އަޔެކްސްއަށް ކުޅެމުންދިޔަ ނެދަލޭންޑްސްގެ ޑިފެންޑަރު ޖޮރެލް ހަޓޯ، ޗެލްސީއަށް ބަދަލުވެއްޖެއެވެ.

އުމުރުން 19 އަހަރުގެ ހަޓޯ، ޗެލްސީއަށް ބަދަލުވެފައި ވަނީ ހަތް އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. ހަޓޯ ޗެލްސީއަށް ސޮއިކުރިކަން ރޭ އެޓީމުން ވަނީ ރަސްމީކޮށް އިއުލާނު ކޮށްފައެވެ.

މިހާތަނަށް ނެދަލޭންޑްސްއަށް ހަ މެޗު ކުޅެފައިވާ ހަޓޯއަކީ ޗެލްސީން މި ޓްރާންސްފާ ސީޒަނުގައި ސޮއިކުރި އަށްވަނަ ކުޅުންތެރިޔާއެވެ. ފީފާ ކްލަބު ވޯލްޑް ކަޕު ކާމިޔާބުކުރި ޗެލްސީން ވަނީ މިހާތަނަށް މި ޓްރާންސްފާ ވިންޑޯގައި ޖޭމްސް ގިޓެންސް، ޖުއާއޯ ޕެޑްރޯ، ލިއަމް ޑެލަޕްގެ އިތުރުން މަމަޑޫ ސާއާއި ޑާރިއޯ އިސޫގޯ، އެސްޓެވާއޯ ވިލިއަމް އަދި ކެންޑްރޯ ޕައޭޒް އެ ކްލަބަށް ގެންގޮސްފައެވެ.

އޭގެ ތެރެއިން އެސްޓެވާއޯއާއި ޕައޭޒްއަކީ އެ ކްލަބުން ކުރިން އެއްބަސްވެފައިވާ ޓްރާންސްފާތަކެވެ.

ހަޓޯއަކީ އާއްމުކޮށް ވާތް ފަޅިން ފަހަތަށް ކުޅެމުން އަންނަ ޑިފެންޑަރެއް ނަމަވެސް، އޭނާ ސެންޓަ ބެކަށްވެސް ކުޅެފައިވެއެވެ. ޗެލްސީއާ ގުޅުމަށްފަހު އޭނާ ބުނީ ޗެލްސީއަކީ ކެރިއަރުގައި ނެގުނު މުހިއްމު ފިޔަވަޅެއް ކަމަށެވެ.

ހަޓޯ، އުމުރުން 17 އަހަރުގައި އަޔެކްސްއަށް ކުޅެން ފަށާފައިވާ އިރު، އޭނާ ވަނީ އެ ކްލަބަށް 111 މެޗު ކުޅެފައެވެ.