މެންޗެސްޓާ ޔުނައިޓެޑުން އެޓީމުގެ ޑެންމާކު ފޯވަޑް، ރަސްމުސް ހޮއިލުންޑް ވިއްކާލަން ބޭނުންވެ، އެކަމަށް ރަސްމީކޮށް ފުރުސަތު ހުޅުވާލާފައިވާ ކަމަށް ނޫސްތައް ބުނެފިއެވެ.

ޔުނައިޓެޑުން ޗިކާގޯގައި ދާދިފަހުން ކުޅުނު ޕްރި ސީޒަން އެކުވެރިކަމުގެ މެޗުގައި އެޓީމުން ބޯންމައުތު ބަލިކޮށްފައިވާ އިރު، އެ މެޗުގައި ހޮއިލުންޑް ވަނީ ދެ ގޯލު ޖަހައިފައެވެ. އެ މެޗަށްފަހު ހޮއިލުންޑް ބުނީ ޔުނައިޓެޑުގައި މަޑުކުރަން ބޭނުންވާ ކަމަށް ނަމަވެސް، އެއީ މުޅިން ހަގީގަތަށް އޭނާ ބުނި ވާހަކައެއް ނޫން ކަމަށް ނޫސްތައް ބުނެއެވެ.

ހޮއިލުންޑް، 2023 ވަނަ އަހަރު އެޓަލާންޓާއިން ޔުނައިޓެޑާ ގުޅުނީ 64 މިލިއަން ޕައުންޑްގެ އަގެއްގައެވެ. އޭރު ހޮއިލުންޑް ހޯދަން ޔޫރަޕްގެ ބޮޑެތި ކްލަބުތަކުން މަސައްކަތް ކޮށްފައިވާ އިރު، އޭނާ ޔުނައިޓެޑަށް ގެންދިޔައީ ގޯލު ޖެހުމުގެ މައްސަލައަށް ހައްލެއް ހޯދުމަށެވެ. އެހެން ނަމަވެސް، އޭނާގެ ފޯމު ފެނުނީ ދަށްކޮށެވެ.

ޔުނައިޓެޑަށް ހޮއިލުންޑް މިހާތަނަށް ކުޅުނު 95 މެޗުގައި އޭނާއަށް ކާމިޔާބުކުރެވުނީ 26 ގޯލެވެ.

ހޮއިލުންޑަށް މިދިޔަ ސީޒަނުގައި އަނިޔާގެ މައްސަލަތަކާވެސް ކުރިމަތިވެފައިވާ އިރު، ޔުނައިޓެޑުން މިވަގުތު މަސައްކަތް ކުރަނީ އާރްބީ ލެއިޕްޒިގުގެ ފޯވަޑް ބެންޖަމިން ސެސްކޯ ގެންދަން ކަމަށް އިތުބާރު ނޫސްތަކުން ބުނެއެވެ.

ސެސްކޯގެ އަގު ބޮޑުވާނެ ކަމަށް ލަފާކޮށް، ޔުނައިޓެޑުން ހޮއިލުންޑް ވިއްކާލަން ބޭނުންވަނީ މާކެޓް އަގަށްވުރެވެސް ކުޑަކޮށް، 30 މިލިއަން ޕައުންޑަށް ކަމަށް ބީބީސީ ސްޕޯޓްސްއިންވެސް ބުނެފައިވެއެވެ. ހޮއިލުންޑްގެ މާކެޓް އަގަކީވެސް 43 މިލިއަން ޕައުންޑް ކަމަށް ނޫސްތައް ބުނެއެވެ.