ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ނޯމަލައިޒޭޝަން ކޮމިޓީގެ މަސައްކަތްތައް ދިޔައީ ހިތްހަމަ ޖެހޭ ވަރަށް ރަނގަޅަށް ކަމަށާއި، މެންޑޭޓުގެ ތެރެއިން ގިނަ ކަންތައްތަކެއް ހާސިލުކުރެވުނު ކަމަށް، އެ ކޮމިޓީގެ މެމްބަރުކަން ކުރެއްވި އިސްމާއީލް ސިމަން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ފުޓުބޯޅަ ހާލަތު ބޮއްސުންލައިގެން ދިއުމުން ފީފާއިން އެ މައްސަލައަށް ވަދެ، އެފްއޭއެމް ނޯމަލައިޒް ކުރީ މިދިޔަ އަހަރު އޮގަސްޓް މަހުގެ ތެރޭގައެވެ. ފުރަތަމަ އެ ކޮމިޓީގެ ޗެއާމަނަކަށް ހަމަޖެއްސީ އަހުމަދު ޒުހޫރު ނަމަވެސް، ފީފާއިން ފަހުން ވަނީ ކޮމިޓީގެ ކޮމްޕޮސިޝަން ބަދަލުކޮށްފައެވެ.

ފީފާއިން އެ ކޮމިޓީގެ އަދަދުން ފަހަކުން ތިނަކަށް ކުޑަކުރުމުން، ފަހުން ކޮމިޓީގައި ތިބީ ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކުރީގެ ޗެއާޕާސަން ފަރީހާ ޝަރީފްގެ އިތުރުން، ގާނޫނީ ވަކީލު ސިމަން އަދި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަހުމަދު މުއިއްޒެވެ. ފަހުން ޗެއާމަނަކީ މުއިއްޒެވެ.

"އަޅުގަނޑުމެން މަސައްކަތްތައް ފަށައިގަނެގެން ދިޔައިރު ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވި. އެހެން ނަމަވެސް އެފްއޭއެމް މުއައްޒަފުންނާއި ކްލަބުތަކުން އަދި އެހެނިހެން ފަރާތްތަކުގެ އެއްބާރުލުމާވެސްއެކު ވަރަށް ސްމޫތުކޮށް މި ނިންމާލެވުނީ. އުންމީދުކުރި ވަރަށް މެންޑޭޓުވެސް ފުރިހަމަ ކުރެވިފައި މިއޮތީ. އެހެން ނަމަވެސް، އާ އެކްސްކޯއަށް ވަރަށް ބޮޑެތި މަސައްކަތްތައް ހުންނާނެ. އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ބެލެވެނީ، އެފްއޭއެމްއާ ދެކޮޅަށް ކޯޓުގައި ހިނގަމުންދާ މައްސަލަތައް. އަދިވެސް އެބަހުރި މައްސަލަތައް،" އެފްއޭއެމްގެ އާ އެކްސްކޯ އިންތިހާބުކުރި ކޮންގްރެސްއަށްފަހު "ޕީއެސްއެމްގެ ފޯރި" ޕްރޮގްރާމަށް ވާހަކަ ދައްކަވަމުން ސިމަން ވިދާޅުވިއެވެ.

ސިމަން ވިދާޅުވީ، އެފްއޭއެމްގެ މަސައްކަތްތައް އާ އެކްސްކޯއަށް ހޭންޑްއޯވާ ކުރަމުންދާ އިރު، ސަމާލުކަމަށް ގެންނަން ޖެހޭ ކަންކަން ސަމާލުކަމަށް ގެންނާނެ ކަމަށާއި، މިވަގުތުވެސް ކޮރެއާ ކުންފުންޏަކުން ދައުވާކޮށް، ހުކުމް ކޮށްފައި އޮތް މައްސަލައެއް "ސެޓް އެސައިޑް" ކުރަން ކޯޓަށް ހުށަހަޅާފައިވެސް ވާނެ ކަމަށެވެ. އެއީ ގާތްގަނޑަކަށް 3.4 މިލިއަން ޑޮލަރުގެ މައްސަލައެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން އެޗްޑީސީން ހުޅުމާލޭން އެފްއޭއެމްއަށް ދީފައިވާ ބިން އަލުން އިޔާދަކުރުމަށް މަސައްކަތް ކުރުމާއި، އެ ބިމުން ސަބް ލީސްކޮށްގެން ދީފައިވާ ޕްލޮޓްތަކުގެ ކަންތައްތައް ހިނގާފައިވާ ގޮތް ބެލުމާއި، ގެއްލުނު ފައިސާގެ ތަފްސީލުތައް ހޯދުންވެސް އާ އެކްސްކޯއަށް އޮންނާނެ ކަމަށް ސައިމަން ވިދާޅުވިއެވެ.

އެފްއޭއެމްގެ އާ ރައީސަކަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު އިންތިހާބު ކޮށްފައިވާ އިރު، އެ އިންތިހާބު ބޭއްވީ އަސާސީ ގަވާއިދުވެސް ބަދަލުކޮށް، ވޯޓިން ލިސްޓަށްވެސް ބަދަލުތަކެއް ގެނެސްގެންނެވެ.

"ފީފާ އޭއެފްސީ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނު. ތެދެއް، އަޅުގަނޑުމެން ހަވާލުވި އިރު، ބައިވަރު މައްސަލަތައް އޮތް. އެހެންވިޔަސް، އަޅުގަނޑުމެން މެންޑޭޓަށް ބޮޑަށް ފޯކަސް ކުރި އިރު، މި ތަން ހަމައަކަށް އަޅުވާފަ، އަލުން ހިނގައިގަނެވޭނެ ގޮތަށް ކަންކަން ހައްލުކުރުމަށް އެފަރާތުން އެއްބާރުލުން ދިނީ،" ސިމަން ވިދާޅުވިއެވެ.

ސިމަން އިތުރަށް ވިދާޅުވީ ފީފާއާއި އޭއެފްސީން ބޮޑަށް ލަފާ ދިނީ ފައިސާގެ ކަންކަން ހަމައަކަށް އެޅުވުމުގެ އިތުރުން ހަރުދަނާ ހިންގުމުގެ ނިޒާމަކަށް ތަން ބައްޓަން ކުރުމަށް ކަމަށެވެ. އަދި އާ ހިންގާ ގަވާއިދަކާއެކު އިންތިހާބު ބޭއްވުން އެއީ އަބަދުވެސް ޓާގެޓަކަށްވި ކަމަށް ސިމަން ވިދާޅުވިއެވެ.

ފުޓުބޯޅަ އަލުން ކަލަންޑަރު ކޮށްގެން ނުފެށުނީ ފައިސާގެ ދަތިތަކެއް ހުރުމުން ކަމަށާއި، މިހާރު އާ ހިންގާ ކޮމިޓީއަށް އާ ކަލަންޑަރެއް އެކުލަވާލަން ވަގުތު އެބައޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ދެމިގެންދާނެ ގޮތަކަށް ކަލަންޑަރުގެ އެކުލަވާލައި، އެކަމަށް މިހާރު މަގުފަހިވާނެ ކަމަށްވެސް ފާހަގަކުރެއްވިއެވެ.

މުބާރާތްތައް ރޭވުމަށް ފީފާއާއި އޭއެފްސީގެ ކޮމްޕެޓިޝަން އެކްސްޕާޓެއްގެ އެހީވެސް އާ އެކްސްކޯއަށް ލިބޭނެ ކަމަށް ސިމަން ފާހަގަކުރިއެވެ.