ސުޕްރީމް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، އެ ކޯޓުގެ އަމިއްލަ އިމާރާތެއް އެޅުމަށްޓަކައި މާލެއިން ބިމެއް ހަމަޖައްސައިދީފިއެވެ.

ސުޕްރީމް ކޯޓުގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އުއްތަމަ ފަނޑިޔާރު އަބްދުލްއަނީ މުހައްމަދު ވިދާޅުވީ ޝަރުއީ ދާއިރާއަށް މިވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަން ކަމަށެވެ. އަދި ރައްޔިތުންނަށް ވީހާވެސް އަވަހަށް އިންސާފު ފޯރުކޮށްދިނުމަކީ ޒިންމާއެއް ކަމަށްވާއިރު، ރާއްޖޭގެ ކޯޓުތަކުގައި ނުނިމި އެއް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މައްސަލަތައް އަވަސްކުރުމަށްޓަކައި، އިދާރީ އަދި ނިޒާމީ ގޮތުން ހުރި ހުރަސްތައް ދެނެގަނެ އެކަންކަން ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

ކޯޓުތަކުގެ ޖާގައިގެ ދަތިކަމަށް ހައްލެއް ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، މާލޭ ކޯޓު ކޮމްޕްލެކްސް އިމާރާތް ކުރުމުގެ މަސައްކަތް މިދިޔަ ޖުލައި މަހު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފައިވާ ކަމަށެވެ. އެކަމަށް ބޭނުންވާ ބިން މިމަހުގެ އަށް ވަނަ ދުވަހު ހަމަޖެހިފައިވާ ކަމަށެވެ.

އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމާޒަކީ 2028 ވަނަ އަހަރުގެ ގަލާއީ މަސައްކަތްތައް އެ އާ އިމާރާތުގައި ފެށުންކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ޖުމްހޫރީ ޒަމާނުގައި އިންތިގާލީ ސުޕްރީމް ކޯޓު މުލިއާގޭގައި ހިންގުމަށްފަހު، މިހާރުގެ ދާއިމީ ކޯޓު ހިންގަމުން އަންނަނީ ތީމުގޭގައި ކަމަށެވެ. މި ދެ ތަނަކީވެސް ހައިބަތު ބޮޑު ތަންތަން ކަމުގައިވީ ނަމަވެސް، އެއީ ޝަރުއީ ކޯޓެއް ހިންގަން ފަރުމާކޮށްފައިވާ ތަންތަން ނޫންކަމުން ގިނަ އުނދަގޫތަކަކާ ކުރިމަތިލާންޖެހުނުކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އެހެންކަމުން، އަލަށް ލިބުނު ބިމަކީ ސުޕްރީމް ކޯޓުގެ މުސްތަގުބަލުގެ ތަސައްވުރު ހަގީގަތަކަށް ހަދައިދޭނެ މުހިންމު ފިޔަވަޅެއް ކަމަށާއި، މި ބިމުގައި އަޅާ އިމާރާތް ވެގެންދާނީ ފަނޑިޔާރުންނާއި މުވައްޒަފުންގެ އިތުރުން ހިދުމަތް ހޯދާ ފަރާތްތަކަށްވެސް ފަހި މާހައުލަކަށްކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.