ޓޮޓެންހަމްއިން އޭޝިއާގެ ދެކުނު ކޮރެއާގައި ކުޅުނު އެކުވެރިކަމުގެ މެޗުގައި ޓީމުގެ ކެޕްޓަން ސޮން ހިއުން-މިން އެ ކްލަބާ ރަސްމީކޮށް އަލްވަދާއު ކިޔައިފިއެވެ.

މިދިޔަ 10 އަހަރުގައި ޓޮޓެންހަމްއަށް ކުޅުނު ދެކުނު ކޮރެއާގެ ފޯވަޑް ސޮން، 33، ޓޮޓެންހަމްއާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވާން އޮތީ 2026 ވަނަ އަހަރަށް ނަމަވެސް، ރޭ ކުޅުނު އެކުވެރިކަމުގެ މެޗުގެ ކުރިން އޭނާ ވަނީ ޓޮޓެންހަމް ދޫކޮށްލަން ނިންމާފައިވާކަން އިއުލާނު ކޮށްފައެވެ. ސޮން، 2015 ވަނަ އަހަރު ބަޔާން ލެވަކޫސަންއިން ޓޮޓެންހަމްއާ ގުޅިފައިވާ އިރު، އެ ކްލަބުގައި ހޭދަކުރި 10 އަހަރުގެ ތެރޭގައި ތަށްޓެއް ލިބުނީ މިދިޔަ ސީޒަނުގައި އެކަންޏެވެ.

ޓޮޓެންހަމްއިން 17 އަހަރަށްފަހު ސޮންއާއެކު ހޯދި ފުރަތަމަ ތަށްޓަކީ ޔޫރޮޕާ ލީގު ތަށްޓެވެ. ޓޮޓެންހަމްއިން މިދިޔަ ސީޒަނުގައި ޔޫރޮޕާ ލީގު ތަށި ހޯދީ މެންޗެސްޓާ ޔުނައިޓެޑާ ވާދަކުރި ފައިނަލުން މޮޅު ވެގެންނެވެ.

އެ ކާމިޔާބީއާ އެކު ސޮންއަށް ޓޮޓެންހަމްއަށް ބޮޑު ކާމިޔާބީއެއް ހޯދައިދެވިފައިވާ އިރު، ކްލަބު ކެޕްޓަން އިއްޔެ ރަސްމީކޮށް ސަޕޯޓަރުންނާ އަލްވަދާއުކީ އުފަން ގައުމުގެ ވޯލްޑް ކަޕު ސްޓޭޑިއަމްގައި 64،773 މީހުން ކުރިމަތީގައެވެ.

ނިއުކާސަލްއާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރުވި އިރު، 65 ވަނަ މިނެޓުގައި ސޮން ބަދަލުކުރުމުން މުޅި ސްޓޭޑިއަމް ތެދުވެ، އޭނާއަށް ތަރުހީބު ދީފައިވެއެވެ. އަދި ސްޕާސް އާއި ނިއުކާސަލް ކުޅުންތެރިން ވަނީ އޭނާއަށް ގާޑް އޮފް އޮނާއެއް ދީފައެވެ.

ހަބަރުތައް ބުނެފައި ވަނީ އިއްޔެގެ މެޗަށްފަހު ސޮން ދެން ޓޮޓެންހަމްއާ އެކު އެނބުރި ލަންޑަނަށް ނުދާނެއެވެ. އޭނާ އަމިއްލަ ގައުމުގައި މަޑުކޮށް، އިތުރު ކްލަބަކަށް ދާން މަސައްކަތް ފަށާނެ ކަމަށް ވެސް ނޫސްތައް ބުނެއެވެ.

އިއްޔެގެ މެޗުގައި ޓޮޓެންހަމްގެ މިޑްފީލްޑަރު ޖޭމްސް މެޑިސަންއަށް ވަނީ ސީރިއަސް އަނިޔާއެއްވެފައެވެ. މެޗުގެ ހަތްވަނަ މިނެޓުގައި މެޑިސަންގެ ކަކުލަށް އަނިޔާވެ، އޭނާ ބާލަން ޖެހުނީ އަށިގަނޑުގައެވެ.

މެޗަށްފަހު ކޯޗު ތޯމަސް ފްރޭންކް ބުނީ އަނިޔާވެފައި ވަނީ މިދިޔަ ސީޒަނުގެ ފަހުކޮޅުގައިވެސް އަނިޔާވި ކަކުލަށް ކަމަށެވެ. އަދި ފެންނަ ފެނުމަށް އަނިޔާ ވަރަށް ސީރިއަސް ކަމަށްވެސް އޭނާ ބުންޏެވެ.