ގދ. އަތޮޅު ކައުންސިލުގެ 16 އަހަރުންދަށުގެ ފުޓްސަލް މުބާރާތުގައި ވާދަކުރާ ގދ. ފަރެސްމާތޮޑާގެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ކާނާ ވިހަވެގެން ފަރުވާދީފިއެވެ.

ގދ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ތިނަދޫ ސިޓީގައި ކުރިއަށްގެންދާ އެ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައިވާ ފަރެސްމާތޮޑާގެ 16 އަހަރުން ދަށުގެ ޓީމުގެ އޮފިޝަލުން ހިމެނޭހެން ގިނަ ކުޅުންތެރިންތަކަކަށް ވަނީ އިއްޔެ އާއި ރޭގެ ވަގުތުތަކެއްގައި ތިނަދޫ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދީފައެވެ.

އެކަމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ބައެއް މީހުން ހިއްސާކޮށްފައިވާ ޕޯސްޓުތަކެއްގައި ބުނީ އެއީ ކާނާ ވިހަވެގެން ދިމާވި މައްސަލައެއް ކަމަށެވެ. އިއްޔެ ގދ. ހޯޑެއްދޫއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ޓީމުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ރެސްޓޯރަންޓަކުން ކެއި އެއްޗެއްގެ ސަބަބުން ހޮސްޕިޓަލުގައި އެޑްމިޑްކޮށް ފަރުވާ ދޭން ޖެހުނު ކަމަށްވެސް ޕޯސްޓުތަކުގައި ބުނެފައިވެއެވެ.

އެކަމުގެ އިތުރު މައުލޫމާތުދެއްވަމުން ފަރެސްމާތޮޑާ ކައުންސިލުގެ ރައީސް އަހުމަދު އިމްތިޔާޒު މިއަދު "ވަން" އަށް މިއަދު ވިދާޅުވީ އޮފިޝަލުން ހިމެނޭހެން ގާތްގަނޑަކަށް 30 ވަރަކަަށް މީހުން ހިމެނޭ ފަރެސްމާތޮޑާ ޓީމު އެންމެން އެއްކޮށް ކައިގެން، އަނެއް ދުވަހު ހެނދުނު ހޭލައިގެން ކުޅުންތެރިންނަށް ގޮތްތަކެއްް ވާން ފެށި ކަމަށެވެ.

ނަމަވެސް އެއީ ސީދާ ރެސްޓޯރަންޓުން ނުވަތަ ގެއިން ކެއި އެއްޗެއްގެ ސަބަބުން ވީ ކަމެކޭ ބުނަން ދަތި ކަމަށް ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

"އެންމެން އެއްކޮށް ކައިގެން ނިންމާލާފައި އަނެއް ދުވަހު ހެނދުނު ހޭލައިގެން ކުޅުންތެރިންނަށް މީގެ އަސަރު ކުރަން ފަށައިފި. މެންދުރު ހިސާބަށް އައިއިރު ހޮޑުލެވި، ގައިގައި ރިއްސައި، އެ ކަހަަލަ ގޮތްތަކެއް ވާން ފެށީ. ކުޅުންތެރިޔަކަށްފަހު ކުޅުންތެރިއެއް ހޮޑުލަވަމުން ދަނީ. އެ ހިސާބުން ހުރިހާ ކުޅުންތެރިން ގޮވައިގެން ހޮސްޕިޓަލަށް ގޮސްފައި އެޑްމިޓްކޮށްގެން ފަރުވާދީފައި ބައެއް ކުޅުންތެރިން ދޫކޮށްލީ،" އިމްތިޔާޒު ވިދާޅުވިއެވެ.

އިމްތިޔާޒު ވިދާޅުވީ ދުކޮށްލުމަށްފަހުވެސް ބާކީ ތިބި ކުޅުންތެރިންނަށްވެސް މެންދުރުން ފެށިގެން ރެއާ ހަމައަށްވެސް އޭގެ އަސަރު ކުރަމުންދިޔަ ކަމަށާއި 10 ކުޅުންތެރިންނަށް އެޑްމިޓްކޮށްގެން ފަރުވާދީފައިވާ ކަމަށެވެ.

"ނުދަންނަވާނަން ރެސްޓޯރަންޓުން ކެއިމައޭ. ދިމާވީ ކެއުމަށްފަހުގައި. ކޭސް އައިގޮތް މި ދަންނަވަނީ. ކެއި ފްރައިޑް ނޫޑުލްސްއާއި ފްރައިޑް ރައިސްއާ. އެކި ކުދިން ކާނީ އެކި އެއްޗެހި. ގެއިންވެސް އެއްޗެއް ކައިގެން އެގޮތަށް ދިމާވެދާނެ. ބޮޑަށް ލަފާކުރެވެނީ އެއްޗެއް ކެއުމުގެ ސަބަބުން ކަމަށް އެކަން ދިމާވީ،" އޭނާ ވިދާޅުވިއެވެ.

"ވަން"އަށް މައުލޫމާތު ލިބިފައިވާގޮތުގައި ކާނާ ވިހަވެގެން ފަރުވާދީފައިވަނީ ގެރީގެ ބާވަތްތަކުގެ ކާނާ ކެއި އޮފިޝަލުންނާއި ކުޅުންތެރިންނަށެވެ.

ފަރެސްމާތޮޑާ ކައުންސިލުގެ ރައީސް ވިދާޅުވީ ރޭގައި ކުޅުންތެރިންތަކެއް އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށްފަހު ހުރިހާ ކުޅުންތެރިން މިހާރު ދޫކޮށްލައިފައިވާ ކަމަށާއި ނަމަވެސް ކުޅުންތެރިންނާއި އޮފިޝަލުން ފަރުވާއަށްފަހު އަދި ރިކަވާ ނުވާ ކަމަށެވެ. އެެހެންކަމުން މުބާރާތުގެ އިންތިޒާމު ކޮމިޓީތަކާ ވާހަކަދައްކައިގެން މާދަމާއަށް މެޗު ރީ ޝެޑިއުލްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މާދަމާއަށް އިތުރު އިޝޫއެއް އަންނާނެ ކަމަކަށް ލަފައެއް ނުކުރެވޭ. އަޅުގަނޑުމެންގެ ކުޅުންތެރިން މިއަދާއި މާދަމާއަށް ރިކަވާ ވާނެ ކަމަށް މި ބަލަނީ. ގަބޫލުކުރަނީ މާދަމާ މެޗު ފެށުމުގެ ކުރިން ހުރިހާ ކުދިން ރިކަވާ ވާނެ ކަމަށް،" އޭނާ ވިދާޅުވިއެވެ.

ފަރެސްމާތޮޑާ ކައުންސިލުގެ ރައީސް އިތުރަށް ވިދާޅުވީ ކާނާ ވިހަވި މައްސަލަ ބެލުމަށް މިހާތަނަށް އެއްވެސް ފަރާތަކަށް ރިޕޯޓުކޮށްފައި ނުވާނެ ކަމަށެވެ.

ސެމީގެ މެޗުގައި މާދަމާ ހަވީރު 5:00 ގައި ފަރެސްމާތޮޑާގެ ޓީމު ނުކުންނާނީ ފިޔޯރީއާ ދެކޮޅަށެވެ. އޭގެ ކުރިން ކުޅޭ ސެމީގެ މެޗުގައި މާދަމާ ހަވީރު 4:00 ގައި ބައްދަލުކުރާނީ ތިނަދޫ އާއި ހޯޑެއްދޫއެވެ.

ސެމީގެ މެޗުތައް ކާމިޔާބުކުރާ ޓީމުތައް ފައިނަލު މެޗަށް ނުކުންނާނީ މިމަހުގެ ފަސްވަނަ ދުވަހުއެވެ. ގދ. އަތޮޅުގެ ނުވަ ރަށުގެ ތެރެއިން އަށް ރަށުން ވާދަކުރާ އެ މުބާރާތުގައި ބައިވެރިވެފައިވަނީ ވާދޫ، ފަރެސްމާތޮޑާ، ފިޔޯރީ، ރަތަފަންދޫ، ނަޑެއްލާ، ހޯޑެއްދޫ، މަޑަވެލި އަދި ތިނަދޫއެވެ.