ހައިކޯޓުގެ ފަނޑިޔާރުގެ މަގާމަށް އައްޔަން ކުރައްވަން ނިންމަވާފައިވާ ޏ. ފުވައްމުލަކު، ދޫޑިގަން، ގޯލްޑަންގޭޓް، މުހައްމަދު ޝަހީދު، އޭނާގެ ނަން އަނބުރާ ގެންނަވަން ހުށަހަޅުއްވައިފިއެވެ.
ޝަހީދު، ނަން އަނބުރާ ގެންނަވަން ބޭނުންވާ ކަމަށް ވިދާޅުވެ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީީ)ގެ ރައީސް ހުސައިން ރިޒާ އާދަމަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ އޭނާއަކީ ހައިކޯޓުގެ ފަނޑިޔާރުގެ މަގާމަށް ޝަރުތު ހަމަވާ ބޭފުޅެއް ކަމަށެވެ. އެގޮތުން އޭނާއަކީ ފާއިތުވި ފަސް އަހަރު ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެއް ކަމަށް ޝަހީދު ވިދާޅުވިއެވެ.
ނަމަވެސް އޭނާއަކީ އެ މަގާމަށް ޝަރުތު ހަމަނުވާ ބޭފުޅެއްކަން ދެއްކުމަށް ބައެއް ފަރާތްތަކުން މަސައްކަތްކޮށްފައިވާ ކަމަށެވެ.
އެގޮތަށް އޭނާ އެ މަގާމަށް ޝަރުތު ހަމުނުވާ ކަމަށް އާންމުންގެ މެދުގައި ވިސްނުން އަށަގެންނެވުމަށް ބަޔަކު މަސައްކަތް ކުރަމުން ދާތީ، ފަނޑިޔާރުންގެ ނަޒާހަތްތެރިކަމާ މެދު އާންމުންގެ މެދުގައި ސުވާލު އުފެދިގެންދާނެ ކަމަށް ޝަހީދު ވިދާޅުވިއެވެ.
"ދިވެހި ގައުމަށްޓަކައި އަދި ޖުޑިޝަރީގެ މުސްތަގިއްލުކަން ހިމާޔަތް ކުރުމަށްޓަކައި އަޅާ ފިޔަވަޅެއް މިއީ (ނަން އަނބުރާ ގެންނެވުން). އަޅުގަނޑު ސިޔާސީ މަގާމެއްގައި ހުއްޓަސް އެ މަގާމުން އިސްތިއުފާ ދީފައި މިކަމާ ކުރިމަތިލީ ވެސް ސިޔާސީ ކަންކަމާ ދުރުވުމަށްޓަކައި،" ޝަހީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ހައިކޯޓުގެ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލެއްވީ އަމިއްލަ އިސްނެންގެވުމަށް ކަމަށާއި އެކަމުގައި އެެހެން ބައެއްގެ އަތެއް ނުވާނެ ކަމަށެވެ.
ޝަހީދު އޭނާގެ ނަން އަނބުރާ ގެންނަން އެދި ސިޓީ ފޮނުއްވި އިރު، ޖޭއެސްސީން ވަނީ މިރޭ އޭނާ ފަނޑިޔާރުގެ މަގާމަށް އައްޔަންކުރާ ރަަސްމިއްޔާތު ބާއްވަން ނިންމައިފައެވެ.
އަދި ޝަހީދުއަކީ، ހައިކޯޓުގެ ފަނޑިޔާރުގެ މަގާމަށް ޝަރުތު ހަމަނުވާ މީހެއްކަމަށް ބުނެ ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ވެސް އެ ކޯޓުން ވަނީ ބަލައިގެންފައެވެ.
ޝަހީދަކީ ހަނީ ވެލްޑްރޭޑިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން 2018 ވަނަ އަހަރުގެ ޖުލައި 30 ވަނަ ދުވަހުން ފެށިގެން 2023ގެ ޑިސެންބަރު 23 ވަނަ ދުވަހާ ހަމައަށް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއިން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ ވިތް އޮނަރސް ހާސިލް ކުރައްވައިފައެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވުމުގެ ކުރިން މުހައްމަދު ޝަހީދު ހުންނެވީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައެވެ.
މުހައްމަދު އިޝާން
ޝަރުއީ ދާއިރާ
ޝަރުއީ ދާއިރާ
ޝަރުއީ ދާއިރާ
ޝަރުއީ ދާއިރާ