުއާ އާއިލީ ގުޅުން އޮންނަ މީހެކެވެ.

އެފްއައިޔޫ އިން ތައްޔާރުކޮށް އަދި ފުލުހުންނަށް ފޮނުވާފައިވާ ކަމަށް ބުނާ އިންޓެލިޖެންސް ރިޕޯޓުގައިވާ ގޮތުން ޝުޖާއުގެ އޮފިޝަލް އިވެންޓްސްއާ އެކު އިތުރު ހަތަރު ކުންފުންޏަކުން މުއާމަލާތްކޮށްފައިވެއެވެ.

އެ ކުންފުނިތަކަކީ:

  • ސްވޯން ފެމިލީސްޓޯ ޕްރޯސް ޓްރޭޑިން
  • ކުއިކް ޝުއާޑީ
  • ކިއު ހޯލްޑިންސް

ސްވޯން ފެމިލީސްޓޯ ޕްރޯސް ޓްރޭޑިންކުއިކް ޝުއާޑީކިއު ހޯލްޑިންސްއެ ރިޕޯޓުގައި އެމްއެމްއޭގެ އެފްއައިޔޫއަށް ފާހަގަވި ބައެއް މުއާމަލާތްތަކަކީ:

  • ފިނޭންސް މިނިސްޓްރިން 13 ނޮވެމްބަރު 2023ގައި ސިވެކަށް 23 މިލިއަން ރުފިޔާ ދެއްކި، އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ހަރަދުކުރުމަށް
  • އޭގެ ތެރެއިން 13 މިލިއަން ރުފިޔާ އޮފިޝަލް އިވެންޓްސްއަށް ސިވެކުން ޖަމާކޮށްފައިވޭ
  • ހަމަ އެ އިވެންޓާ ގުޅުވައިގެން ސިވެކުން ޑީކިއު ހޯލްޑިންސްއަށް 4.2 މިލިއަން ރުފިޔާ އަދި ކުއިކް ޝުއާއަށް 2.3 މިލިއަން ރުފިޔާ ޖަމާކޮށްފައިވޭ
  • ސިވެކުން އޮފިޝަލް އިވެންޓްސްއަށް ލިބުނު ފައިސާގެ ތެރެއިން 8 މިލިއަން ރުފިޔާ އެ ކުންފުނިން ހަރަދުކޮށްފައިވަނީ ކުންފުނީގެ ހިއްސާދާރުންނަށް ރެއިންޕާލް ރެސިޑެންސްގެ ދެ އެޕާޓްމަންޓު ގަތުމަށް ކޮމިޓްމަންޓް ފީގެ ގޮތުގައި
  • އޭގެ ތެރެއިން ކޮންމެ އެޕާޓްމަންޓެއްގެ ޖުމުލަ އަގަކީ 20 މިލިއަން ރުފިޔާ
  • އޭގެ އިތުރުން މާލޭ ސިޓީ ކައުންސިލް، ވެމްކޯ، އެޗްޑީސީ، އެމްއޭސީއެލް އަދި އެސްޓީއޯއިން ވެސް ބޮޑެތި އަދަދުތަކުން އޮފިޝަލް އިވެންޓްސްއަށް ފައިސާ ލިބިފައިވާ ކަމަށް ދައްކާފައިވޭ

ޝުޖާއު ވިދާޅުވެފައިވަނީ މި ސަރުކާރާއި މިދިޔަ ދެ ސަރުކާރުގައި ވެސް ޕްރޮޖެކްޓުތައް ކާމިޔާބުކަމާއެކު ހިންގާފައިވާނީ އުސޫލުތަކުގެ ތެރެއިން ކަމަށެވެ.

"ރައީސް ޔާމީން، ރައީސް ސޯލިހް އަދި ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގައި ވެސް ހެދިފައިވާ އުސޫލުތަކުގެ ތެރެއިން އެކި ޕްރޮޖެކްޓުތައް ވާނީ ކާމިޔާބުކަމާއެކު ހިންގާފައެވެ. އަދި މިފަދަ މަސައްކަތްތަކުގެ ބިޑުތައް އަޅުގަނޑުމެންގެ ކުންފުންޏަށް ކާމިޔާބުވެފައިވަނީ ތަޖުރިބާ އާއި މަސައްކަތުގެ ފެންވަރު ވަރަށް ބޮޑުތަނުން ރަނގަޅުވީކަމީ ފެންނަން އޮތް ހަގީގަތެކެވެ. އެކަންކަން އަޅުގަނޑުމެންގެ މަސައްކަތްތަކުން ފެންނާނެއެވެ،" ޝުޖާއު ވިދާޅުވެފައިވެއެވެ.

ޝުޖާއު ވިދާޅުވި ގޮތުގައި އޭނާގެ ހިއްސާ އޮންނަ އެއްވެސް ކުންފުންޏަކާ ގުޅޭގޮތުން މިއަދާ ހަމައަށް ވެސް އަދި ދުވަހަކު ވެސް އެއްވެސް އިދާރާއަކުން އެއްވެސް ކަމެއް ސާފުކޮށް އެއްވެސް މައްސަލައެއް ބަލާފައެއް ނެތެވެ.

"އަދި އެއްވެސް މައްސަލައެއް ބަލަން އޮތްނަމަ ކަމާބެހޭ އިދާރާތަކުން ތަހުގީގުކުރަންވާނެއެވެ. މިފަދަ ހަގީގަތެއްނެތް ކަންކަމުގެ މައްޗަށް ބިނާކޮށް ދައްކާ ވާހަކައަކުން އަޅުގަނޑު ކުރާ ސިޔާސީ މަސައްކަތް ހުއްޓޭނެ ކަމަށް ދެކުމަކީ މޮޔަ ކަމެއް ކަމުގައި ދަންނަވަމެވެ." ޝުޖާއު ވިދާޅުވެފައިވެއެވެ.