ކުރިއަށް އޮތް 20 އަހަރު ދުވަހުވެސް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުގައި ހުންނަން ބޭނުންވާ ކަމަށް ކޯޗު ރުބެން އަމޯރިމް ބުނެފިއެވެ.

އަމޯރިމް ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވީ މިދިޔަ އަހަރު ނޮވެމްބަރު މަހުގައެވެ. އޭރުވެސް ޔުނައިޓެޑް އުނދަގޫ ހާލަތެއްގައި އޮތް އިރު، އަމޯރިމްއާ އެކު ވެސް އެޓީމަށް ހާލަތު ރަނގަޅެއް ނުކުރެވުނެވެ. އަމޯރިމްގެ އިރުޝާދުގެ ދަށުން ކުޅުނު 27 ލީގު މެޗުގެ ތެރެއިން ޔުނައިޓެޑް މޮޅުވީ އެންމެ ހަތް މެޗުންނެވެ.

އެ ނަތީޖާތަކަށް އަމޯރިމްއަށް ބޮޑެތި ފާޑު ކިޔުންތަކެއް އަމާޒުވެފައިވާ އިރު، އޭނާ މިވަގުތު ދަނީ އަންނަ ސީޒަނަށް ޓީމު ތައްޔާރުކުރުމަށް ޕްރި ސީޒަނުގެ މަސައްކަތްތައް ކުރަމުންނެވެ.

"އަހަރެން ބޭނުން ކުރިއަށް އޮތް 20 އަހަރުވެސް ޔުނައިޓެޑްގެ ކޯޗުކަމުގައި ހުންނަން. މިއީ ސަމާސައަކަށް ބުނާ އެއްޗެއް ނޫން. އަހަރެން އެކަން ގަބޫލުކުރަން. ހުރެވިދާނެކަންވެސް ގަބޫލުކުރަން. މިދިޔަ ސީޒަނުގައި ކަންތައް ދިމާވި ގޮތް ހަނދާން އެބަހުރި. އެކަމަކު މިއީ ކުރިއަށް އޮތް ތަނަށް ވިސްނަން ޖެހޭ ވަގުތު،" އަމޯރިމް ބުންޏެވެ.

ޔުނައިތެޑުން ރޭ އެކުވެރިކަމުގެ މެޗެއްގައި އެވަޓަންއާ 2-2 އިން އެއްވަރުވެފައިވާ އިރު، އެއީ އެމެރިކާގައި ކުރިއަށްދާ ސަމާ ސީރީސްގެ މެޗެކެވެ.

އެމެޗުގެ ކުރިން އަމޯރިމް އިތުރަށް ބުނީ ޔުނައިޓެޑުން ބަދަލުތަކެއް ފެންނާނެ ކަމަށާއި، މިހާރު ޓީމުގެ ލީޑާޝިޕަށްވެސް ބަދަލު އައިސްފައިވާ ކަމަށެވެ. އެވާހަކަތަކާއެކު އަމޯރިމް އިތުރަށް ބުނީ އެލެހާންޑްރޯ ގާނާޗޯގެ ކުރިމަގާ ގުޅޭ ވާހަކައެވެ.

ގާނާޗޯއަކީ ވަރަށް ހުނަރުވެރި ކުޅުންތެރިއެއް. އެހެން ނަމަވެސް، ބައެއް ފަހަރު އެންމެ ހުނަރުވެރި ކުޅުންތެރިންވެސް ޓީމަށް ފިޓް ނުވެދާނެ. އަހަންނަށް ސީދާ ބުނެދޭން ނޭނގުނަސް، އެނގޭ އެއްޗަކީ ގާނާޗޯ ބޭނުން ވަނީ އެހެން ކޯޗަކާއެކު އެހެން ކަންތައްތަކެއް ހާސިލުކުރަން ކަން،" އަމޯރިމް ބުންޏެވެ.