ލާމަރުކަޒީ ގާނޫނަށް އިސްލާހުތަކެއް ގެންނަނީ ހުރިހާ ބާރެއް ރައީސުލްޖުމްހޫރިއްޔާ އަތަށް ނަގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ދިމާކޮށް ކައުންސިލްތަކުގެ މަސައްކަތް ހުއްޓުމުގެ ބޭނުމުގައި ކަމަށާއި އެހެންވެ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީއަށް ވޯޓު ނުދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ވެލިދޫ ދާއިރާގެ އެމްޑީއޭ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.
ލާމަރުކަޒީ ގާނޫނަށް އިސްލާހުތަކެއް ހުށަހަޅުއްވައި ސަރުކާރުގެ ފަރާތުން އެ ބިލު ހުށަހެޅުއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސެއިން އެވެ. އެ ބިލުގައިވަނީ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ތަންތަނުން ކައުންސިލުތަކަށް ކުލި ނުނެގޭގޮތް ގާނޫނު އިސްލާހު ކުރުމަށެވެ.
އެ ބިލުގެ އިބްތިދާއީ ބަހުސް މިއަދުގެ ޖަލްސާގައިވަނީ ކުރިއަށް ގެންގޮސްފައެވެ.
އެ ބިލަށް ވާހަކަ ދައްކަވަމުން އައްބާސް ވިދާޅުވީ މި އިސްލާހާ އެކު ރަށުގެ ތަރައްގީއަށް މަސައްކަތް ކުރާނެ ފުރުސަތެއް ކައުންސިލަށް ނުލިބޭނެ ކަމަށެވެ.
"ދެން ކީއްކުރަންތޯ މި ކައުންސިލަރުން ބައިތިއްބަނީ، ލާމަރުކަޒީ ގާނޫނު މިހިސާބުން އުވާލާފައި ކުރީގެ ގޮތަށް އަތޮޅުވެރިޔާ އާއި ރަށްރަށުގެ ކުޑަ ކަތީބާއި ބޮޑު ކަތީބާއި އައްޔަނުކޮށްފައި ހުދުމުހުތާރުކަންމަތީ ހިންގަވަންވީ ނޫންތޯ،" ވަރަށް ބޮޑަށް ނުރުހުންވެ ވަޑައިގެން ހުންނަވާ އައްބާސް ވިދާޅުވިއެވެ.
ފަހަރަކު އިސްލާހެއް ހުށަހަޅައި، ސަރުކާރުން އުޅެނީ ލާމަރުކަޒީ ގާނޫނުގެ "ފިޔަ ކޮށާލަން" ކަމަށްވެސް އައްބާސް ވިދާޅުވި އެވެ.
"މި ގާނޫނުތަކަށް ބަދަލު ގެންނަންވީކީ ނޫން އަޅުގަނޑުމެންގެ އަގުހުރި ވަގުތުތައް ނަގާލަން، ނޫނީ ދައުލަތުން އިސްރާފު ކުރުމުގެ ނިޔަތުގައި އެއް އަހަރު ދުވަސްވާންދެން ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ތިބި ކައުންސިލަރުން ޕެރަލައިޒްކޮށްފައި ކައުންސިލް އިދާރާ ޕެރަލައިޒްކޮށްފައި ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތަކުން މަހުރޫމްކުރުވާފައި އެކަން އެގޮތަށް ކުރުން އެއީ ރަނގަޅު ގޮތެއް ނޫން،" އެކަމަކީ ދައުލަތަށް ލިބޭ ބޮޑު ގެއްލުމެއް ކަމަށް އައްބާސް ވިދާޅުވިއެވެ.
ރަށްރަށުން ރައްޔިތުންނަށް ލިބެންޖެހޭ ހިދުމަތްތައް ނުލިބުމުން ކައުންސިލުން ނުކުންނާނީ ސަރުކާރު ބަދުނާމު ކުރަން ކަމަށާއި އެކަމުގެ ހުރިހާ "އުނދަގުލާއި ދުއްޕާން" ލިބޭނީ ރައީސުލްޖުމްހޫރިއްޔާއަށް ކަމަށްވެސް ވިދާޅުވިއެވެ.
އައްބާސް ވިދާޅުވީ ޕީއެންސީގެ ސުޕަ މެޖޯރިޓީއެއް އޮތް ނަމަވެސް މިފަދަ ބިލެއް ފާސްކޮށްގެން ނުވާނެ ކަމަށާއި ފާސްކޮށްފިނަމަ އެއީ ގައުމަށް ވެވޭ ހިޔާނާތެއް ކަމަށެވެ.
"މިހެން މިކަން ކުރައްވާނަމަ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ކެނޑިޑޭޓުންނަށް ވޯޓު ނުދިނުމަށް އަޅުގަނޑު ގޮވާލަން. ޕީއެންސީ ކެނޑިޑޭޓުންނަށް ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ދީފިއްޔާ އެއީ ދިވެހި ރައްޔިތުން އެމީހުންގެ އަމިއްލަ ސަންދޯއެއް ހެދީ،"
ގާނޫނަށް މިފަދަ ބަދަލު ގެނައުމަށް ރައީސަށް ލަފާ އަރުވަނީ ރަށްރަށާއި ރައްޔިތުންގެ ހާލަތު ވަޒަން ކުރަން ނޭނގޭ ފިނި ކޮޓަރީގައި ތިބޭ ބައެއް ކަމަށްވެސް އައްބާސް ވިދާޅުވި އެވެ.
އެ އިސްލާހު ފާސްނުކުރުމަށް މެންބަރުންގެ ކިބައިން އޭނާ ވަނީ އެދިވަޑައިގެންފައެވެ. އެ އިސްލާހާ ދެކޮޅަށް އައްބާސް ވޯޓު ދެއްވަން ނިންމެވީ ރައީސް މުހައްމަދު މުއިއްޒަށް ހެޔޮއެދިވަޑައިގަންނަވާތީ ކަމަށްވެސް އައްބާސް ވިދާޅުވި އެވެ.
"ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ރައްޔިތުން ޕީއެންސީއަށް ޖަވާބުދޭނެ،" ތަކުރާރުކޮށް އައްބާސް ވިދާޅުވި އެވެ.
"އަޅުގަނޑަށް ކުރެވުނު ހުރިހާ މަސައްކަތެއް ކުރާނަން ރާއްޖޭގެ ކޮންމެ ހިކިފަސް ބިމެއްގައި ޕީއެންސީގެ ކެނޑިޑޭޓުންނަށް ވޯޓު ލިބުނަ ނުދޭން. އެ ކީއްވެގެންތޯ، އެއީ ގައުމީ މަސައްކަތެއް،"
ގައުމުގެ ހުރިހާ ބާރެއް ރައީސުލްޖުމްހޫރިއްޔާއަށް ނުދެވޭނެ ކަމަށާއި ރައީސް ބޭނުންވާ ހުރިހާ ބިލެއް މަޖިލީހުން ފާސްކޮށްދީގެން ނުވާނެ ކަމަށްވެސް އައްބާސް ވިދާޅުވި އެވެ.
އާއިޝަތު މާހާ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް